Advertisement

އަމާޒަކީ ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން: ރައީސް

6 ފެބުރުވަރީ 2025 - 10:06 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަވަނީ. ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދެއްކެވި --- ފޮޓޯ: ރައީސް އޮފީސް


އަމާޒަކީ ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން: ރައީސް

6 ފެބުރުވަރީ 2025 - 10:06 0

މި އަހަރުގެ އަމާޒަކީ ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކޮށް ގައުމަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލު ހޯދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ބައެއް މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި ކުރިއަށްދާނެ އިގުތިސޯދީ ހަރަކާތްތަކާއި އެ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

"އިގުތިސޯދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި. ޒަމާންތަކެއް ވަންދެން، ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ދައުލަތުގެ ހަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތެއް ކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބު ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވި އެވެ.

އެ މައްސަލައަށް ހައްލު ހޯދަން ބޭނުންވާ ކަމަށާއި އެ ކަން ކުރުމަށް ޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށަ އަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން. މިގޮތުން އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު, މިދިޔަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސް ކުރަން ހުށަހެޅި އަދަދާ އެކީ އެ އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް 21.8 ބިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނީ ހުންނާނެ ކަމަށް ލަފާކުރަނީ 146.6 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓެވެ.

މިދިޔަ އަހަރުގެ ރިކަރަންޓު ހަރަދު 33.9 ބިލިއަން ރުފިޔާގައި ހުރިއިރު, ކެޕިޓަލް ހަރަދުތައް ހުރީ 14.6 ބިލިއަން ރުފިޔާގަ އެވެ. ރިކަރަންޓު ހަރަދުތަކުގެ ބޮޑު ބައެއް ހިންގީ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށެވެ. އަދި ކެޕިޓަލް ހަރަދުތަކުގެ ބޮޑު ބަޔެއް ހިނގީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ.