5 ފެބުރުވަރީ 2025 - 14:40 0
މުހައްމަދު ޝަހްޒާން
ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް -- ފޮޓޯ: އަަދަދު ފައިލް
5 ފެބުރުވަރީ 2025 - 14:40 0
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށް ނިމިފައި ހުރި ފުލެޓުތައް އޭގެ ހައްގުވެރިންނާ ހަވާލު ނުކޮށް، އެ މަޝްރޫއު ހިންގުމަށް އިންޑިއާއިން ނެގި ލޯނަށް ފައިސާ ދެއްކުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރަމުންދާ މައްސަލައިގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ވެރިން މަޖިލީހަށް ހާޒިރު ކޮށްދޭން އެދި، ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސިޓީއެއް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި މުހައްމަދު އިބްރާހިމް އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4000 ހައުސިން ޔުނިޓުގެ މަޝްރޫއު ހިންގަން އިންޑިއާއިން ނެގި ލޯނުގެ ރިޕޭމަންޓުގެ ގޮތުގައި ކޮންމެ މަހަކު، 23.3 މިލިއަން ރުފިޔާ ދައުލަތުން ދައްކަމުންދާ ކަމަށެވެ. އަދި އެފްޑީސީ މުވައްޒަފުންގެ މުސާރަ އާއި ރިކަރަންޓު ހަރަދުތަކަށް މަހަކު 3.2 މިލިއަން ރުދިޔާ ހަރަދު ކުރާކަން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ކަމަށް މުހައްމަދު އިބްރާހިމްގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.
ކަން އެހެން އޮތްއިރު، އެ މަޝްރޫއުގެ ދަށުން މިހާރު ނިންމާފައިވާ 744 ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށް މިހާރު މަސައްކަތް ނިމިފައި އޮތް ކޮމާޝަލް އޭރިއާ ކުއްޔަށް ދޫކޮށްފި ނަމަ ދައުލަތަށް މަހަކު 10 މިލިއަން ރުފިޔާ ލިބޭނެ މުހައްމަދު އިބްރާހިމް ލަފާ ކުރައްވާފައިވެ އެވެ.
ނަމަވެސް ނިމިފައި ހުރި ފްލެޓުތައް ވެސް އޭގެ ހައްގުވެރިންނަށް ހަވާލު ނުކޮށް ލަސް ކުރަމުންދާތީ 4000 ފްލެޓު އެޅުމަށް އިންޑިއާއިން ނެގި ލޯނު މިހާރު ދައްކަމުން ދަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް މުހައްމަދު އިބްރާހިމްގެ ސިޓީގައި ލިޔުއްވާފައިވެ އެވެ. އަދި އެއީ ގަސްތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރުން ކަމަށް ވެސް މުހައްމަދު އިބްރާހިމް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރަމުންދަނީ ކޮން ސަބަބަކާ ހުރެތޯ ބެލުމަށް އެފްޑީސީގެ ވެރިން މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށް މުހައްމަދު އިބްރާހިމް ވަނީ އެދިވަޑައިގެންފަ އެވެ.
Comment