6 ފެބުރުވަރީ 2025 - 10:05 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
6 ފެބުރުވަރީ 2025 - 10:05 0
ޑޮލަރު މާރުކުރުން ލާޒިމުކުރާ ގާނޫނާއެކު މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ހޯދަން ކަޅު ބާޒާރަށް ދާން ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޓޫރިޒަމް ވިޔަފާރިތަކާއި 15 މިލިިއަނަށް ވުރެ މަތިން ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުގެ ހެޔޮ އަސަރު ވަރަށް އަވަހަށް ދައުލަތުގެ ރިޒާވަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރަން ފަށާނެ ކަމަށެވެ.
"މިގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ،" މިއަދު ރައީސް ވިދާޅުވި އެވެ.
ނަމަވެސް މީގެ ކުރިން އެމަނިކުފާނު ވަނީ އެކަން މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ތާރީހު ލަސްވީ ސަބަބެއް ވިދާޅެއް ނުވެ އެވެ.
މީގެ އިތުރުން، އަންނަ އަހަރުން ފެށިގެން އާންމު ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން ބޭރުގެ ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓާގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ،" ރައީސް މިއަދު ވިދާޅުވި އެވެ.
މިއީ މީގެ ކުރިން ވެސް އެމަނިކުފާނު ދެއްވާފައިވާ ތާރީހުތަކެވެ.
އަލަށް އެކުލަވާލެއްވި ގާނޫނަށް ގިނަ ރިސޯޓުތަކުން އެއްބާރުލުން ލިބޭ ކަމަށާއި މިހާތަނަށް 25 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖެނުއަރީ 29، ގައި ވިދާޅުފަ އެވެ.
މިގޮތުން މަދު ރިސޯޓުތަކެއް ފިޔަވައި، އެހެން ރިސޯޓުތަކުން ގާނޫނަށް ތަބާވެ ޑޮލަރު މާރު ކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ކުރިއަށްދާނަމަ ގާނޫނު ފުރިހަމައަށް ތަންފީޒު ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.
Comment