30 ޖަނަވަރީ 2025 - 10:54 2
އަމަން ހަލީމް
ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
30 ޖަނަވަރީ 2025 - 10:54 2
ބޭރު ފައިސާ މާރުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ޑޮލަރުތައް ބޭންކުތަކަށް މާރުކުރިޔަސް, ޕެރެލަލް މާކެޓު ނުވަތަ ކަޅު ބާޒާރުގައި މި ވަގުތު ވެސް ޑޮލަރެއް ގަންނަން ލިބެން ހުރީ 19ރ. އަށް ވުރެ މަތިންނެވެ.
މި ގަވާއިދުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ލިބުނު ޑޮލަރުތައް މާރުކުރަން ޓޫރިޒަމް ވިޔަފާރިތަކަށް ދިން ސުންގަޑިއަކީ މިދިޔަ އަންގާރަ ދުވަހެވެ.
އެއީ "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކާއި ބޮޑެތި ހޮޓާތަކާއި ސަފާރީތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ގެސްޓުހައުސްތަކާއި 50 ކޮޓަރިއަށް ވުރެ މަދުން ހުންނަ ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރެވެ.
ރިސޯޓުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅާފައިވާ ސޭލްސް ރިޕޯޓުތަކާ ހަވާލާދީ އެ އޮތޯރިޓީން މީގެ ދެ ހަފުތާ ކުރިން ބުނީ 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް މާރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެފަހުން އިއްޔެ ރޭ, ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހޯމަ ދުވަހާ ހަމައަށް, އެއީ ސުންގަޑި ހަމަވާން އެއް ދުވަސް އޮއްވައި, 25 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން މައުލޫމާތު ދީފައިވާ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ ގިނަ ވިޔަފާރިތަކުން އެ ގަވާއިދަށް އެއްބާރުލުން ދެމުންދާ ކަން ފާހަގަކުރައްވަމުންނެވެ.
ރައީސްގެ ވާހަކައިގައި ޑޮލަރު މާރު ކުރަން ފެށުމާ އެކު ރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ފަސޭހަވެ، ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާތަަައް ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތެއް ކަމަށް ދައްކަވާ ވާހަކަ ވެސް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.
ޑޮލަރު މާރުކުރަން ފެށި ނަމަވެސް, އާންމުންނަށާއި ވިޔަފާރިވެރިން ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގައި ހުރި ރޭޓުތަކަށް އަދި ބޮޑު ބަދަލެއް ނާދެ އެވެ.
ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރީގައި އުޅޭ އެކި ތަންތަނުން މައުލޫމާތު އެއްކުރިއިރު, މި ވަގުތު ޑޮލަރެއް ގަންނަ އަގު ހުރީ 18.50ރ. އާއި 18.80ރ. އާ ދެމެދުގަ އެވެ. އަދި ޑޮލަރެއް ވިއްކާ އަގު ހުރީ 19ރ. އާއި 19.10ރ. އާ ދެމެދުގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ 20 ޕަސެންޓާއި 24 ޕަސެންޓު މަތި ރޭޓުތަކެކެވެ.
މި ރޭޓުތަކަށް ހެޔޮ ބަދަލެއް އަވަސް ތާރީހެއްގައި ނާންނާނެ ކަމަށް ވެސް އެ ވިޔަފާރިތަކުން މައުލޫމާތު ދިނެވެ. އެއީ ރޯދައަށް މުދާ ގެންނަން ވިޔަފާރިތަކުން ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވެ, ސަޕްލައިއަށް ވާންކުރުމެވެ. އެއަށް ފަހު ހައްޖު މޫސުން އަންނާތީ އަނެއްކާ ވެސް ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވެ, ސަޕްލައިއަށް ވާން ކުރާނެ ކަމަށް އެ މީހުން ބުންޏެވެ.
"ޑޮލަރު މާރުކުރާ ވަރު މި ދުވަސްކޮޅު ރަނގަޅު. އެކަމަކު ކުރިއަށް ވުރެ ލިބޭލެއް މަދު. ހީވަނީ އަދިވެސް އިތުރަށް މަދު ވާނެހެން," ހެންވޭރުކޮޅުގައި ޑޮލަރު ވިޔަފާރި ކުރާ މީހަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.
މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު މައްސަލައެއްގެ ގޮތުގައި އެ ވިޔަފާރިތަކުން ފާހަގަކުރީ ޑޮލަރުން އާމްދަނީ ލިބޭ މީހުން މަދުވުމުން, އެ ވިޔަފާރިތަކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް އަންނާނެ ބަދަލެވެ. ޑޮލަރު މާރުކުރުމުގެ މަޖުބޫރުކަމާއެކީ, ބައެއް ރިސޯޓުތަކުން ވަނީ ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިފަ އެވެ.
ޑޮލަރު މާރުކުރުމުގެ ވިޔަފާރިތަކަށް އެންމެ ގިނައިން ޑޮލަރު ވިއްކާ މީހުންގެ ތެރޭގައި ހިމެނެނީ ރިސޯޓު މުވައްޒަފުންނެވެ. އެހެންކަމުން ޑޮލަރުން މުސާރަ ލިބޭ މީހުން މަދުވާ ވަރަކަށް ސަަޕްލައި ދަށް ވާނެ ކަމަށް އެ ވިޔަފާރިތަކުން އަންދާޒާކުރެ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ހުރިހާ ކަމެއް ހައްލުކޮށް, ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ ޑޮލަރު މާރުކުރަން މަޖުބޫރުކޮށްގެންނެވެ. މިއާއެކީގައި އާންމުންނަށް ވިއްކާ ޑޮލަރު އަންނަ އަހަރުގެ ތެރޭގައި އިތުރުކޮށް, ކްރެޑިޓު ކާޑުތަކުގެ ލިމިޓު ވެސް މަތިކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment