ސީއާރްވީއެސް އައިޑީ ނިޒާމު އަލުން ޑިޒައިން ކުރަން ތައިލެންޑް ކުންފުންޏަކާ ހަވާލުކޮށްފި

31 ޖަނަވަރީ 2025 - 09:11 0

ލީވާން އަލީ ނާސިރު

ލ

ސީއާރްވީއެސް އައިޑީ ނިޒާމު އަލުން ޑިޒައިން ކުރަން ތައިލެންޑް ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ: ހޯމްލޭންޑް


ސީއާރްވީއެސް އައިޑީ ނިޒާމު އަލުން ޑިޒައިން ކުރަން ތައިލެންޑް ކުންފުންޏަކާ ހަވާލުކޮށްފި

31 ޖަނަވަރީ 2025 - 09:11 0

ދިވެހިރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލްސް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން (ސީއާރްވީއެސް އައިޑީ) މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ކޮންޓްރޯލް ޑޭޓާ ތައިލެންޑް (ސީޑީޓީ) ކުންފުންޏާ އިއްޔެ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ތައިލެންޑް ކުންފުންޏާ ހަވާލުކުރީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް" ގެ ދަށުންނެވެ.

މަސައްކަތް ހަވާލުކުރި އެއްބަސްވުމުގައި ހޯމްލޭންޑް ސެކިއުރިޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާތެވެ. އަދި ތައިލެންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މިސްޓާ ނާޓް ލިއުޗަރެއޮން އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ އެ އެއްބަސްވުގެ ދަށުން އެހީ ފޯރުކޮށްދޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއަރު) ގެ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ހަރުދަނާ ކުރުމަށް ކަމަށާއި މަސައްކަތް ކުރިއަށް ގެންދަނީ ޑީމެޑް ޕްރޮޖެކްޓްގެ ދެވަނަ ކޮމްޕޯނަންޓްގެ ދަށުން ކަމަށެވެ.

"މި ނިޒާމު ގާއިމްކުރެވުމުން، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ބަލަހައްޓާ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަދި ކައުންސިލްތަކުން ކުރަމުންގެންދާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ސިއްހަތާބެހޭ ވުޒާރާ އަދި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ ތަފާސް ހިސާބުތައް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން، ސައްހަކަމާއި، ރައްކާތެރިކަމާއި އަދި ރިއަލްޓައިމްކޮށް އެކަށީންގެވާ ގޮތެއްގައި ލިބުމަށް މަގު ފަހިވެގެންދާނެ،" އެ މިނިސްޓްރިން ބުންޏެވެ.

މި މަސައްކަތް ނިމުމާއިއެކު، ޑީއެންއާރް އަށް ބޭނުންވާ ސޮފްޓްވެއާ އަދި ހާޑްވެއާ ހޯދުމުގެ މަސައްކަތް ޑީމެޑް ޕްރޮޖެކްޓް އިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.

ތައިލެންޑް ކުންފުންޏަކީ ޑޭޓާ ބެކަޕް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ފެށި، އަދި ފަހުން އެމެރިކާގެ ކޮންޓްރޯލް ޑޭޓާ ކޯޕަރޭޝަންގެ ގޮތްޕެއްގެ ގޮތުގައި ތައިލޭންޑްގެ ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ވިޔަފާރިތަކަށާއި އަދި އަމިއްލަ ކުންފުނިތަކަށް ކޮމްޕިއުޓަރ މެއިންފްރޭމްތައް ފޯރުކޮށްދޭން ފެށި ކުންފުންޏެކެވެ.

ސީޑީޓީ އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ބަޔޮމެޓްރިކްއަށް ހާއްސަވެފައިވާ ޓެކްނޮލޮޖީ ހައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ގައުމީ އައިޑީ ސިސްޓަމްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން، ސީޑީޓީ އިން ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް އައިޑެންޓިޓީ ވެރިފިކޭޝަން ޕްލެޓްފޯމްތައް ތަރައްގީކޮށްފަ އެވެ.