Advertisement

ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

6 ފެބުރުވަރީ 2025 - 11:28 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

6 ފެބުރުވަރީ 2025 - 11:28 1

ކޯޓުތަކުގައި މައްސަލަތައް ނުހިނގައި ލަސްވާ މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި މިއަހަރު ކޯޓު ކޮމްޕްލެކްސްއެއް އިމާރާތްކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުން ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނުހަނު އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިގޮތުން މި އަހަރު ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި ކޮމްޕްލެކެސް ނިމެންދެން ވެސް ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓު ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިކަމަށްޓަކައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓް ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމާލެވޭނެ. ނަތީޖާއެއްގެ ގޮތުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި އިމާރާތް ގާއިމުކުރުމުން ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ކޯޓު ކޮމްޕްލެކްސްއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެއް ނުވެ އެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ތާވަލުނުކުރެވި ލަސްވާ މައްސަލައަކީ ޝަރުއީ ދާއިރާގައި އަބަދުވެސް އޮތް މައްސަލައެކެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ކޯޓުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލައެވެ.

ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި ވަގުތީ އިމާރާތެއް ހެދުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރެވެ. މިހާތަނަށް ވެސް އެ މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ. މި ސަރުކާރުން ވަނީ ހުޅުމާލޭގައި ކްރިމިނަލް ކޯޓު ހިންގުމަށް ހަދާ އިމާރާތުން ބައެއް ޑްރަގް ކޯޓަށް ދިނުމަށް ނިންމާފަ އެވެ.