Advertisement

ފުރުސަތުގެ ބޭނުންހިފަން އެޓަލަންޓާ އަށް މުހިންމު މޮޅެއް

9 ފެބުރުވަރީ 2025 - 11:37 0

އެޓަލަންޓާގެ ރެޓެގީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފުރުސަތުގެ ބޭނުންހިފަން އެޓަލަންޓާ އަށް މުހިންމު މޮޅެއް

9 ފެބުރުވަރީ 2025 - 11:37 0

މިލާން (ފެބްރުއަރީ 9) - އިޓާލިއަން ލީގުގައި ރޭ ހެލަސް ވެރޯނާ އަތުން 5-0 އިން މޮޅުވެ، އެޓަލަންޓާ އިން ލީގުގެ ރޭހުގައި ކުރިއަށްދާން މުހިންމު މޮޅެއް ހޯދައި ފުރުސަތުގެ ބޭނުން ހިފައިފި އެވެ.

މި ހަފްތާގައި ކުޅުނު މެޗުން ފިއޮރެންޓީނާ އަތުން އިންޓަ މިލާން މޮޅުވުމުން، ލީގުގެ ދެ ވަނަ އަށް އެރުމަށް އެޓަލަންޓާ އަށް ރޭ ލިބުނީ މުހިންމު މޮޅެކެވެ. ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 23 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އަށް 23 މެޗުން ހަމަކުރެވުނީ، 51 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް 24 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި އެޓަލަންޓާގެ ތަރިއަކީ އިޓަލީ ގައުމީ ޓީމުގެ ފޯވާޑް، މަޓެއޯ ރެޓެގީ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ރެޓެގީ ހަތަރު ގޯލު ހެލަސް ވެރޯނާ ކޮޅަށް ޖެހިއިރު، އެ ޓީމުގެ އަނެއް ގޯލު ކާމިޔާބުކުރީ ބްރެޒިލްގެ މިޑްފީލްޑަރު، އެޑަސަން އެވެ.

ލީގުގައި މި ހަފްތާގައި، އޭސީ މިލާނުން 2-0 އިން އެމްޕޮލީ ބަލިކުރިއިރު، ޔުވެންޓަސް އިން ކޯމޯ ދަނޑުގައި މޮޅުވީ 2-1 އިންނެވެ.

މިލާނަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ރަފައެލް ލެއާއޯ އާއި ސަންޓިއާގޯ ހިމެނޭޒް އެެވެ. މި ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ، ކްރިސްޓިއަން ޕުލިސިޗް އެވެ. މި މެޗުގައި، މިލާނުގެ ފިކާޔޯ ޓޮމޯރީ އަށް ރަތް ކާޑެއް ދެއްކިއިރު، އެމްޕޮލީގެ ލޫކަ މަރިއަނޫޗީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެހެންވެ، ދެ ޓީމުން ވެސް ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ.

ކޯމޯ އަށް އަސޭނޭ ޑިއާއޯ ލަނޑު ޖަހައިދިންއިރު، ޔުވެންޓަސްގެ ދެ ގޯލު ވެސް ޖެހީ، ޕީއެސްޖީ ދޫކޮށް ޔުވެންޓަސް އަށް ދާދި ފަހުން ބަދަލުވި، ރަންޑަލް ކޯލޯ މުއާނީ އެވެ.

ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށް 24 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، މިލާން ހަތް ވަނައިގައި އޮތީ 23 މެޗުން 38 ޕޮއިންޓާ އެކު އެވެ.