Advertisement

ހަފްތާއެއްގެ ތެރޭ ޑެމްބެލޭ އަށް ދެ ވަނަ ހެޓްރިކް

2 ފެބުރުވަރީ 2025 - 10:50 0


ހަފްތާއެއްގެ ތެރޭ ޑެމްބެލޭ އަށް ދެ ވަނަ ހެޓްރިކް

2 ފެބުރުވަރީ 2025 - 10:50 0

ޕެރިސް (ފެބްރުއަރީ 2) - ހަފްތާއެއްގެ ތެރޭގައި އޮސްމާން ޑެމްބެލޭ ހެދި ދެ ވަނަ ހެޓްރިކާ އެކު، ޕީއެސްޖީން ރޭ ފްރެންޗް ލީގުގައި ބްރެސްޓް އަތުން 5-2 އިން މޮޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން ސްޓުޓްގާޓް ބަލިކުރި މެޗުގައި ވެސް ޑެމްބެލޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ރޭގެ މެޗުގައި ބްރެސްޓް ކޮޅަށް ހެދި ހެޓްރިކާ އެކު ޑެމްބެލޭ ވަނީ އެންމެ ފަހުން ކުޅުނު އަށް މެޗުން 14 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗަށް ފަހު، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، ޑެމްބެލޭ އަކީ ކޮން ލެވަލެއްގެ ކުޅުންތެރިއެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި މީގެ ބޭނުންވަނީ އެއް ފެންވަރެއްގައި ގިނަ މެޗުތަކުގައި ކުޅެވޭ ވަރަށް އޭނާގެ ކޮންފިޑެންސް ރަނގަޅު ލެވަލެއްގައި ބެހެއްޓުން ކަމަށެވެ.

ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުގައި ވެސް ކުޅެން ޖެހޭނީ މި މަހު ބްރެސްޓާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ އަނެއް ގޯލުތައް ޖަހައިދިނީ ގޮންޒާލޯ ރާމޯސް އެވެ. ބްރެސްޓްގެ ގޯލުތައް ޖެހީ، ރޮމެއިން ޑެލް ކަސްޓީލޯ އާއި ލުޑޯވިކް އަޖޯކް އެވެ.

ޕީއެސްޖީ މި ވަގުތު ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 20 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މޮނާކޯ އަށް 20 މެޗުން 37 ޕޮއިންޓް ލިބިފައިވެ އެވެ.

ޕީއެސްޖީން މަސައްކަތްކުރަމުން އަންނަނީ ޖެހިޖެހިގެން ހަތަރު ވަނަ ލީގު ތަށި އަދި 13 އަހަރު ތެރޭ 11 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށެވެ.