10 ފެބުރުވަރީ 2025 - 09:14 0
އަހުމަދު އާއިދު
ރައީސް މުއިއްޒު އާއި ނައިބު ރައީސް ހުސެއިން އަދި މަޖިލީހުގެ ނައިބު ރައީސް ނާޒިމް: މި ތިން ބޭފުޅުން ބައްދަލުކުރެއްވީ މަޖިލީހުގެ ރައީސް ކަމުން އަބްދުއްރަހީމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ އަޑުއަރާފައިވާ ދަނޑިވަޅެއްގައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
10 ފެބުރުވަރީ 2025 - 09:14 0
ރައީސް ޑރ. މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާ ބައްދަލުކުރައްވައިފި އެވެ.
މި ތިން ބޭފުޅުން އިއްޔެގެ ވަގުތެއްގައި މުލިއާގޭގައި ބައްދަލުކުރިކަން ތަފާތު އެކި މަސްދަރުތަކުން "އަދަދު" އަށް ވަނީ ޔަގީންކޮށްދީފަ އެވެ. މައުލޫމާތު ލިބުނު ގޮތުގައި މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ނައިބު ރައީސް ހުސެއިން ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިންނެވެ.
ރައީސް އާއި އެމަނިކުފާނުގެ ނައިބު އަދި މަޖިލީހުގެ ނައިބު ރައީސް ބައްދަލުކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒުއާ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ގޮތުން، ރައީސް އާއެކު އޮތް ގުޅުން ރަނގަޅު ނޫން ކަމަށް އަބްދުއްރަހީމް ވަނީ މި ފަހުން ރާއްޖޭގެ ނޫހަކާ ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރަން، ރައީސް މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.
މި ނުތަނަސްވަކަމުގެ ތެރެއިން، ވެރިކަންކުރާ ޕީއެންސީގެ ހިންގުމާއި ކެމްޕޭން ހަރަކާތްތަކުން އަބްދުއްރަހީމް ވަނީ އެކަހެރިކޮށްފަ އެވެ. އަދި، ސަރުކާރާއި އެސްއޯއީތަކުގައި ތިއްބެވި އަބްދުއްރަހީމްގެ އަރިސް ބޭފުޅުންތަކެއް ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
މަޖިލީހުގެ ރައީސް ކަމުން އަބްދުއްރަހީމް ދުރުކުރަން ޕީއެންސީގެ ތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.
ނަމަވެސް މިހާތަނަށް މިކަމާ ގުޅޭ ގޮތުން ޕީއެންސީން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅަން ސޮއި ހޯދަމުންދާ ކަމުގެ މައުލޫމާތެއް ވެސް އަދި ނުލިބެ އެވެ.
އަބްދުއްރަހީމް ވަކިކުރާ ހާލަތެއްގައި ނާޒިމް އަކީ މަޖިލީހުގެ ރައީސްގެ މަގާމަށް ގެންނަން ރައީސް މުއިއްޒު ބޭނުންވާ އެކަކު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ނޫން ބައެއް މެންބަރުން ވެސް މަޖިލީސް ރައީސްކަމަށް އަންނަން ބޭނުންވެގެން ރައީސްއަށް ދަންނަވާފައިވާ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައިވެ އެވެ.
Comment