9 ފެބުރުވަރީ 2025 - 13:48 0
އަހުމަދު އާއިދު
9 ފެބުރުވަރީ 2025 - 13:48 0
ދިވެހި ސަރުކާރާއި ޖަޕާނުގެ ސަރުކާރާ ދެމެދު ފަސް ވަނަ ފަހަރަށް ޕޮލިސީ ޑައިލޮގެއް ބާއްވައިފި އެވެ.
މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތުގައި ކުރިއަށްދިޔަ މި ޕޮލިސީ ޑައިލޮގު ނިންމާލީ މިއަދު އެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްވަރާތަކުގައި މީގެ ކުރިން ބޭއްވުނު މިފަދަ ހަތަރު ބައްދަލުވުމުގައި ބަދަލުކުރެވިފައިވާ ހިޔާލުތަކަށް އަލިއަޅުވާލާ، ދެ ގައުމުގެ ވަފުދުންވެސް އެކުގައި މަސައްކަތް ކުރުމަށް އައު ހިޔާލުތަކެއް ހުށަހެޅި ކަމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވި ދިވެހި ވަފުދު ލީޑުކުރެއްވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. ޖަޕާނު ސަރުކާރުގެ ވަފުދު ލީޑުކުރެއްވީ ޖަޕާނު ސަރުކާރުގެ ސައުތު އީސްޓް އަދި ސައުތު ވެސްޓު އޭޝިއަން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް މިޔަމޮޓޯ ޝިންހޯ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލި ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި އިގުތިސޯދު ގެ އިތުރުން ތަރައްގީއާއި ސަގާފީ ގޮތުން ރާއްޖެއާއި ޖަޕާނުން ބާއްވާ ގާތް ގުޅުން ހިމެނެ އެވެ.
"މިހާރު ގާއިމުވެފައިވާ އިގުތިސޯދީ ގުޅުންތައް ބަދަހިކޮށް، ވިޔަފާރީގެ އާ ދާއިރާތަކުން ގުޅުން ގާއިމުކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފަ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި، ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދޭ ގައުމެއްކަން ފޮރިން މިނިސްޓްރީގެ މިއަދުގެ ބަޔާނުގައިވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން، މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސުލްހައަށް ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށާއި މޫސުމީ ވިލުންތެރިކަމުގައި އެހީވުމަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ،
"މޫސުމީ ބަދަލުތަކާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް މިއަދުގެ މަޝްވަރާގައި ވަނީ ވާހަކަދެކެވި ހިޔާލު ބަދަލުކުރެވިފަ،" ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.
ދެ ގައުމުން ދެން ޕޮލިސީ ޑައިލޮގެއް ބާއްވާނެ ތާރީހެއް ފޮރިން މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment