Advertisement

މެންބަރުންގެ އަދަދު ކަނޑައެޅުމާއި އިންތިހާބުތައް އެއްކޮށްލުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓަށް މި އަހަރު އަހަނީ

6 ފެބުރުވަރީ 2025 - 06:50 0

ސާއިފް ޝިޔާދު

ސ

Advertisement

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވޯޓު ލައްވަނީ. މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ވަނީ ހުށަހަޅުއްވާފައި. --- ފޮޓޯ: އަދަދު ފައިލް


މެންބަރުންގެ އަދަދު ކަނޑައެޅުމާއި އިންތިހާބުތައް އެއްކޮށްލުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓަށް މި އަހަރު އަހަނީ

6 ފެބުރުވަރީ 2025 - 06:50 0

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މި އަހަރު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވާހަކަ ދައްކަވަމުން ރައީސް ވަނީ މި އަހަރު މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބައެއް ބިލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، އެންމެ މުހިންމު ބަދަލެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުން،" ރައީސް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާން ޖެހޭ ކަންކަމުގައި އެ ވޯޓު ނެގޭނެ ގޮތުގެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކުރަން،" ރައީސް ވިދާޅުވި އެވެ.

Advertisement

މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގަ އެވެ. އެ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުން ހަފުތާއެއް މަދުވިޔަސް، ވެރިކަމުގެ ދައުރު ނިމި، އާ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު 11 އަށް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ދިވެހިޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް އިބްރާހިމް ނާސިރު ވެރިކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 11، 1968 ގައި ކަމަށް ވާތީ އެވެ.

އެ ތާރީހުން ފެށިގެން ވެރިކަމުގެ އާ ދައުރެއް ފަށަނީ ކޮންމެ ފަސް އަހަރަކަށް ފަހު، ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. ނަމަވެސް އެ ތާރީހު ބަދަލުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މައްސަލަތައް ކޯޓުން ލަސްވެގެން ދިޔުމާއެކު، އިންތިހާބުގެ ފަހު ބުރު ބޭއްވުން ލަސްވެގެން ދިޔުމުންނެވެ. އެހެންވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާ ކުރައްވައި ދައުރު ފެށުނީ އެ އަހަރުގެ ނޮވެމްބަރު 17 އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ވެސް ރައީސް މުއިއްޒު ކުރިން ފެށިގެން ދައްކަވާ ވާހަކަ އެކެވެ. އެ ބަދަލު ގެންނަން ޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރައްވަނީ ކައިރި ކައިރީގައި ދެ އިންތިހާބު ބޭއްވުމުން ހަރަދު ބޮޑުވުމެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި އެންމެ މަތިން ވޯޓު ލިބޭ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓުގެ ގޮތަށް ބަދަލުކުރަން ފެނޭތޯ ވެސް ރައްޔިތުންގެ ވޯޓަށް އަހާނެ ކަމަށް ވެސް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް މި ފަހަރުގެ ރިޔާސީ ބަޔާނުގައި އެ ވާހަކަ ދައްކަވާފައި ނުވެ އެވެ.

އާންމުކޮށް ބާއްވާ އިންތިހާބުތައް ފިޔަވައި ރައްޔިތިންގެ ފެންނަ ނުފެންނަ ވޯޓެއްގެ ނަގައިގެން އެންމެ ފަހުން ކަމެއް ކަނޑައެޅީ ގާނޫނު އަސާސީގައި ވެރިކަން ހިންގާ ނިޒާމު ކަނޑައެޅުމަށެވެ.