ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފި އެވެ.
ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ.
"ހޯރަފުށީ ކައުންސިލާއި އިދާރާތަކުން އަދި ރައްޔިތުން ހުށަހަޅާފައިވާ އެންމެ އެދޭ، އެންމެ ބޭނުންވާ ކަންކަމަށް ބައްދަލަވައި އެކަންކަން ފައްޓަވައިދެއްވުމަށް އިއްޒަތްތެރި ރައީސަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
ޖެނުއަރީ 29، 2025 ގައި ރައީސް މުއިއްޒު ހޯރަފުށްޓަށް ކުރެއްވި ދަތުރުގައި، ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅި ކަންކަން ހިއްސާ ކުރުމަށް ރައްޔިތުން ތަކުރާރުކޮށް އެދޭ ކަމަށް ބުނެ، އެ ކަންކަން ކަންކަން ބަޔާނުގައިވެ އެވެ.
ކައުންސިލްގެ ބަޔާނުގައި 25 ކަމެއް ކޮށް ދިނުމަށް ހުށަހަޅާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ޖަލްސާގައި. -- ފޮޓޯ: ރައީސް އޮފީސް
ހޯރަފުށީ ރައްޔިތުން އެންމެ އެދޭ އަދި އެންމެ ބޭނުންވާ ހިދުމަތްތަކާއި ކަންތައްތައް:
- އަމަލީ މަސައްކަތް ފެށިފައިވާ ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް މިހާރަށް ވުރެ އަވަސްކޮށް ހިދުމަތް ވީ އެންމެ އަވަހަކަށް ފެށުން
- ހޯރަފުށީގައި ޒަމާނީ ކުނި ކޮށްޓެއް، ޒަމާނީ ވަސީލަތްތަކާއެކު ގާއިމު ކުރުމަކީ ރައީސްގެ ފައުދެއް ކަމުގައި ވީހިނދު ޒަމާނީ ވަސީލަތްތަކާއެކު ޒަމާނީ ކުނިކޮށްޓެއް ގާއިމު ކުރުމާއި، ކުނިކޮށީގެ ބިން އިތުރުކުރުން. އަދި ވެމްކޯގެ އެހީތެރިކަމާއެކު މި އަހަރު ކުނި މެނޭޖުކުރުމަށް ފެށުން
- ހައުސިން ޔުނިޓުތައް ގާއިމުކުރުން.
- ބިން ހިއްކުން.
- ހޯރަފުށީގައި އެމްއެންޑީއެފްގެ އިމާރާތެއް ގާއިމުކުރުން.
- ތާރީހީ ގޮތުން ހޯރަފުށީގެ ރައްޔިތުން އެންމެ ފުރަތަމަ ދިރިއުޅުނު ރަށަކީ ހއ. ހުވަހަންދޫ ކަމަށް ވީހިނދު އަދި ހޯރަފުށްޓާއި އެއްފަޅެއްގައި ހުވަހަންދޫ ހިމެނިފައި ވީހިނދު ސިނާއީ މަސައްކަތްތަކާއި އެނޫންވެސް ބޭނުންތަކަށް ނުހަނު މުހިއްމު ވާހިނދު ހއ. ހުވަންދޫ ހޯރަފުށީގެ އިހުތިސާސްގެ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުން.
- ރަށުގެ ބަނދަރު ޒަމާނާ އެކަށީގެންވާ ގޮތަށް ބޮޑުކޮށް ދިނުން.
- ހޯރަފުށީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން.
- ހިނަވާގެއެއް ނެތުމުގެ ދަތިކަމަށް ހައްލެއް ހޯދުން އަދި ފުރިހަމަ އިސްލާމިކް ސެންޓަރެއް ބިނާކުރުން
- އިންޑޯ ގޭމްތައް ކުޅެވޭ ކޮމިއުނިޓީ ކޮމްޕްލެކްސްއެއް ގާއިމުކޮށް ދިނުން
- އައިޑީ ކާޑް ޕްރިންޓުކޮށް ޕާސްޕޯޓުގެ ހިދުމަތް ފެށުން
- ހއ ވެލިފިނޮޅު އަލުން ހޯރަފުށީގެ އިހުތިސޯސްގެ ތެރޭގައި ހިމެނުން.
- ގެސްޓުހައުސް ޒޯނަށް ދާއިމީ ފެނާއި ނަރުދަމާ އަދި ކަރަންޓު ލައިދިނުމަށް އަވަސްކޮށް ދިނުން.
- ބޮޓްލިން ޕްލާންޓު ވީހާ ވެސް އަވަހަކަށް ހިދުމަތަށް ގެނެސްދިނުން
- އައިސްޕްލާންޓުގެ ހިދުމަތް ވީހާވެސް އަވަހަކަށް އަލުން ފެށުން
- އަމަލީ މަސައްކަތް ފެށިފައިވާ ފެނަކަ އޮފީސް އާ އިމާރާތް ވީހާ ވެސް އަވަހަކަށް ނިންމުން
- ކަނބަލުންނަށް ހާއްސަކޮށް ހޭންޑް ބޯލް ކޯޓަކާއި އައުޓު ޑޯ ޖިމެއް ގާއިމުކޮށް ދިނުން

ހއ. ހޯރަފުށި. -- ފޮޓޯ: ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)
ހޯރަފުށީގެ މުވައްސަސާތަކުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް:
- އެތެރެހަށީގެ ޑޮކްޓަރެއް ހަމަޖައްސައި ހަމަޖެއްސުން
- ހއ. އަތޮޅު މަދަރުސާ އަށް އާ އޮފީސް އިމާރާތެއް ގާއިމުކޮށް ދިނުން.
- ސްކޫލު ވަށާފާރު އުސްކުރުން
- ކަރަންޓުގެ މައްސަލަ ހައްލުކުރަން އެއް މެގަވޯޓުގެ އިންޖީނެއް ހޯދުން
- 50 ޓަނުގެ ދެ ފެން ޕްލާންޓު ބެހެއްޓުން
- ހޯރަފުށީ ކޯޓުގެ އާ އިމާރާތުގެ ފަރުނީޗަރު ހަމަޖެހިގެން ދިޔުން.
- މެޖިސްޓްރޭޓަރަކުން ހަމަޖެއްދުން.
- މެޖިސްޓްރޭޓު ކޯޓުގެ ވަށާފާރުގެ ބަޖެޓު ހަމަޖެއްސުން
Comment