31 ޖަނަވަރީ 2025 - 10:27 0
ލީވާން އަލީ ނާސިރު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް: މިސްކިތްތަކުގައި ފަންޑުފޮށިތައް ބެހެއްޓުމާ ގުޅޭ ގަވާއިދެއް އެކުލަވާލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް
31 ޖަނަވަރީ 2025 - 10:27 0
މިސްކިތްތަކުގައި ފަންޑޮ ފޮށި ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދުން ރެގިއުލޭޓް ކުރުމާ ގުޅޭ ގަވާއިދެއް ހެދުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އެކަން ރެގިއުލޭޓް ކުރަން ގަވާއިދެއް ހަދަން ނިންމީ އެކި އެކި ޖަމިއްޔާތަކުން މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުން ގިނަވަމުންދާތީ ކަމަށެވެ.
"މި އުސޫލު ހެދިގެންދާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ތެރެއިން. މިއީ ކޮންމެހެން ކުރަންޖެހިފައިވާކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިގޮތުން ފަންޑު ފޮށި ބަހައްޓަން ހުއްދަ ދެވޭނީ ހޯދާ ފައިސާ ހަރަދު ކުރާނެ ގޮތުގެ ތަފްސީލް ހުށަހަޅާ ފަރާތްތަކަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެކި ފަރާތްތަކަށް ދޭ ހުއްދަތައް އައު ކުރެވޭނީ ހަރަދު ކުރި ގޮތުގެ ތަފްސީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމަށް އުސޫލުގައި ހިމަނާނެ ކަމަށެވެ.
އެ ގަވާއިދު އަންނަ ރޯދަ މަހުގެ ކުރިން ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މުސްތަގުބަލުގައި މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓޭނީ ގަވާއިދުގެ ދަށުން ކަމަށެވެ.
މިހާރު އޮންނަ އުސޫލަކީ މިސްކިތެއްގައި ފަންޑު ފޮށްޓެއް ބަހައްޓަން ޖަމިއްޔާއަކުން އެދުމުން، ލިޔުމުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދެނީ އެވެ. ނަމަވެސް އެކަން ހިނގަމުންދަނީ އެއްވެސް ގޮތަކަށް ރެގިއުލޭޓް ކޮށްގެނެއް ނޫނެވެ.
މިސްކިތްތަަކުގައި އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނުލައި ވެސް ބައެއް ފަރާތްތަކުން ފަންޑު ފޮށި ބަހައްޓައިގެން ފަންޑު ހޯދާކަން ފާހަގަކުރެވެ އެވެ.
Comment