ދައުލަތުގެ ނިޒާމީ އިންތިޒާމާ މެދު އަލުން ވިސްނަންޖެހިފައި

2 ފެބުރުވަރީ 2025 - 04:28 62

ފައްޔާޒު އިސްމާއީލް

ފ


ދައުލަތުގެ ނިޒާމީ އިންތިޒާމާ މެދު އަލުން ވިސްނަންޖެހިފައި

2 ފެބުރުވަރީ 2025 - 04:28 62

އަޅުގަނޑުމެންގެ އުމުރުގެ މީހުން، އެމީހުންގެ އުމުރުގެ ބޮޑުބައި ހޭދަކުރީ ޑިމޮކްރެސީގެ އަސާސްތަކަށް އަހުލުވެރިނޫން ރާއްޖެއެއްގަ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ދައުލަތެއްގައި ރައްޔިތުންގެ ބާރުވެރިކަމަކީ އޭރު އަޅުގަނޑުމެންގެ ރާއްޖޭގައި ބަލައިގަނެފައިވާ އުސޫލުތަކެއްވެސް ނޫނެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ގިނަ ބަޔަކަށް އާދަވެފައި އޮތީ ދެއްވީމާ ދެއްވި ވަރަކަށް ރުހިގެން ތިބުމެވެ. "ދިވެހިރާއްޖެއަކީ، ދުނިޔެއާ އެކަހެރި، ވަސީލަތްތައް މަދު ގައުމެއް" ކަމަށް ދައުލަތުގެ އިސްވެރިން ވިދާޅުވީމާ އެއީ ހަމަ ތެދެއްކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބީމެވެ. މިހެން ތިއްބައި، ހިޔާލު ފާޅުކުރުމުގެ ހިތްވަރު ހުރި ދެތިން ބޭފުޅަކު ކުރިއަށް ޖެހިލައި، ތަފާތު ވިސްނުން ނެރެ ފާޅުކުރަމުން ގެންދިޔައެވެ. ޑިމޮކްރެސީގެ އަސާސްތަކާއި، ދުނިޔޭގެ ކަންހިނގާ މަގު އެންމެންނަށް އެނގި ސާފުވެގެން ދިއުމުގެ ނަތީޖާއަކަށްވީ، ދިވެހިންނަށް ލިބުނަނުދީ ހިފަހައްޓާފައި އޮތް ހައްގު ދިވެހިން އަމިއްލައަށް، ގަދަ ބާރުން ހޯދައިގަތުމެވެ.

ދިވެހިރާއްޖެ މިހާރު މިދެކޭ ގާނޫނުއަސާސީ ޑްރާފްޓުކުރުމުގައި ފިކުރުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަޅުގަނޑަށްވެސް ފަހިވެފައި އޮތެވެ. މި ގާނޫނުއަސާސީ ޑްރާފްޓުކުރެއްވުމުގެ މަސައްކަތުގައި އުޅުއްވި ވަކީލުންނާއި، އެކަމުގައި އިސްކޮށް އުޅުއްވި ސިޔާސީ ބޭފުޅުންނާއެކު އެކަމުގެ މަޝްވަރާތައް ކުރަމުން ގެންދިޔައީމެވެ. އެކަމަކު، ގާނޫނުއަސާސީގެ ވަރަށް ގިނަ މާއްދާތައް އެހުރީ އަޅުގަނޑުމެން އޭރު މަޝްވަރާ ކުރި ގޮތަކަށް ނޫނެވެ. އޭރުގެ ސިޔާސީ މަސްރަހު އޮތްގޮތުން، ވެރިކަން ބަދަލުވެގެންދާނޭކަން ކަށަވަރުކުރުމަށް ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުން ވަރަށް ބޮޑު އިސްކަމެއް ދީފައި އޮތެވެ. ގެނެވިފައި ހުރި ހެޔޮ ބަދަލުތައްވެސް ގެނެވުނީ ވަރަށް ގިނަ އިދިކޮޅު ހެދުންތަކާއެކު، ރައްޔިތުންގެވެސް ބާރު އެޅުމާއި، އިހުތިޖާޖުގެ ތެރެއިންނެވެ. އޭރުވެސް ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުންގެ މައްޗަށް ޖިނާއީ ތަހުގީގުތައް ހިންގަމުން ގެންދިޔަ އެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުން ހުއްޓައެއް ނުލަ އެވެ. އެހެންކަމުން، ގާނޫނުއަސާސީ ހުރިހާ ގޮތަކުން ފުރިހަމަ ކުރުމަށްވުރެ ބޮޑު އިސްކަމެއް ދެވިފައި އޮތީ އަވަހަށް ނިންމުމަށެވެ. އަޅުގަނޑުމެންވެސް އެކަމަށް ރުހުނީ އެއީ ފެށުމެއް ކަމަށް ބަލާފަ އެވެ. ގެންނާންޖެހޭ ބަދަލުތަކަކީ ރައްޔިތުންގެ ރުހުމާއެކު ފަހުން ގެނެވިދާނޭ ބަދަލުތަކެއް ކަމަށް ދެކިގެންނެވެ.

ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަޅުގަނޑުމެން މިހާރު މި ދެކެމުންދާ ހައްގުތައް ލިބެމުން މިދަނީ މި ގާނޫނުއަސާސީގެ ސަބަބުންނެވެ. މި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ނުހަނު ގިނަ އިންތިޒާމުތަކެއް އިހުނަށްވުރެ އެތައް ގުނައަކުން ރަނގަޅުކުރެވިއްޖެއެވެ. ސިޔާސީ ބޭނުންތަކަށްޓަކައި މީހުންގެ މައްޗަށް ކުށުގެ ތުހުމަތުކޮށް ބަންދުކޮށްގެން ގެންގުޅުން ހުއްޓުވި، ރައްޔިތުންގެ މަދަނީ ހައްގުތައްވެސް އެތައް ގުނައަކުން ފުޅާކުރެވި، އެއީ ލިބިގެންވާ ހައްގުތަކެއްކަން ކަށަވަރުކޮށްދެވިއްޖެއެވެ. ދައުލަތުގެ އެކި ކަންކަމަށް ފާރަވެރިވާނޭ މިނިވަން މުއައްސަސާތަކެއް އުފެއްދިއްޖެއެވެ. ރައްޔިތުންގެ ކަންކަން ހިންގާން އިންތިހާބު ކުރެވޭ މީހުންނަކީ ކަތީބުން އަންގާ ގޮތަކަށް ދޭ ވޯޓަކުން ހޮވަންޖެހޭ ބައެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެވި، ވޯޓު ދިނުމަކީ ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްގެ ގޮތުގައި ލިޔެވި އެކަން ރައްޔިތުންނަށްވެސް ގަބޫލުކުރެވި، އަމަލީ ގޮތުން ތަންފީޒުކުރާންވެސް ފެށިއްޖެ އެވެ. މިފަދަ ކިތަންމެ ހެޔޮ ބަދަލެއް މި ގާނޫނުއަސާސީއާއެކު ފެންނާން ފަށައިފިއެވެ. އެހެންނަމަވެސް، ގާނޫނުއަސާސީއެއް އެކުލަވާލުމުގައި އަޅުގަނޑުމެން އުއްމީދުކޮށްގެން ތިބި ހެޔޮ ނަތީޖާތައް އޭގެ ފުރިހަމަ ގޮތުގައި ލިބެމުންދާކަމަކަށެއް ނުދެންނެވޭނެއެވެ.

އަޅުގަނޑުމެންގެ ގާނޫނުއަސާސީއަށް ސޯޅަ އަހަރު ފުރުނުއިރު، އެ ގާނޫނުއަސާސީ ހޯދައިގަތް މަގުސަދު ހާސިލުނުވެ، އޭގެ ފޮނިމީރުކަން ނުލިބި ދިއުމުގައި ނިޒާމުގައި ހުރި މައްސަލަތަކުގެ ދައުރު ބޮޑެވެ. ހާލަތު އޮތްގޮތުން ފަހުން ފުރިހަމަކޮށްލާން ދޫކޮށްލަން މަޖުބޫރުވި ބައެއް ކަންކަމުގެ ނާޖާއިޒު ފައިދާ ނެގީ ޑިމޮކްރެސީގެ އަސާސްތައް ގަބޫލުނުކުރާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުންނެވެ. އެފަދަ ބަޔަކަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު މުޅި ނިޒާމު ގަޑުބަޑުކޮށްލަ އެވެ. މިހާރު އަޅުގަނޑުމެންގެ ގައުމު މިތަޖުރިބާކުރަނީ، ރައްޔިތުންގެ ބާރުވެރިކަން ގަބޫލުނުކުރާ ބައެއްގެ އަތަށް ބާރުވެރިކަން އެރުމުގެ ނަތީޖާއެވެ. މިކަން ހުއްޓުވާންޖެހެއެވެ.

އަޅުގަނޑުމެން މިހާރު ހޯދާން މި ޖެހެނީ މި ކަންކަން ދާއިމަށް ހައްލުކުރެވޭނޭ ގޮތެކެވެ. ދައުލަތުގެ ބާރުތަކަށް ފާރަވެރިވުމުގެ ނިޒާމު އެކަށައަޅާނޭ ގޮތަކާއި، ކޮރަޕްޝަން ނައްތާލެވޭނޭ ގޮތެކެވެ. ސިޔާސީ މަސައްކަތްތަކުގައި އަޅުގަނޑު މިހޭދަކުރި މުއްދަތުގައި މިކަމާ ގުޅޭގޮތުން އެކިއެކި ބޭބޭފުޅުންނާ ތަކުރާރުކޮށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވިފައިވާނެއެވެ. މި މަޝްވަރާތަކުގައި ވިސްނާލުން ރަނގަޅު، ވަރަށް މުހިންމު ހިޔާލުތަކަކަށް ވާހަކަ ދެކެވިފައިވެއެވެ. މި މަޝްވަރާތަކުގެ އަލީގައި އުފެދި، އަޅުގަނޑުގެ ހިޔާލުގައި ހުރި ބައެއް ކަންތައްތައް މި ލިޔުމުގައި ހުލާސާ ގޮތެއްގައި ހިއްސާކުރާނަމެވެ. މިއިން ކޮންމެ ކަމަކާމެދު އަޅުގަނޑު ދެކޭ ގޮތް، ކޮންމެ ކަމަކަށް ގެނެސްދޭ ވަކި ލިޔުމެއްގައި ތަފުސީލުކޮށް ކިޔައިދޭން ގަސްތުކުރަމެވެ. ބޭނުމަކީ މި ވާހަކަ ދެކެވި، މިކަމާ ފިކުރު ކުރުމަށް ހުރިހައި ރައްޔިތުންނަށް ދައުވަތު ދިނުމެވެ.

ރައްޔިތުންގެ މަޖިލިސް އެކުލަވާލާ ގޮތަށް ބަދަލު ގެނައުން

މިހާރުގެ ނިޒާމު ހަމަޖެހިފައި އޮތްގޮތުން، ސަރުކާރުގެ މައްޗަށް ފާރަވެރިވުމަކީ ރައްޔިތުންގެ މަޖލީހުން އަދާކުރަން ޖާގަލިބޭ ޒިންމާއެއް ނޫނެވެ. ކޮންމެ ސަރުކާރެއް އޮތަސް، ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު މުހިންމުވެއެވެ. އެހެންވެ، ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބޭތޯ ގަދައަޅައި މަސައްކަތްކުރެއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަކަށް ނުލިބުނެވެ. އިދިކޮޅު ފަރާތްތަކަށް ލިބުނު މެޖޯރިޓީ ބޭނުންކުރީ ސަރުކާރަށް ޖެއްސުން ކުރުމަށެވެ. ފާރަވެރިވުމަކަށް ނޫނެވެ. ސަރުކާރުން ހިންގާ، ރައްޔިތުންގެ ތާއީދު ލިބިދާނޭހެން ހީވާ ހަމަ ހުރިހާ ކަމަކަށް އިދިކޮޅު ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސައްކަތަށް އޮތީ ވެފައެވެ. ރައްޔިތުންގެ ނުހަނު ބޮޑު ތާއީދާއެކު، ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތީން، ރައްޔިތުން ފޮނި އުއްމީދުތަކާއެކު އިންތިހާބުކުރި ފުރަތަމަ ސަރުކާރު ވައްޓާލަން މަގުފަހިވުމުގައި އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑެވެ.

ޕީޕީއެމްގެ ސަރުކާރު އޮތްއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އަށެވެ. އެ މެޖޯރިޓީގެ ބޭނުންކޮށްގެން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެނައީ ދުވަހަކު ތަސައްވުރުކުރެވުނު ފަދަ ބަދަލުތަކެއް ނޫނެވެ. ވަކި ބަޔަކަށް މަންފާވާ ގޮތަކަށް، އަދި ވަކި ބަޔަކަށް ގެއްލުންވާ ގޮތަށް ސީދާ ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ބަދަލު ގެނައެވެ. މި ހުންނަނީ މެޖޯރިޓީގެ ނަހަމަ ބޭނުންކުރުމުގައި ހައްދު ފަހަނައަޅައި ދިއުމުގެ ނަމޫނާތަކެވެ. މިހާރު މި ތަކުރާރު ވަނީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގެ މަންޒަރެވެ.

ރައްޔިތުންގެ މަޖިލިސް އެކުލަވާލާ ގޮތް ބަދަލުކޮށްގެން މެނުވީ މިކަމަށް ދާއިމީ ހައްލެއް ނުލިބޭނެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެކަމުގައި އަމަލުކުރާ ގޮތްތައް ދިރާސާކޮށް، އަޅުގަނޑުމެން ކުރަމުން މިގެންދާ ތަޖުރިބާތަކާ އަޅައިކިރައި ހެޔޮ ބަދަލުތަކެއް ގެނެވޭތޯ ފިކުރުކުރާން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ގެއެއް ހުރުމަކީ އަޅުގަނޑު ހިތުން ހެޔޮ ބަދަލަކަށް ވާނެއެވެ. މަތީ ގެއާއި ތިރީ ގެއެވެ. މަތީގެއަށް އިންތިހާބުވާ މެންބަރުންގެ ވަކި ތައުލީމީ ޝަރުތުތަކެއް ހުރުން ލާޒިމުކޮށް، ގައުމަށް މުހިންމު އެކިއެކި ދާއިރާތަކުން މެންބަރުން ތިބެންޖެހޭ ގޮތަށް ރޭވިދާނެއެވެ. ދެ ގޭގައި ޖުމުލަ ތިބޭނޭ މެންބަރުންގެ އަދަދު އޮންނާނީ ގާނޫނުއަސާސީން ހިފެހެއްޓިފައެވެ. މިސާލަކަށް ދެ ގޭގައި ތިބޭ ޖުމުލަ މެންބަރުންގެ އަދަދު 80 އަށްވުރެ އިތުރުވެގެން ނުވާނޭކަމަށް ކަނޑައެޅިދާނެއެވެ. އޭގެ ތެރެއިން 60 މެންބަރުންނަކީ ތިރީ ގޭގެ މެންބަރުންނެވެ. ބާކީ 20 އެއީ މަތީގޭގެ މެންބަރުންގެ އަދަދެވެ. މިގޮތަށް ބަދަލު ގެނައުމުން އޭގެ ފުރަތަމަ ނަތީޖާ ފެންނާނީ ބަޖެޓުންނެވެ. މަޖިލީހަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ކުޑަވާނެ އެވެ.

މެންބަރުން އިންތިހާބުކުރުމުގެ ދާއިރާވެސް ފުޅާ ވާންޖެހެ އެވެ. ޖުމުލަ 1000 އެއްހައި ރައްޔިތުން ވޯޓު ދޭ އިންތިހާބެއްގައި 10 މީހުން ވާދަކުރާނަމަ އެންމެ 101 ވޯޓާއެކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް މިހާރު ފުރުސަތު ލިބެއެވެ. އެހެންވީމާ، ހަގީގަތުގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހޮވިފައި ތިބި ގިނަ މެންބަރުންނަކީ އެ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ މީހުން ނޫނެކޭ ބުނި ކެންޑިޑޭޓުންނެވެ. މިކަން ހައްލުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަންވީ މިހާރު ހުރި ދާއިރާތަކަށްވުރެ ފުޅާ އާބާދީއަކުންނެވެ. އަދި އެންމެ ގާބިލު މީހުންނަށް ފުރުސަތު ފަހިވާނޭ ގޮތް ކަށަވަރުކުރުމަށްޓަކައި، އިންތިހާބުކުރުމުގައި ދާންވާނީ ޕްރިފަރަންޝަލް ވޯޓިން ނިޒާމަކަށެވެ.

މިހާރު ރައްޔިތުންގެ މަޖިލިސް އޮންނަ ގޮތުން ނުކުންނަ ވަރަށް ގިނަ މައްސަލަތަކަށް މި ބަދަލުތަކުން ހައްލު ލިބޭނޭކަމަށް ފެނެއެވެ. މިއީ އަޅުގަނޑުމެންނަށް އިތުރަށް ވިސްނައި އަދިވެސް ތަރައްގީކުރެވޭނޭ ހިޔާލެކެވެ.

މިނިވަން މުއައްސަސާތަކަށާއި ފަނޑިޔާރުކަމަށް އައްޔަނުކުރާ މީހުން ވަކިކުރުމުގައި ރައްޔިތުންގެ ބާރު

މިހާރުވެސް މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި ޒާތަކަށް މި އިޖުރާއަތު ހިންގައެވެ. އެންމެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އައްޔަނުކުރަން ހުށަހެޅި ނަންތަކަށް ޝަކުވާ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ދިނީ ބައިގަޑިއިރުގެ ވަގުތު ކޮޅެކެވެ. މިއީ ސީރިއަސް ނިޔަތެއް އޮވެގެން ކުރިކަމެއް ނަމަ ޝަކުވާ ހުށަހަޅަން އެކަށީގެންވާ ވަގުތު ދޭނެއެވެ.

އަޅުގަނޑުގެ ހިޔާލަކީ، މިނިވަން މުއައްސަސާތަކާއި، ސުޕްރީމް ކޯޓު ފަނޑިޔާރުކަމުގައި ތިބޭ މީހުން މަގާމުން ވަކިކުރުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ނުވަތަ މިނިވަން މަގާމެއްގައި ހުރި މީހަކު މަގާމުން ވަކިކުރާން ނިންމާނަމަ، އެ މީހަކު ވަކިކުރުމަށް ނިންމި ސަބަބު ހާމަކޮށް، އެކަމުގައި ރައްޔިތުން ދެކޭ ގޮތް ބަލާނީއެވެ. މިހެން ހެދީމާ، ބާރު އޮންނަ މީހުންނަށް ހަމަ ފެނިވަޑައިގަންނަވާއިރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، މިނިވަން މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކި ނުކުރެވޭނޭ ކަމުގެ ކަށަވަރުކަންލިބި، ވަކިފަރާތަކަށް ނުޖެހި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބާރަކަށް ވާނެކަމަށް ފެނެއެވެ.

މަގާމުން ވަކިކުރުމުގެ އިޖުރާއަތު ފެށުމަށް ރައްޔިތުންނަށްވެސް އިސްނެގިދާނެ އެވެ. އެ މަސައްކަތް ފަށާނީ ކިހާ ރައްޔިތުންގެ ބަސް އޮވެގެންތޯ ނުވަތަ ކޮންކަހަލަ ސަބަބުތަކެއް މެދުވެރިވުމުންތޯ އެއީ އިތުރަށް ދިރާސާކޮށް މަޝްވަރާކުރާންޖެހޭނޭ ކަމެކެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ އުސޫލު ހަރުދަނާކުރުން

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ރުހޭކަމެއް ނޫނެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި އެކަމުގެ ސަބަބަކީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ބޭނުންކުރާ ގޮތް ރައްޔިތުންނަށް ސާފުނުކޮށްދެވި އޮތުމާއި، ސިޔާސީ ޕާޓީތަކުގެ ސަބަބުން މުޖުތަމައުއަށް އެކަށީގެންވާ ހެޔޮ ބަދަލުތައް އަންނަކަމަށް ރައްޔިތުން ގަބޫލުނުކުރުމެވެ.

ގިނަ ސިޔާސީ ޕާޓީ އޮތުމާއި ނެތުމުގެ ފައިދާއާ ގެއްލުންތަކަކީ ބަހުސް ކުރެވިދާނޭކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި ކަމެއްގެ ގެއްލުމަށްވުރެ ފައިދާ ބޮޑުނަމަ، އެ ކަމެއްގައި އޮތް ފައިދާއެއް ނެގުމަކީ އެންމެ ރަނގަޅު ގޮތެވެ. ގިނަ ސިޔާސީ ޕާޓީ އޮތުމުގެ އެންމެ ބޮޑު ފައިދާއަކީ ސަރުކާރު ޖަވާބުދާރީކުރެވުމާއި، ޑިކްޓޭޓަރޝިޕަކަށް ޖާގަ ނުދިނުމެވެ. ފެންނާންހުރި ކުދިކުދި ގެއްލުންތަކާ އަޅާބަލާއިރު މިއީ ލިބޭ މާބޮޑު ފައިދާއެކެވެ.

މިހެން މިކަން އޮތުމުން، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ހޭދައެއް ކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް ދެކެމެވެ. އޭގެ ބޭނުމަކީ ރައްޔިތުންގެ ހައްގުތަކާއި ބާރުވެރިކަން ހިފެހެއްޓޭކަން ކަށަވަރުކުރުމެވެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދިންނަމަވެސް އެ ފައިސާ ދޭއިރު ބަލަންވީ ޕާޓީގައި މެންބަރުން ތިބި އަދަދަކަށް ނޫނެވެ. އަމުދުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގައިވެސް އެ ޕާޓީއެއްގައި ތިބޭ މެންބަރުންގެ އަދަދަށް ބަލާނޭކަމެއް ނެތެވެ. ޕާޓީއަކަށް ވުމުގެ ޝަރުތަކަށް ވާންވާނީ ގައުމަށް މޮޅުގޮތް ހޯދައިދޭ ސިޔާސީ ފިކުރެއް އޮތުމެވެ.

ޕާޓީތަކަށް ފައިސާ ދިނުމުގައި ބަލާނީ ގައުމީ އިންތިހާބުތަކުގައި ޕާޓީތަކަށް ގޮނޑިއާއި، ވޯޓު ލިބޭ ނިސްބަތަށެވެ. އެހެން ހެދީމާ، އެ ފައިސާ ލިބޭނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރި، އަދި މީހުން ބަލައިގަންނަ ޕާޓީތަކަށް އެކަންޏެވެ. ޕާޓީގެ މެންބަރުންގެ އަދަދު ކިތަންމެ މަދުނަމަވެސް، އެ ޕާޓީއިން ހުށަހަޅާ ސިޔާސަތުތަކާއި، އެ ޕާޓީގެ މަސައްކަތް ރައްޔިތުން ބަލައިގަންނަނަމަ، އެ ޕާޓީއަށް ގައުމީ އިންތިހާބުތަކުގައި ކާމިޔާބީ ލިބޭނެ އެވެ. އެފަދަ ޕާޓީތައް މެދުވެރިކޮށް، ދިވެހިރާއްޖޭގެ ޑިމޮކްރެސީ ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހޭދަކުރުން އެންމެ ރަނގަޅެވެ.

ސިޔާސީ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން.

ގާނޫނުއަސާސީ އޮތްގޮތުން އިންތިހާބީ މަގާމުތަކަށް ވާދަކުރުމަށް އަންހެނުންނަށް ހުރަހެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާކަމަށްވެސް އަންހެނަކަށް ކުރިމަތިލެވިދާނެ އެވެ. އެހެންނަމަވެސް، ސިޔާސީ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު އަދިވެސް ވަރަށް ކުޑަކަމަށް ދަންނަވަންޖެހެނީ ހިތާމައާއެކުގަ އެވެ. އޭގެ ސަބަބަކީ ގާނޫނުތަކުން ހުރި ހުރަހެއް ނޫނެވެ. މި މުޖުތަމައުއިން ކުރިމަތިކުރާ ހުރަސްތަކެވެ.

މިކަހަލަ ހުރަސްތައް ކުރިމަތިވާ މުޖުތަމައުތަކުގައި އަންހެނުން ކުރިއެރުވުމަށްޓަކައި ހާއްސަ އުސޫލުތަކެއް ތައާރަފުކުރުމަކީ އައު ކަމެއް ނޫނެވެ. ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލިސްވެސް ހިމެނޭގޮތުން، އިންތިހާބީ މަގާމުތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި މިކަމަށް ހަމަ އެންމެ ރަނގަޅު ހައްލެވެ. މިގޮތަށް ހާއްސަކޮށްފައި ބާއްވާނީ، އިންތިހާބީ މަގާމުތަކަށް އަންހެނުން ކުރިމަތިލާ ނިސްބަތް އިތުރުވެ، މުޖުތަމައުގައި އެ އާދަ އަށަގަންނަންދެން، ދުރާލާ ކަނޑައެޅިފައި އޮންނަ މުއްދަތެކެވެ. އަދި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައިވެސް، އެ ޕާޓީއެއްގެ އިންތިހާބީ މަގާމުތަކުގައިއާއި، އިސް ސަފުގައި އަންހެނުން ތިބި އަދަދަށް ބެލުމަކީވެސް ކުރެވިދާނޭ ކަމެކެވެ. އޭރުން އިންތިހާބީ މަގާމުތަކަށް އަންހެން ކެންޑިޑޭޓުން ނެރުމަށް ސިޔާސީ ޕާޓީތަކަށްވެސް ހިތްވަރަކަށް ވާނެއެވެ.

ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދުން ލާޒިމުކުރުން

އަޅުގަނޑުމެންގެ ގާނޫނުއަސާސީ އޮތް ގޮތުން، ދެވަނަ ބާބުގައި ހިމެނޭ ކަމަކަށް ބަދަލު ގެންނަނަމަ އާންމު ފެންނަނުފެންނަ ވޯޓަކަށް ދިއުން ލާޒިމެވެ. އަޅުގަނޑުގެ ހިޔާލަކީ މި ނޫނަސް ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުން ގާނޫނުން ލާޒިމުކުރުމެވެ. އެކަން ކުރުމުގައި އޮތް ގޮންޖެހުމަކީ އެކަމަށް ހޭދަވާ ފައިސާގެ މައްސަލަ ނަމަ، ހަރަދު ކުޑަކޮށް އެކަން ކުރެވޭނޭ ނިޒާމެއް ގާއިމުކުރާނީއެވެ. އަޅުގަނޑު މިދަންނަވަނީ ސަރުކާރުގެ ކޮންމެ ދުވަހެއްގެ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ވޯޓަށް އަހާ ވާހަކައެއް ނޫނެވެ. ދުރުރާސްތާގެ ތަރައްގީގެ ތަސައްވުރު އެކަށައެޅުމާއި، ސީދާ ގޮތުން މުޅި ގައުމުގެ ރައްޔިތުންނަށް އަސަރެއް ކުރާނޭ، މުޅި ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އާންމު ވޯޓަށް ދިއުން ލާޒިމުކުރާ ވާހަކައެވެ. މިކަން ކުރާން އަޅުގަނޑަށް ފެންނަ ގޮތުގެ ތަފުސީލު އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލިސް ބައިވެރިވުން

އެއިރަކު އޮންނަ ސަރުކާރަކަށް ފެނުނު އަދަދަކަށް ސިޔާސީ މަގާމު އުފެއްދޭ ގޮތަށް އޮންނަ އޮތުމަށް އެބަ ބަދަލު އަންނަންޖެހެއެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާއަށް ތަފުސީލެއް އިތުރުކުރެވި، ސިޔާސީ މަގާމުތައް އުފެއްދުމަށް ރައީސަށް އޮންނަ ބާރަށް ގައިދެއް އަންނަންޖެހެއެވެ. ވުޒާރާތައް އުފައްދާއިރު، އެ ވުޒާރާއެއް ހިންގުމަށް ބޭނުންވާނޭ މުވައްޒަފުންގެ އަދަދާއި، އެ ވުޒާރާއަކަށް އައްޔަނުކުރާނޭ ސިޔާސީ މުވައްޒަފުންގެ އަދަދުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ލާޒިމުކުރެވިދާނެއެވެ. މިގޮތަށް ހެދީމާ، ވުޒާރާއަކަށް ބޭނުންވާކަމަށް ރައީސް ވިދާޅުވާ ސިޔާސީ މުވައްޒަފުންގެ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫންނަމަ، އެ އަދަދު ކުޑަކުރުމުގެ ބާރު މަޖިލީހަށް އޮންނާނެއެވެ. ސަރުކާރުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދާމެދު މަޖިލީހުގައި ބަހުސްކުރާތަންވެސް އާންމުންނަށް ފެންނާނެއެވެ. މިހާރު އަޅުގަނޑުމެން މިއުޅެނީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގިގެންނެވެ. ލަފާކުރެވޭ ގޮތުގައި އެ އަދަދު މިހާރު ތިންހާހަށް އަރާނެއެވެ.

މިންހެޔޮ ސަރުކާރު

ރާއްޖެއަށް ބޭނުންވަނީ ބޮޑު ސަރުކާރެއް ނުވަތަ ކުޑަ ސަރުކާރެއް ވެސް ނޫނެވެ. މިންހެޔޮ ސަރުކާރެކެވެ. މިންހެޔޮތޯ ކަނޑައެޅުމަކީ ނިސްބީ ކަމެކެވެ. އެ ވަގުތެއްގައި ދިވެހިރާއްޖޭގައި އޮތް އާބާދީއާއި، ރާއްޖެއަށް ލިބޭ އާމްދަނީއާއި ދޭންޖެހޭ ހިދުމަތްތަކަށް ރިއާޔަތްކުރެވިގެން އެކަށައެޅޭ ސަރުކާރަކީ މިންހެޔޮ ސަރުކާރެވެ. ސަރުކާރުގެ މިންހެޔޮ ވުމަކީ ސަރުކާރުން ބެހޭނޭ ކަންކަމާއި، ބެހިގެން ނުވާނޭކަންކަންވެސް އިންޖެހި، ވަކިވެފައި އޮތުމެވެ. ސައިޒުން މާބޮޑުނޫން ސަރުކާރެވެ. މި ދެންނެވި މިންހެޔޮ ސަރުކާރުގެ އަމާޒު ހާސިލުކުރުމަށްޓަކައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި މިހާރު އޮތް އިބާރާތަށް ތަފުސީލެއް އިތުރުކުރާންޖެހޭކަމަށް އަޅުގަނޑަށް ފެނެއެވެ. އެ މާއްދާގައި މިހާރު އޮތީ، ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމާއި، އެ މަގާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިއުފާ ގަބޫލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންނެވި ނިސްބަތަކަށް މަގާމުތަކަށް މީހުން އައްޔަނުކުރުމަށް މިހާރުވެސް އެ މާއްދާ ހަގީގަތުގައި ހުއްދައެއް ނުދެއެވެ. އައްޔަނުކުރާ ކޮންމެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމަކަށްވުން އެ މާއްދާއިން ލާޒިމުކުރެއެވެ. އެހެންނަމަވެސް، މިހާތަނަށްވެސް ފެންނާން އޮތްކަމަކީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއް މާނަކުރުމަކަށް ދޫކޮށްލައިފިނަމަ، އެ މާއްދާގެ އެންމެ ފުޅާ މާނަކުރުމަށް ގޮސް، ބާރު އޮންނަ ފަރާތުން ނަހަމަ ބޭނުންކުރާކަމެވެ. މިހެންވީމާ، އެ މާއްދާއަށް ތަފުސީލެއް އިތުރުވާންޖެހެއެވެ. އަޅުގަނޑަށް ފެންނަނީ އުފައްދާ ކޮންމެ ސިޔާސީ މަގާމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކޮން ވާޖިބެއް އަދާކުރުމަށް އުފެއްދޭ މަގާމެއްތޯ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުވުމެވެ. ހަމައެއާއެކު، ސަރުކާރު ކުންފުނި އުފެއްދުމާއި، އެ ކުންފުނިތަކަށް މުވައްޒަފުން އައްޔަނުކުރުމުގައިވެސް އަމަލުކުރާނޭ ހަމަތަކާއި އުސޫލުތަކެއް ގާނޫނުގައި ކަނޑައެޅިފައި އޮންނާންޖެހެ އެވެ. މިގޮތަށް އަމަލުކުރީމާ މަތިބަރު ސަރުކާރުތައް އެކުލަވާލުމުގެ ސަގާފަތަށް ހުއްޓުމެއް އައިސްދާނޭކަމަށް ފެނެއެވެ.

މިންހެޔޮ ސަރުކާރެއްނަމަ، ސަރުކާރުން ދޭނޭ ހިދުމަތްތަކަކީ ކޮބައިކަން ކަނޑައެޅިފައި އޮންނާންޖެހެ އެވެ. ވިޔަފާރިތަކުގެ ތެރެއަށް ވަންނާނޭ ނިސްބަތާއި، ހާލަތަކީވެސް ދުރާލާ ކަނޑައެޅިފައި އޮންނަ ކަމަކަށް ވާން ޖެހެއެވެ. ސަރުކާރަށް ހަމަ ފެނިވަޑައިގަތުމުން ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވެސް ވަދެގަތުމަކީ ސަރުކާރަކަށް އޮވެގެން ވާނޭ އިހުތިޔާރެއް ނޫނެވެ.

ކައުންސިލްތައް ބާރުވެރިކުރުވުން

ލާމަރުކަޒީ ނިޒާމުގައި އަޅުގަނޑުމެން އަދިވެސް މިއުޅެނީ ދަސްކުރާ މަރުހަލާގައެވެ. އެ ނިޒާމު އެކުލަވާލި ފަހުން 16 އަހަރު ވެގެންދިޔައިރު، ހަމައަކަށް ނޭޅިގެން މިއުޅެނީ ސަރުކާރުތަކުން އެ ޖާގަ ނުދޭތީ އެވެ. އެއް ސަރުކާރަކުން ގާނޫނު ބަދަލުކޮށް، ކައުންސިލްތައް ބާރުވެރިކުރުވާއިރަށް އަނެއް ސަރުކާރަކުން އަނެއްކާ ގާނޫނަށް ބަދަލުގެނެސް އެ ބާރުތައް ނިގުޅައިގަނެ އެވެ. އަލުން އެ ބާރުތައް ލިބި، ހިންގާން ފެށޭވަރުވަނީ އެގޮތުގައި ފަސް އަހަރު ވޭތުވާ ފަހުންނެވެ. ނިޒާމު ހަމައަކަށް އެޅެން ޖާގަ ނުލިބެނީ މިހެންވުމުންނެވެ.

ރާއްޖޭގެ ރަށްތައް، އެ ރަށްތަކުގެ ރައްޔިތުން އަމިއްލައަށް ހިންގާނޭކަން، ރައްޔިތުންގެ އެ ގާބިލުކަން ހުރިކަމަށް ސަރުކާރުތަކުން ދެކޭންޖެހެއެވެ. ރަށުގެ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމުގެ ބާރު ކައުންސިލްތަކަށް ދޭންވާނީ މާލީ ބާރުވެރިކަމާވެސް އެކުގަ އެވެ. ރަށު ކައުންސިލުން ރަށުގެ ކަންކަން ބެލެހެއްޓުމުގައި އިހުމާލުވެ، ރަށަށް ތަރައްގީ ހޯދައިނުދެވޭކަން ފާހަގަކުރެވިގެން މެނުވީ ސަރުކާރަކުން އެ ކައުންސިލުގެ ދައުރާ ބެހިގެން ނުވާނެއެވެ. ރަށާއި، ރަށުގެ އިހުތިސާސްގެ ތެރޭގައި ހުރި ވަސީލަތްތަކަކީ ކައުންސިލް މެދުވެރިކޮށް ރަށަށް އާމްދަނީ ހޯދޭނޭ ވަސީލަތަކަށް ހެދުމުގައި ސަރުކާރުން އެއްބާރުލުން ދޭންޖެހެއެވެ.

ރަށުގެ ތަރައްގީއަށްޓަކައި ރާވައި ހިންގޭ ހުރިހައި ކަމެއް ތަންފީޒުކުރުމުގައި ފުރިހަމަ ބާރުވެރިކަން އޮންނަންވާނީ ކައުންސިލަށެވެ. އެ ބާރުވެރިކަން ކައުންސިލްތަކަށް ލިބޭންވާނީ ހަމައެކަނި ގާނޫނުގެ ދެލިގަނޑަކުން ނޫނެވެ. ސަރުކާރުތަކުގެ ބަހާއި އަމަލުންވެސް އެކަން އެހެން ކުރާންޖެހެއެވެ.

އަޅުގަނޑުގެ ހިޔާލުގައި، މިކަމަށް ދާއިމީ ހައްލެއް އަންނާނީ ލާމަރުކަޒީ ނިޒާމާ ގުޅޭ މައިގަނޑު ހުރިހައި އުސޫލުތަކެއް ގާނޫނުއަސާސީއަށް އިތުރުކުރެވިގެންނެވެ. ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާނޭ ނިސްބަތާއި، ކައުންސިލްތަކުގެ ބާރުގެ ދާއިރާގެ އަސާސީ ހުރިހައި އުސޫލުތައް ގާނޫނުއަސާސީގައި އެކަށައަޅަންޖެހެއެވެ. މި ބާބު ލިޔާންވާނީ ކައުންސިލްތަކުން 16 އަހަރު ދުވަހު މިކުރި ތަޖުރިބާގެ ވާހަކަ އަޑުއަހައި، ފުޅާ ދިރާސާތަކަކަށްފަހުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރުވޭނޭ ނިޒާމެއް އެކަށައެޅުން

ވަޒީރަކު ހަމަ އެއްވެސް ކަމެއް ކުރަނީ، ނުވަތަ ނުކޮށްދޫކޮށްލަނީވެސް ރައީސުލްޖުމްހޫރިއްޔާގެ އެންގުމަށް ކަމަށް ބަލަންޖެހެއެވެ. ރައީސް އަންގަވައިގެން ނޫންނަމަ، އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ ފިޔަވަޅެއް ފެންނާން އޮންނަންވާނެއެވެ. މިހާރު ނިޒާމު އެކަށައެޅިފައި އޮތްގޮތުން ވަޒީރަކު ކުރާ ކަމަކަށް ފިޔަވަޅެއްވެސް އެޅުމެއް ނެތި ވަޒީރެއްގެ ނިވަލުގައި، ރައްޔިތުންނަށް ޖަވާބުދާރީނުވެ ހުންނެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާއަށް އޮވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ޖަވާބުދާރީވާންޖެހޭ މީހަކަށްވުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެޅޭ ބާރަކަށްވާނެއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ލާޒިމުކޮށް، ގާނޫނުއަސާސީއަށް އެ ބަދަލު ގެންނާންޖެހެއެވެ. މި ބަދަލު ގެންނައިރު، ރައްޔިތުންގެ މަޖިލީހުގެ ދައުރެއްގެ ތެރޭގައި ރައީސް މަޖިލީހަށް ހާޒިރުކުރެވޭނޭ އިޖުރާއަތުތަކެއް ކަނޑައެޅިފައި އޮންނާންވާނެއެވެ. ރައްޔިތުންގެ މަޖިލީހުން ލިޔުމުން ފޮނުވާ ސުވާލުތަކަށް ރައީސް ލިޔުމުން ޖަވާބު ދެއްވުން ލާޒިމުކޮށް އެކަމުގެ އިޖުރާއަތުވެސް ކަނޑައެޅިފައި އޮންނާންވާނެއެވެ. މިހެން ހެދީމާ، ކޮންމެ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިކަން، އަދި ރައީސްގެ ބަސްފުޅަކީ ކޮބައިކަން ރައްޔިތުންނަށް ސާފުވާނެއެވެ.

އިންތިހާބީ މަގާމުތަކަށް ރިކޯލްވޯޓުގެ ނިޒާމު ތައާރަފުކުރުން

މަގާމުތަކަށް އިންތިހާބުކުރެވޭ މީހުން އެމީހުންގެ މަގާމުތަކުގެ ޒިންމާ އަދާނުކުރާކަމުގެ ޝަކުވާއަކީ އާންމު ޝަކުވާއެކެވެ. ވަކި ދައުރަކަށް އިންތިހާބުކުރެވޭ މީހަކު، އޭނާ އިންތިހާބުކުރެވުނު މަގާމަށް ގާބިލުނޫންކަން ނުވަތަ، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހިޔާނާތްތެރިވާކަމަށް ފެނުނަސް، އެމީހަކު އިންތިހާބު ކުރެވުނު ދައުރު ނިމެންދެން އިންތިޒާރުކުރުން ނޫންގޮތެއް ރައްޔިތުންނަކަށް ނޯވެ އެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި މިއީ ބަދަލުވާންޖެހޭނޭ ކަމެކެވެ. ކޮންމެ މަގާމަކަށްވެސް މީހަކު އިންތިހާބުކުރަނީ ރައްޔިތުންނަށް ހިދުމަތްކުރުމަށް ކަމަށްވާއިރު، އެ މީހެއްގެ ފަރާތުން އެ ފައިދާ ނުވާނަމަ އެމީހަކު އެކަހެރިކުރެވޭނޭ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތުން މުހިންމެވެ. ރައްޔިތުންގެ ތެރެއިން ވަކި އިންސައްތައެއްގެ މީހުންގެ ރުހުން ނެތްނަމަ އެމީހަކު މަގާމުން ވަކިވާ ގޮތަށް އަޅުގަނޑުމެންގެ ނިޒާމު ފަރުމާކުރަންޖެހެއެވެ. ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމުގެ މަސައްކަތް ފަށާނޭ ގޮތަކާއި، ފެންނަ ނުފެންނަ ވޯޓު ނަގާނޭ ގޮތެއް އެއީ އަޅުގަނޑުމެންނަށް މަޝްވަރާކޮށްގެން ނިންމިދާނޭ ކަމެކެވެ. މިކަހަލަ ބަދަލެއް ގާނޫނުއަސާސީއަށް ގެނައުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެން ޖެހޭ ކަމަށްވެސް ދެކެމެވެ. ރިކޯލް ވޯޓަކަށް ދެވޭނީ އިންތިހާބީ މަގާމުތަކުގެ ތެރެއިން ކޮންކޮން މަގާމުތަކަކަށްތޯ އެއީ ވެސް މި މަޝްވަރާގައި ކަނޑައެޅިދާނޭ ކަމެކެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް މުސްތަގިއްލުކުރުން

ދައުލަތުން މުދާ ގަނެ، އެކިފަރާތްތަކަށް މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާ ވާހަކައަކީ އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ. މިކަމުގައި ސަރުކާރުގެ އިދާރާއެއް، މިނިވަން މުއައްސަސާއެއް ނުވަތަ ފަނޑިޔާރުގެއެއްވެސް އިސްތިސްނާއެއް ނުވެއެވެ. މިހާތަނަށްވެސް މިކަން ހަމަޖެހިފައި އޮތީ އެ މުދަލެއް ނުވަތަ ހިދުމަތެއް ބޭނުންވާ އޮފީހެއްގެ ބޮޑު ދައުރެއް އެކަމުގެ މުޅި އިޖުރާއަތުގައި އޮންނަންޖެހޭ ގޮތަށެވެ.

ދައުލަތުން ހިންގާ ކޮންމެ ކަމެއްގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުމަކީ ސަރުކާރު ހިންގާ މީހުންނަށްވެސް، އެ މީހުންގެ ޒިންމާތައް އަދާކުރުމުގައި ކުރިމަތިވާނޭ ގޮންޖެހުމެކެވެ. އެހެންވީމާ ސަރުކާރު ހިންގާން ހިދުމަތްކުރާން ތިބޭ މީހުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުން އެއްކޮށް ބޭރުކުރުމަކީ، ތުހުމަތުތަކުން ބަރީއަވެތިބެ، އެ މީހުންގެ މަގާމުގެ ހަގީގީ މަސްއޫލިއްޔަތު އަދާކުރުމަށް ބާރު އެޅޭނޭ ކަމެކެވެ.

އަޅުގަނޑުގެ ހިޔާލުގައި މިކަން ދާއިމަށް ހައްލުކުރެވޭނޭ ގޮތަކީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު މުސްތަގިއްލުކުރުމެވެ. އެކަމަށް އެކަށައަޅާނީ މުޅީން ވަކި އިދާރާއެކެވެ. އެ އިދާރާ ހިންގާނީ، ރައްޔިތުންގެ މަޖިލީހުން އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލައި، ރައްޔިތުންގެ ވޯޓުން ހޮވާ ބައެކެވެ. އެއީ ތިން މެންބަރުންތޯ ފަސް މެންބަރުންތޯ ނުވަތަ އެގާރަ މެންބަރުންތޯ އަޅުގަނޑުމެން ބަހުސްކޮށް ނިންމާނީއެވެ. ނުކުތާއަކީ، އެ އޮފީސް ހިންގާ މީހުންނަކީ ސަރުކާރުގެ ނިޒާމާއި، ސިޔާސީ ގުޅުންތަކުން އެކަހެރިވެފައިވާ މުސްތަގިއްލު ބަޔަކަށްވުމެވެ. މިހެން ހެދީމާ، ގޯހެއް ހަދައިފިނަމަ ހަދާ އެއްވެސް ގޯހެއްގެ ތުހުމަތު ސަރުކާރުން ނަގާކަށް ނުޖެހޭނެއެވެ. އޭރުން، އެފަދަ ތުހުމަތެއް ކުރެވިއްޖެނަމަ އެ މައްސަލަތައް ބެލުމަށްވެސް ސަރުކާރުގެ ފަސްޖެހުމެއް ނޯންނާނެއެވެ.

މިއީ މުޅި ނިޒާމު ހައްލުކުރުމަށް އަޅުގަނޑުމެންނަށް އެޅިދާނޭ ފިޔަވަޅުތަކަކެވެ. އިރާދަކުރެއްވިއްޔާ މިއިން ކޮންމެ ކަމެއްގައި އަޅުގަނޑަށް މިހާތަނަށް ކުރެވިފައި ހުރި ދިރާސާތައް ކިޔުންތެރިންނާ ހިއްސާކުރަމުން ގެންދާނަމެވެ. ކަށަވަރުވާ ކަމަކީ އަޅުގަނޑުމެންގެ މި ނިޒާމު ހިނގަމުންދާ ގޮތުގައި ބޮޑެތި މައްސަލަތައް އެބަހުރިކަމެވެ. އެކަންކަން ހައްލުކުރުމުގެ ފުރަތަމަ މަރުހަލާއަކީ މައްސަލަތަކެއް ހުރިކަން ގަބޫލުކޮށް އެކަންކަން ހައްލުކުރެވޭނޭ ގޮތަކާމެދު މަޝްވަރާކުރާން ފެށުމެވެ. އަޅުގަނޑު މިފެށީ އެ މަސައްކަތެވެ.

އެޑިޓަރުގެ ނޯޓު


މިއީ ފައްޔާޒު އިސްމާއީލްގެ އަމިއްލަ ހިޔާލެކެވެ. އޭނާއަކީ ގާނޫނީ ވަކީލެކެވެ. މިހާރު އޭނާ ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގަ އެވެ. ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި އޭނާ ހުންނެވީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް އޭނާ އަދާކުރެއްވި އެވެ.

88.89%

0.00%

5.56%

5.56%

މި ލިޔުން ކިޔާލުމުން


ދިވެހީން

about 1 month ago

މިއުޅެނީ ހަމަވެރިކަމާ، އެހެންޏާ ފަހެ ކޮންމެ މީހަކަުވެސް ވެރިކަން ލިބުމާ ހަމައަށް ތިހެން ދައްކާ ވާހަކަތައް ހަނދާންނެތިދޭ. ދެން ހިއެއްނުވޭ މީ ހަމައެކަނި ފައްޔާޒުގެ ޚިޔާލު ހެނެއްވެސް.

ބަރުލަމާނީ

about 1 month ago

ހައްލަކީ ސަރުކާރު ހިންގާ ނިޒާމް ރިޔާސީއިން ބަރުލަމާނީ އަށް ބަދަލު ކުރުން

މުހައްމަދު ސައީދު

about 1 month ago

މިއީ 100 ގެ ޚިޔާލު ތަކެއް . ޤައުމެއް ހިނގަމުން ދިޔުމުގައި ކުރިމަތިވާ އެކި މަރުހަލާތަކުގައި އެގިގެން ދާނީ ކަންކަން ވަކި ގޮތަކަށް އިންތިޒާމް ކުރަން ޖެހޭ ކަން. އެއީ ޤައުމަށް ފައިދާ ހުރި ގޮތެއްތޯ ބަލައި ފައިދާ ހުރި ގޮތެއް ނަމަ އެގޮތަކަށް އަމަލުކުރަން ފަށައިގަތުން ، އެއީ ހަމަ އެއްމެ ރަގަޅު ގޮތަކީ ! އަދިވެސް އެއްފަހަރު ލިޔުންތެރިޔާގެ ޚިޔާލަށް ސާބަސް ދެން.

ޖެރީ

about 1 month ago

މަޖިލިހަށް ހޮވަންވީ ކޮންމެ އަތޮޅަކުން އަންހެން މެމްބަރަކާއި ފިރިހެން މެމްބަރެއް. އޭގެ އިތުރުން، އާބާދީއަށް ބަލައި އިތުރު މެމްބަރު ކަނޑައެޅިދާނެ. އިތުރު އެއް މެމްބަރު ނަމަ އާމްމުކޮށް ހުޅުވާލާފައި، ދެ މެމްބަރުން ނަމަ އަނެއްކާވެސް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު ހޮވާގޮތަށް ހަމަޖެއްސުމަށް ފެނޭ. ދެން ޕްރިފަރެންޝަލް ވޯޓިން އެއީ ރަނގަޅުގޮތެއް ކަމަށް ފެނޭ. އަދި ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބު އެކުއެކީގައި ބޭއްވުން

ޖާ

about 1 month ago

ދައުލަތުގެ ޕްރޮކިއަމެންޓު މުސްތަގިއްލުކުރުމަކީ ވަރަށް ރަނގަޅު ހިޔާލެއް. ދައުލަތުގެ އިދާރާތަކުގެ ވެރިންގެ ގާތް މީހުންނަށް މަސައްކަތް ބެހުމަކީ މިގައުމުގަ ހިންގާ އެންމެ ބޮޑު އެއް ޖަރީމާ

ހެރީ

about 1 month ago

މިހާތަނަށް މުސްތަގިއްލުކުރި އެއްވެސްތަނަކުން، ހާސިލުކުރަން ގަސްތުކުރި މަގްސަދު ހާސިލުވެފައިވާކަމަށް ނުފެނޭ. އިތުރު މުސްތަގިއްލު މުއައްސަސާއެއް އުފައްދާނެކަމެއް ނެތް.


ކަނބޯ

about 1 month ago

އެންމެ ތާއީދުކުރެވެނީ މަޖިލިސް އެކުލަވާލާގޮތުގެ ޚިޔާލަށް. މިހާރު އެހޮވެނީ ވަރަށް ފަސޭހަކޮށް ވޯޓު ގަނެގެން. ބޮޑު އާބާދީއަކުން ހޮވާނަމަ ފަހޭހަކޮއް ވޯޓޭއް ނުގަނެވޭނެ.

އާދިލް

about 1 month ago

ރަޢީސް މަޖިލީހަށް ޖަވާބުދާރީކުރުމުގެ ޚިޔާލު ބަރާބަރު. ރައީސަކަށްވެސް ރައްޔިތުންނަށް ޖަވާުބުދާރީނުވެ ނުހުރެވޭނެ.

ސިޔާހު

about 1 month ago

ބޮޑެތި ކަންތައްތަކުގަ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓު ނެގުން އެއީ ނިއުޒިލޭންޑްގަ ކުރާކަމެއް. މަހަކު ދެފަހަރު އޮންނާނެ ކޮންމެވެސް ވޯޓެއް. ވޯޓިންގބޫތުހުރޭ. އޮންލައިންކޮށްވެސް ވޯޓުލެވޭ. އެކަމަކު އެވޯޓުތަކުގަ ބައިވެރިވަނީ ނިސްބަތުން ވަރަށް މަދުބައެއް.

ހަސީބު

about 1 month ago

އަޅުގަނޑު މިއަދު ހެނދުނު ފޮނުވި ކޮމެންޓު ޝާއިއުނުކުރީ ކީއްވެގެންތޯ؟ ޝާއިއުކުރަނީ ހަމައެކަނި ތާއީދުކުރާމީހުންގެ ކޮމެންޓުތޯ؟

ނާޖީ

about 1 month ago

ސިޔާސީ މަގާމުތަކުގެ އަދަދު އެގޭނޭ ކޮންމެވެސް ފޯމިއުލާއެއް އޮންނަންޖެހޭ. މިލިޔުމުގަ މިބުނާ ގޮތަށް މަޖިލީހަށް ހުށަހަޅައިގެންވިޔަސް. އެ ޚިޔާލު ރަނގަޅު.

އިޝާރު

about 1 month ago

މިއީ އެމްޑީޕީގެ ޚިޔާލުތޯ ނުވަތަ މަނިކުފާނުގެ އަމިއްލަފުޅު ޚިޔާލުތޯ؟ ޚިޔާލުތައް ރަނގަޅު. އެކަމަކު ވެރިކަމެއް ލިބިގެންވެސް ތަންފީޒުކުރެވޭނީ އެމްޑީޕީގެ ލީޑަރޝިޕްގަ ދެންތިބި ބޭފުޅުންވެސް މިކަމުގަ އެއްބަސްވާނަމަ.

ކޮސް

about 1 month ago

މުޅިން ކޮސް ވާހަކަ. ދައުލަތަށް ތަކެތި ގަންނަން ވަކި މުއައްސަސާއެއް އުފެއްދީމަ އިތުރަށް ދައުލަތުގެ ޚަރަދު ބޮޑުވާނީ. މިހާރު މިއޮތް ނިޒާމުގަ އެއްވެސް މައްސަލައެއްނެތް.

ޝިޔާން

about 1 month ago

ޒުވާނުންނަށް ދޭނޭ ފުރުސަތުތަކެއްގެ ޚިޔާލެއް ހުށަހަޅާފައެއް ނެތްކަން ފާހަގަކުރެވުނު. އަންހެނުންނަށް ފުރުސަތުތަކެއް ޚާއްސަކުރާއިރު އަންހެނުން އެފުރުސަތު ބޭނުންވެފަ ތިބީ ކިހާވަރަކަށްތޯ ދިރާސާކުރެވެންޖެހޭ. ސިޔާސީ ކަންކަމަށް ނުވަންނަން ދުރުގަ ތިބެނީތޯ ފުރުސަތު ނުލިބެނީތޯ؟

މިސްރާބު

about 1 month ago

ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވަންޖެހޭ. ފެށޭނީ ޚިޔާލަކުން. ގިނަ ޚިޔާލުތަކަށް ތާއީދު. އެކަމަކު ވަކި ޖިންސެއްގެ މީހަކަށްވީތީ ޚާއްސަ ގޮތެއް ހެދުން ގާނޫނުއަސާސީއާ ޚިލާފުވާނެ. އެވާނީ ތަފާތުކުރުންކަމަށް.

ސުމާރު

about 1 month ago

ސުޕްރީމް ކޯޓު ފަނޑިޔާރުން ވަކިކުރުމުގަ ރައްޔިތުންގެ ބަސް އޮންނާކަށް ނުޖެހޭ. ތިއީ އެހާ މޮޅު ގޮތެއްނަމަ ކޮންމެވެސް ގައުމެއްގަ ތިކަންކުރާނެ. އަޅުގަނޑު ބެލިއިރު އެކަންކުރާ އެއްވެސް ގައުމެއްނެތް.

ކަމަނަ

about 1 month ago

އަންހެނުންނަށް ފުރުސަތުދޭ ވާހަކަ ދައްކާއިރު ތިޕާޓީގަ ތިބި ގިނަ ފިރިހެނުންވެސް އެކަމަށް އެއްބަސްނުވާނެކަން ޔަގީން. އެއަށްވުރެ މާ ބޯދާވިސްނުމުގެ މީހުން ތިޕާޓީގަ އެބަތިބި. އެމީހުން ތިއްބާ ތިކަމެއްނުވާނެ.

ޖާމިއު

about 1 month ago

އެއްވެސް ޚިޔާލަކީ އެންމެ ފުރިހަމަ ޚިޔާލަކަށް ނުވާނެ. ޖެހޭނީ ޑިވޮލަޕްކުރަން. ތީގަ އެބަހުރި އެއްބަސްވެވޭ ވަރަށް ގިނަކަންތައް. މިސާލަކަށް ކޮންމެވެސް ކަހަލަ ރިކޯލް ނިޒާމެއް އޮތުމަށް ވަރަށް ތާއީދުކުރެވޭ

ފުރެއްދެ

about 1 month ago

އިލްމީ ލިޔުމެއް. އެކަމަކު ސިޔާސީ މީހުންނަށް އިތުބާރެއް ނުކުރަން. އިލްމުގެ ގޮތުން މުއިއްޒުވެސް ދެރައެއް ނޫން. ޑޮކް=ުޓަރެއް. އަމަލުތައް ހުރިގޮތް ބަލާ.

ހައްޕު

about 1 month ago

ޑޜ.އަކަށް ވުމަކީ ވެރިކަން ކުރުމުގެ ޤާބިލުކަމެއް ހުރުމެއްނޫން. މުއިއްޒަކީ މިހާތަނަށް ދިވެހިރާއްޖޭގައި ވެރިކަންކުރެއްވި އެންމެ ނާޤާބިލު ފަރާތް.


އަލީ

about 1 month ago

މާ ދިގު. މެދަކާ ހިސާބުން ހުއްޓާލާފިން. ކިޔުނު ހިސާބުގަ ހުރި ގިނަވާހަކަތައް ރަނގަޅު

އިރާޝާ

about 1 month ago

ހީވަނީ މިއުޅެނީ ވެރިކަމާހެން. ތިޔަ ޚިޔާލުތައް ރަނގަޅު. ވާނެބާ؟

ފާތުން

about 1 month ago

ބޮޑެތި ކަންކަމުގަ ރައްޔިތުންގެ ބަސް ހޯދުން ލާޒިމުވާންވާނެ. މީގަ މައްސަލައަކީ ބޮޑެތި ކަންކަން ކަނޑައަޅާނެގޮތް. ޗައިނާއާއެކު އެފްޓީއޭ އެކުލަވާލުމަކީ ބޮޑުކަމެއްތޯ؟ ރަސްމާލެ ހިއްކުމަކީ ބޮޑުކަމެއްތޯ؟ އެކަން ކަނޑައަޅާނޭ ގޮތެއް އޮންނަންޖެހޭ. އެހެންނޫނީ ވާނީ ސަބްޖެކްޓިވް ކަމަކަށް. އެކި މީހުންނަށް ބޑުވާނީ އެކިކަންތައް

ރައުނާ

about 1 month ago

އަންހެނުންނަށް ފުރުސަތު ފަހިކުރާ ވާހަކަ ވިދާޅުވީމަ އަންހެނަކަށްވީތީ އުފާވޭ. އެމްޑީޕީ ތެރޭގަވެސް އެމައްސަލަ އެބައޮތްކަން ޗެއަރއަށް ދަންނަވަން. މަގާމު ލިބުނަސް އަންހެނުންގެ ބަހެއް ނުވިކޭ/

އީރަން

about 1 month ago

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ އުސޫލަށް އަދި އެއްކަމެއް އިތުރުކޮށްލަން ފެނޭ. އެއީ އެ ޕާޓީއަކުން ސިޔާސީ ހަރަކާތް ހިންގާ ނިސްބަތް. ކަމެއް ނުކޮށް ބަހެއް ނުބުނެ ތިބެފައި، ފަހު ވަގުތު ވޯޓު ގަނެގެންވެސް ޕާޓީއަކުން ގޮނޑި ކާމިޔާބުކޮއްފާނެ

ޖަޒީ

about 1 month ago

އަންހެނުންނަށް ސިޔާސީ މައިދާނުގަ ރަނގަޅަށް ހަރަކާތެރިވެވޭ ދުވަހަކު މިގައުމު އިސްލާހުވާނެ. ކޮރަޕްޝަން މަދުވާނެ. މައްސަލއަކީ ފުރުސަތު ނުދޭކަން.

އިންނަ

about 1 month ago

އަންހެނުންނަށް ހުރި ޗެލެންޖަސްތައް ގަބޫލުކުރެއްވީތީ ޝުކުރިއްޔާ! އަންހެނުންނަށް މި ގައުމުގަ ހަމަހަމަ ފުރުސަތެއްނެތް. ކުރިއަރަން އުޅޭއިރަށް ކޮއްޕާ ވައްޓާލާ. އަންހެނުންވެސް އަންހެނުންނަށް ފުރުސަތުނުދޭ

މާޖީ

about 1 month ago

"ރާއްޖެއަށް ބޭނުންވަނީ ބޮޑު ސަރުކާރެއް ނުވަތަ ކުޑަ ސަރުކާރެއް ވެސް ނޫނެވެ. މިންހެޔޮ ސަރުކާރެކެވެ." މީ ވަރަށް ކަމުދިޔަ ވާހަކައެއް.

އިލްމާ

about 1 month ago

ވިސްނާލަން ރަނގަޅު ހިޔާލުތަކެއް. އެކަމަކު އިލްމީ ފެންވަރެއްގަ ގައުމާމެދު ވިސްނަނީ ކިތައް މީހުންބާއޭ ހިތަށްއަރާ. މިތަނުގައި މި ކޮމެންޓުކުރި މީހުން މި ލިޔުން އެއްކޮށް ކިޔާލިބާއޭވެސް ހިތަށްއަރާ.

އިޝާން

about 1 month ago

މިންހެޔޮ ސަރުކާރަކީ ކޮބާ؟ އިތުރަށް ތަފްސީލުކޮށްދެއްވިނަމަ ރަނގަޅު.

ހަމްނާ

about 1 month ago

ލާމަރުކަޒީ ނިޒާމަކީ ރާއްޖެއާގުޅޭ ނިޒާމެއްނޫން. އިންތިޚާބުކުރާ އެކަކު ހުރުން ރަނގަޅީ. ދެން އަންހެނުންނަށް ކޯޓާ ޚާއްސަކުރުން ވަރަށް ރަނގަޅު.

ނުވާނެ

about 1 month ago

ތިއިން އެއްވެސް ކަމެއް ނުވާނެ. ހިޔާލު ހުށަހެޅިޔަސް ތީ ފައްޔާޒަށް އެކަނި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ސިޔާސީ މީހުން ނޫޅޭ ބަދަލެއް ގެންނާކަށް. އޮތްގޮތަށް ބާއްވައިގެން މަގާމެއް ހޯދަން އުޅޭ މީހުން ގިނައީ. ފަސްއަހަރު ކޮށްލާފަ ވީވަރެއް ކޮށްގެން ދިޔައިމަ ނިމުނީ

ޖައުފަރު

about 1 month ago

ޕްރޮކިއުމަންޓް މުސްތަގިއްްލުކުރުމަކީ ރަނގަޅުކަމެއް. އެކަމަކު މިހާ ކުޑަ އާބާދީއެއްގަ، މަޖިލިސްގެ ދެ ގެ ހުރުން ރަނގަޅު ކަމަކަށް ނުފެނޭ.

ބުނެފިއްޔާ ކުރާތި

about 1 month ago

ތިކަހަލަ ވާހަކަ ދައްކާ މީހުން މަދެއް ނޫން. ވާހަކައެއް ދެއްކުމަކުން މީހާ މީހަކަށް ނުވާނެ. މީހަކަށް ވާނީ އެ ދައްކާ ވާހަކައާ އެއްގޮތަށް އަމަލުވެސްކޮށްގެން

އާ ވާހަކައެއް ނޫން

about 1 month ago

ވެރިކަމަށް އައުމުގެ ވިސްނުން ހުރި ކޮންމެ މީހަކުވެސް މޮޅު ޚިޔާލު ފާޅުކުރޭ. އަންޑަރވޯޓަރ ޓަނަލް އަޅާ ވާހަކަވެސް ބުނޭ. ވެރިކަން ލިބުނީމަ ބުނަނީ އެއީ ހަމައެކަނި ޚިޔާލެކޭ. ހަނދަށް ދިއުން ފަދަ ކަމެކޭ.

ޓަކީ

about 1 month ago

ކޮންމެ މީހަކަށްވެސް ޚިޔާލެއް ހުށަހެޅިދާނެ. މުހިންމީ ޚިޔާލު ތަންފީޒުކުރާނެ ހިއްވަރުހުރުން.

ތުރާކުނު

about 1 month ago

ރަށު ކައުންސިލްތައް ބާރުވެރިކުރުވާއިރު ޒިންމާދާރު ކުރުވާނެ ގޮތެއްވެސް އޮންނަންޖެހޭ. މިހާރު ކައުންސިލްތަކުން ކަންކަން ކުރަނީ ޒިންމާދާރުކޮށެއްނޫން. ގިނަ ކައުނސިލަރުންނަށް ވާނުވާވެސް ނޭނގޭ. ހުރިހާ ކައުންސިލްތަކުގެ ވާހަކައެއް ނޫން. ގިނަ ކައުންސިލްތައް ކަޑަ.

އިލްޔާސް

about 1 month ago

މީގެ ގިނަ ޚިޔާލުތަކަކީ ޤާނޫނުއަސާސީ ހެދި މަޖިލީހުގަވެސް މަޝްވަރާކުރެވުނު ކަންކަން. އޭރުގެ ޙާލަތު އޮތްގޮތުން އެކަން ނުވެ އޮތީ. ހަމަޖެހިލައިގެން، އެކަމަށް ދިގު މުއްދަތު ނަގައިގެން މިކަންކަން ކުރުން ރަނގަޅު. އަވަސް އަރުވާލުން ބުއްދިވެރިއެއް ނޫން.

ޝިފް

about 1 month ago

އަންހެނުންނަށް ކޯޓާ ޚާއްސަ ކުރުމުގެ ޚިޔާލަށް މަރުހަބާ ކިޔަން. ސިޔާސީ ގޮތުން އަންހެނުން ކުރިއަރަން ޖާގަދޭން ޖެހޭ ވާހަކަ ދައްކަން ކެރޭ ފިރިހެނަކަށް މަގޭ ތާއީދު އޮންނާނެ.

ނާލިމް

about 1 month ago

ވަރަށް ރަނގަޅު ހިޔާލުތަކެއް. ޢައްނި، ސުއޫދު، އަސްލަމް، ދިޔާނާ، ސޯބެ، ހަސަންކޮ، އިންތި އަދި ފަހުގެ އަމީރު ކަހަލަ ދުރުވިސްނާ މިނޫނަސް ހިޔާލު ތަފާތުވެގެން ދުރުަގައި ތިއްބެވި ކުރީގެ ސިޔާސީ އިސްބޭފުޅުން އަދި އެއްފަހަރު އާ އަޒުމަކާއި އެކު ދިވެހިންނަށް ހެޔޮގޮތްތަކެއް ހޯދައި ކޮރަޕްޝަން ނައްތާލުމުގެ އުއްމީދުގައި މި މަޝްވަރާތައް ފެށުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ މަސައްކަތެއް.

ޢަހުމަދުކަލޯ

about 1 month ago

ތިމާމެންގެ ވެރިކަމުގަ އާރާއި ބާރު ލިބިތިބެ، މިކަންކަން ނުކުރީ ކީއްވެބާ؟ ނޫސްތަކުގަ ލިޔެގެން ނުވަތަ މަގުމަތީ ހަޅޭއްލަވަމުން ދުވެގެން ވާނެ އެއްވެސް ކަމެއް ނޯންނާނެ. އެތެޅެނީ ނަކަސް.

އަހުމަދު

about 1 month ago

ވަރަށް ތާއީދު. ތިމާމެންގެ ސަރުކާރު. ތިމާމެންގެ މަޖިލިސް އޮވެމެ ތިކަން ނުކުރީމަ ތިއީ ތިމީހުންގެ އަސްލު ސޫރަ.


އަހުމަދު

about 1 month ago

ޕީޕީއެމް ފުރަތަމަ ސަރުކާރު ވާހަކަ ގެނެސް، އެމްޑީޕީގެ ދެވަނަ ސަރުކާރަށް މަޖިލިސްގެ ސުޕަރ މެޖޯރިޓީ ލިބިގެން ރައްޔިތުންނަށް ހެދިގޮތް ނުލިޔުނީ ކީއްވެ؟

ހަސީބު

about 1 month ago

އެމް.ޑީ.ޕީ ޗެއަރޕާސަން ދެން އެކަހަލަ ވާހަކައެއް ނުލިޔާނެ ދޯ؟ މޮޔައިން ކުރާކަހަލަ ސުވާލު ތި ކުރަނީ


ޖުހާ

about 1 month ago

ވަރަށް ތާއީދު. ހުސް މުނާފިގުން


އިފާ

about 1 month ago

5 އަހަރު ދައުރެއް ފުރިހަމަ ބާރުގައި، މަޖިލީހާ ހުރިހާ ބާރެއް އޮވެމެ، މިފަދަ ކަމެއް ނުކޮށް ދެން ކޮން ވާހަކައެއްތޯ؟

އިނާޒް

about 1 month ago

ފުރިހަމަ ބާރުގަ ވެރިކަމުގަ ހުރީކީ ފައްޔާޒު އިސްމާއީލެއް ނޫން. މި ހިޔާލުތައް ހުންނަންޖެހޭ ވެރިކަން ކުރާމީހާގެކިބައިގަ.


ހަމީދު

about 1 month ago

ވަރަށް ތާއީދު


އަފުޒަލް

about 1 month ago

އަޅުގަނޑަށް ފެންނަނީ ފަޔާ އެމްއެމްޕީއާރުސީން ކާލި ލާރިގަނޑު އަނބުރާ ދައުލަތަށް ދޭން. އޭގެ ފަހުން މޮޅު ޚިޔާލު ހިފައިގެން އާދޭ

އާމިރު

about 1 month ago

ވަރަށް ތާއީދު


އަސްޖ

about 1 month ago

އެމްއެމްޕީއާރުސީ ގެ ލާރިގަނޑާ ގުޅޭ ތުހުމަތެއް މިހާތަނަށް ފައްޔާޒު އިސްމާއީލްގެ މައްޗަށް ކޮށްފައެއް ނެތް. ހޮޅި މުއިއްޒުގެ ހޮޅިން ހޮޅި ވާހަކަ ނުދައްކާ


ކިޔާމީހާ

about 1 month ago

މުހިންމީ ޚިޔާލެއް ފިކުރެއް ގެންގުޅުން. މީގަ މިހުރި ޚިޔާލުތަކަކާ މުޅީން އެއްބަހެއް ނޫން. އެކަމަކު ފައްޔާޒު އިސްމާއީލް ކޮންމެވެސް ފަލްސަފާއެއް އެބަ ގެންގުޅުއްވާކަން އެނގިއްޖެ. ގޯހޭގޯހޭ ކިޔުމުގެ ބަދަލުގަ ރަނގަޅުކުރާނޭ ގޮތް ދައްކާ މީހުން ޤަޢުމަށް މުހިންމީ.

ވާނުވާ

about 1 month ago

މީ ކިހާވަރެއްގެ ދިރާސާއަކުން ހުށަހެޅި ޚިޔާލުތަކެއްބާ؟ ކޮން ޤަޢުމެއްގަތޯ ދަޢުލަތުގެ ޕރޮކިއުމަންޓް މުސްތަޤިއްލުކޮށްފަ އޮތީ؟ އެކަންކަން އަބަދުވެސް ކުރަމުން ގެންދަނީ ހަމަ ސަރުކާރުން. ސަރުކާރަށް އެބާރު އޮންނަންޖެހޭނެ.

އީސަ

about 1 month ago

ދައުލަތުގެ ފައިސާކޮޅު ކާލަން ވެރިކަމަށް އަންނަން ބޭނުންވާ މީހުން ކަންބޮޑުވާނެ މި ބަދަލު ގެންނަ ވާހަކަ ދެއްކީމަ. ކޮފީ ބިލު ނުދެއްކޭ ވަރުގެ މީހުން، ވަޒީފާއެއް ލިބުނުތާ އަހަރެއް ނުވަނީސް ގެސްޓުހައުސް ގަންނަނީ. ކޮންތަނަކުން ހޯދާ ފައިސާއެއް؟


އާޒިމު

about 1 month ago

މިހެން ހެދީމަ ދައުލަތުގެ ލާރިގަނޑު ކައިނުލެވޭނެތީ ކަންބޮޑުވީދޯ


އިލްޔާސް

about 1 month ago

ރައްޔިތުންގެ މަޖިލީހުގެ ދެ ގެއެއް ހުންނަންޏާ ތިޔަ ވިދާޅުވާ މެންބަރުންގެ އަދަދު މާ މަދު. މިހާރު އެއޮތްގޮތުން މަތީގޭގައި އެންމެ ވިހި މެންބަރުން. އަޅުގަނޑަށް ހީވަނީ ޖުމްލަ ޢަދަދު 100 އަށް ހަދާ، މަތީގެއަށް 40 މެންބަރުން ތިބުން އެއީ ރަނގަޅު ގޮތެއްހެން. ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ ދެ ގެ ހުރުމަކީ ތާއީދުކުރެވޭ ގޮތެއް.

ގާޒީ

about 1 month ago

ރަނގަޅު ޚިޔާލު އެބަހުރި. އަންހެނުންނަށް މާ ޚާއްސަ ގޮތެއް ހެދުމަކީ ހުޅަނގުގެ ގައުމުތަކުން ބާރުއަޅާ ފަލްސަފާއެއް. ރާއްޖޭގައި އަންހެނުންނަށް ޤާނޫނުތަކުން ހުރަހެއް ނެތް. ދެން އެމީހެއްގެ އަމިއްލަ މަސައްކަތުން ކުރިއެރީމާ ނިމުނީ.

އާޖީ

about 1 month ago

ދައުލަތުގެ ޕްރޮކިއުމަންޓް މުސްތަގިއްލުކުރުމުގެ ޚިޔާލަށް ތާއީދުކުރެވޭ. އަޅުގަނޑަށް ހީވަނީ ކޮރަޕްޝަން ހިންގޭނޭ ފުރުސަތު ނެތިއްޔާ ސަރުކާރަށް އަންނަން މަސައްކަތްކުރާ މީހުންވެސް މަދުވާނެހެން. ކެވެން ނެތީމަ.

ނުޒޭރު

about 1 month ago

ފައްޔާޒުގެ އެެއްވެސް ޚިޔާލަކަށް އަޅުގަޑު ތާއީދެއް ނުކުރަމެވެ. ރައްޔިތުންގެ މަޖިލިސް ބައިކެމްރަލް ކުރިއަސް، އެތަނަށް ހަމަ އިންތިޚާބު ކުރާނީ ސިޔާސީ ޕާޓީ ތަކުގެ މީހުންނެވެ. އެހެން ވީމާ، އެތަނުގައި 20 މީހުން ތިއްބަސް، ހަމަ ކަން ނިމޭނީ ރޖ ބޭނުން ގޮތަކަށެވެ. ފަނޑިޔާރުންގެ ކަންކަންވެސް، ޕްރޮކިޔޯމެންޓް ކަންކަންވެސް ނިމޭނީ އެގޮތަށެވެ. މަދުވަނީ ސިޔާސީ އިތުބާރެވެ. ރައްޔިތުންނަށް ބާރު ދޭން ބޭނުންވާނަމަ މި ނިޒާމަށް ބޭނނުންވަނީ ވަރުގަދަ ޕެޓިޝަން ސިސްޓަމެކެވެ

ކަލޯ

about 1 month ago

މިއީ ވަރަށް ރަނގަޅު ބަހުސްއެއް ފަށަން. ފާހަގަވީ ދެތިން ކަމެއް ބަޔާން ކޮށްލާނަން. ރައްޔިތުންގެ މަޖިލީހުގައި ދެ ގެ ހަދަނީ ހަރަދު ކުޑަ ކުރުމަށް ކަމަށްވާނަމަ، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރިމަށާއި އެހެނިހެން ގިނަ ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަކީ ދެކޮޅި ޖެހޭ ވިސްނުމެއް ނޫން. ދެވަނަ ކަމަކީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދާރީވާގޮތް ހަދަން ވިސްނާނަމަ، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރާ ވާހަކަ ދެއްކުން މާ ރަނގަޅު.

ޖާހިރު

about 1 month ago

ތިމާމެންގެ ސުޕަމެޖޯރިޓީ އޮތްއިރު ނުކޮށް މިހާރު ކޮން ކަމެއް. އެއްވެސް އިޚުލާސްތެރިކަމެއްނެތް ޑީލަރުން ތީ. ހުސް މުނާފިގުން


އިފާ

about 1 month ago

ބަހުސް ރަނގަޅަސް ބާރު އޮތް އިރު ނުކުރި ކަމެއް ކުރަން މިހާރު ކޮން ކަމެއްތޯ މީ؟