4 ފެބުރުވަރީ 2025 - 14:11 2
މުހައްމަދު ޝަހްޒާން
ރާއްޖެ ޓީވީން ގެނެސްދިން ލަވައިގެ ތަންކޮޅެއް؛ އެ ޓީވީގެ މައްސަލައެއް ބްރޯޑްކޮމްއިން ބަލަން ފަށާފައި މިވަނީ އެ ކޮމިޝަނަށް ދެ މެންބަރުން އައްޔަނު ކުރިތާ މާގިނަ ދުވަހެއް ނުވަނީސް -- ފޮޓޯ: ސެނެޕްޝޮޓް
4 ފެބުރުވަރީ 2025 - 14:11 2
މިދިޔަ މަހު ރާއްޖެ ޓީވީން ބްރޯޑްކާސްޓު ކުރި ވީޑިއޯ ލަވައެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ބްރޯޑްކޮމްއިން އިއްޔެ ރާއްޖެ ޓީވީއަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ މިދިޔަ މަހުގެ 26، ގައި ރާއްޖެ ޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުނޑިއްޖެއޭ،" ލަވައިގެ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލަ ބްރޯޑްކޮމްއަށް ހުށަހަޅާފައި ވަނީ މި ހަފުތާގެ އާދީއްތަ ދުވަހު އެވެ. ނަމަވެސް މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ބްރޯޑްކޮމްގެ ލިޔުމުގައި ބަޔާން ކޮށްފައެއް ނުވެ އެވެ. ބްރޯޑްކޮމްގެ ލިޔުމުގައި އެދިފައި ވަނީ އެ ކޮމިޝަނުން މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން، އެ ލަވައިގެ ކޮންޓެންޓް ރައްކާ ކޮށްފައި ބެހެއްޓުމަށެވެ.
ރާއްޖެޓީވީން ގެނެސްދިން ލަވައިގެ ޅެން ހަދާފައި އޮތީ އެ ޓީވީގެ މަސްއޫލުވެރިޔާ، އަހުމަދު ސަލީމްގެ ކޮއްކޮ، އާމިރު ސަލީމް އެވެ. އެ ލަވައިގައި މައިގަނޑު ގޮތެއްގައި ފާޑުކިޔާފައި ހުރީ ރައްޔިތުންނަށް މި ސަރުކާރުން ކޮށްނުދީ ދިގުލައިގެންދާ ކަންކަމަށެވެ.
އެގޮތުން މިިދިޔަ ސަރުކާރުން މާލެ ރައްޔިތުންނަށް ދޫކުރި ފްލެޓާއި ގޯތިތައް ހަވާލު ކުރުން ލަސްވަމުންދާ މައްސަލަ އާއި މާލޭގައި ފެންބޮޑުވާ މައްސަލަ އިތުރަށް ގޯސްވުމުގެ އިތުރުން ރައްޔިތުން ހާލުގައި ތިއްބައި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ދަތުރު ކުރެއްވި ވާހަކައަށް އެ ލަވައިގައި ފާޑުކިޔާފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment