1 ފެބުރުވަރީ 2025 - 12:05 0
1 ފެބުރުވަރީ 2025 - 12:05 0
ލަންޑަން (ފެބްރުއަރީ 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައިވާ ގޮތުން، ލީގު ބުރުުގެ ގަދަ އަށް ޓީމަށް ސީދާ ގަދަ 16 އިން ޖާގަ ލިބޭއިރު، ލީގުގެ 9-24 ގައި ހިމެނޭ ޓީމުތައް ކުޅޭނީ ޕްލޭއޮފުގަ އެވެ. އެ ޕްލޭއޮފުން މޮޅުވާ އަށް ޓީމަކަށް ގަދަ 16 ބާކީ އަށް ޖާގަ ލިބިގެންދާނެ އެވެ.
ރެއާލާއި ސިޓީގެ މެދުގައި ފާއިތުވި އަހަރުތަކުގައި ޗެމްޕިއަންސް ލީގުގައި ފޯރިގަދަ ކުރިމަތިލުންތަކެއް ކުރިއަށްދިޔަ އެވެ. މިދިޔަ ދެ އަހަރަށް ބަލާއިރު، ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ދެ ކްލަބަކީ ވެސް މި ދެ ޓީމެވެ. އެކަމަކު، މި ސީޒަނުގައި ސިޓީގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމަށް ޕްލޭއޮފަށް އާދެވުނީ ވެސް ލީގު ބުރުގެ ފަހު މެޗުން ފަހަތުން އަރައި މޮޅުވެގެންނެވެ.
ރެއާލާ ދެކޮޅަށް ސިޓީން ފުރަތަމަ ލެގު ކުޅޭނީ އަމިއްލަ ދަނޑުގައި މި މަހު 11 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ ލެގު އޮތީ މި މަހު 19 ވަނަ ދުވަހު ރެއާލް ދަނޑުގަ އެވެ.
ޕްލޭއޮފްގެ އެހެން މެޗުތަކަށް ބަލާއިރު، ޕީއެސްޖީން ކުޅޭނީ އެ ގައުމުގެ ބްރެސްޓާ ދެކޮޅަށެވެ. ޔުވެންޓަސް އިން ޕީއެސްވީ އައިންދޯވަންއާ ބައްދަލުކުރާއިރު، ސްޕޯޓިން ލިޒްބަން ކުޅޭނީ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. ކްލަބް ބްރޫޖުން އެޓަލަންޓާއާ ދެކޮޅަށް ކުޅޭއިރު، މޮނާކޯ ބައްދަލުކުރާނީ ބެންފީކާއާ އެވެ. ސެލްޓިކުން ބަޔާން މިއުނިކާ ކުޅޭއިރު، ފެޔަނޫޑް ނުކުންނާނީ އޭސީ މިލާނާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނިގެން، ގަދަ 16ގެ ޖާގަ ޔަގީންކުރި ޓީމުތަކަކީ، ލިވަޕޫލް، ބާސެލޯނާ، އާސެނަލް، އިންޓަ މިލާން، އެތުލެޓިކޯ މެޑްރިޑް، ބަޔާ ލެވަކޫސަން، ލިލް އަދި އެސްޓަން ވިލާ އެވެ.
Comment