9 ފެބުރުވަރީ 2025 - 16:16 0
އަހުމަދު އާއިދު
ކޫއްޑޫ ބަނދަރުގައި މަސް ދޯނިތަކެއް : އެ ރަށަށް ދާ ދޯނިތަކަށް މިހާރު މަސް ކިރެނީ 10 ދުވަސް ފަހުން --- ފޮޓޯ: އަދަދު
9 ފެބުރުވަރީ 2025 - 16:16 0
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ގއ. ކޫއްޑޫ ގައި ހިންގާ މަސް ފެކްޓަރީއަށް މަސް ކިރަން ދާ ދޯނިތައް 10 ދުވަހުގެ ކިޔޫ އަކަށް އަރުވާ ނަމްބަރު ދޫކުރަން ފަށައިފި އެވެ.
އިއްޔެއާއި މިއަދު އެ ރަށަށް މަސްކިރަން ދިޔަ ދެ ދޯންޏެއްގެ ކެޔޮޅުންނާއި ފަޅުވެރިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ މަސް ކިރޭނެ ކަމަށް މިފްކޯއިން ދިން ތާރީހަކީ މި މަހުގެ 19، އަދި 20، ކަމަށެވެ. މަސް ނުކިރޭ ސަބަބެއް ކޫއްޑޫގައި ތިބި މިފްކޯގެ މުވައްޒަފުން ނުބުނާ ކަމަށްވެސް މަސްވެރިން ބުންޏެވެ.
އަދި، މިއީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅެއް ކަންވެސް މި ނޫހާ ވާހަކަދެއްކި ކެޔޮޅުން ފާހަގަކުރި އެވެ. އިއްޔެ ކޫއްޑޫއަށް މަސްކިރަން ގޮސް 10 ދުވަހުގެ ކިޔޫގައި ޖެހުނު ދޯންޏެއް ވަނީ ލ. އަތޮޅަށް މަސް ކިރަން ދަތުރުކޮށްފަ އެވެ.
މިކަމާ ގުޅިގެން މިފްކޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެ ކުންފުނިން މިހާތަނަށް ބުނީ ކިޔޫއެއް އޮތްކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި ކޫއްޑޫގައި ޖެހިގެން އުޅޭ މައްސަލަ ސާފުކުރަމުންދާ ކަމަށެވެ.
މިއީ ޑިސެމްބަރު ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް އޮންނަ ދޯނިތަކަށް 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ދޭން ސަރުކާރުން ފެށި ފަހުން މިފަދަ މައްސަލައެއް ޖެހުނު ފުރަތަމަ ފަހަރެވެ.
މަސްވެރިން ތުހުމަތުކުރަނީ މިއީ މަސްވެރިކަން ރަނގަޅުވެ މަސްކިރާ މިންވަރު އިތުރުވުމުގެ ސަބަބުން ފައިސާ ދިނުމުގައި ދަތިކަމެއް އަތުވެދާނެތީ މިފްކޯއިން ކުރާ ކަމެއް ކަމަށެވެ. އަދި، މިކަމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަން މި ނޫހާ ވާހަކަދެއްކި ހުރިހާ މަސްވެރިންވެސް ފާހަގަކޮށްފައިވެ އެވެ.
ރައީސްގެ ވައުދާ އެއްގޮތަށް 38 ގަޑިއިރު ތެރޭ މަހަށް ފައިސާ ދޭން ސަރުކާރުން ފެށީ މަސް ކިލޯއެއްގެ އަގުން 20ރ. ދަށް ނުވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ ހިލާފުވުމަށްފަހު އެވެ.
ފައިސާ ލިބުން ލަސްވެ މަސްވެރިން އެކި ފަހަރުމަތިން ކުރި މުޒާހަރާތަކަށްފަހު މިފްކޯއިން މަސް ގަންނަނީ 5ރ. އާއި 16ރ. އާ ދެމެދުގެ ރޭޓުތަކެއްގަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment