10 ފެބުރުވަރީ 2025 - 09:31 0
މުހައްމަދު ޝަހްޒާން
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 ފެބުރުވަރީ 2025 - 09:31 0
ޑިސެމްބަރު 11، ގައި ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރި މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރު ކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކުކުރުމާއި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ކުއްލި މައްސަލައެއް ހުށަހަޅަައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ހިދުމަތް ދޭން ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށެވެ.
މީކާއިލް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ޓެކްސީ ޑްރައިވަރުން އެ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ގެންލުންވާފަދަ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް އެ އިހުތިޖާޖު ކުރަމުންދިޔަ ޓެކްސީ ޑްރައިވަރުންނާ ހުރަސް އަޅައި އެ މީހުންގެ ޓެކްސީތަކަށް ގެއްލުންވާ ގޮތަށް ފުލުހުން އަމަލު ކުރީ ކަނޑައެޅިގެން ރައްޔިތުންގެ އަޑު ކަނޑުވައިލުމުގެ ނިޔަތުގައި ކަމަށް މީކާއިލް ބުނެފައިވެ އެވެ.
ފުލުހުން އެގޮތަށް އަމަލު ކުރި ނަމަވެސް ގާނޫނުއަސާސީގައިި ބަޔާންވެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ސަރުކާރުން އަމަލު ކުރަމުން ދަނީ ފަހަރަކު ހައްގަކަށް އަމާޒު ކޮށްފެން އެ ހައްގުތައް އުނިކޮށް ގައިދު ކުރަމުން ގޮސް ނިޒާމީ ސިފައެއްގައި ރައްޔިތުންގެ މިނިވަން ކަމާއި އަސާސީ ހައްގުތައް ދާއިމީ ގޮތެއްގައި ނަގައިލުމުގެ ނިޔަތުގައި ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
މީކާއިލްގެ މައްސަލައިގައި ގޮވާލައިފައި ވަނީ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމަލުތައް މިހާރުން މިހާރަށް ހުއްޓައިލުމަށެވެ. އަދި ޓެކްސީ މުޒާހަރާގެ ތެރެއިން ޓޯކުރި ޓެކްސީތައް މިހާރުން މިހާރަށް ދޫކޮށްލުމަށް އެ މައްސަލައިގައި ގޮވާލައިފައިވެ އެވެ.
Comment