ޓޫރިޒަމް ވިޔަފާރިތަކުން އެއްބާރުލުން ލިބޭ, 25 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް

29 ޖަނަވަރީ 2025 - 18:09 1

ލީވާން އަލީ ނާސިރު

ލ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ޓޫރިޒަމް ވިޔަފާރިތަކުން އެއްބާރުލުން ލިބޭ ކަމަށާއި 25 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ޓޫރިޒަމް ވިޔަފާރިތަކުން އެއްބާރުލުން ލިބޭ, 25 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް

29 ޖަނަވަރީ 2025 - 18:09 1

ޓޫރިޒަމް ވިޔަފާރިތަކަށް ބަޔެއް ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގިނަ ރިސޯޓުތަކުން އެއްބާރުލުން ލިބޭ ކަމަށާއި މިހާތަނަށް 25 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ހައްލުކުރާ ޑޮލަރުގެ މައްސަލަ ހައްލު ކުރަން ގާނޫނު ހަދައި، އެކަން ފުރިހަމައަށް ތަންފީޒުވާން ފަށާފައިވާ ކަމަށެވެ.

މިގޮތުން މަދު ރިސޯޓުތަކެއް ފިޔަވައި، އެހެން ރިސޯޓުތަކުން ގާނޫނަށް ތަބާވެ ޑޮލަރު މާރު ކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ކުރިއަށްދާނަމަ ގާނޫނު ފުރިހަމައަށް ތަންފީޒު ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވި ގޮތަށް މިހާރު އެވަނީ ތަންފީޒު ކުރަން ފަށާފައި. މިހާރު މި ޖެނުއަރީ މަހު، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެ ފުރަތަމަ ބެޗުގެ ޑޮލަރު މާރު ކުރުމުގެ ކަންތައް ހަމަ ޖުމްލަކޮށް ވަރަށް މަދު ރިސޯޓުތަކެއް ފިޔަވައި، ޖުމްލަކޮށް މުޅި ރާއްޖޭގައި އޮޕަރޭޓުކުރާ ހަމަ ގިނަ ރިސޯޓުތަކުން އެކަމަށް ތަބާވެ ދަނީ ޑޮލަރު މާރު ކުރަމުން،" ރައީސް ވިދާޅުވި އެވެ.

"މިހާތަނަށް ވެސް އެމްއެމްއޭގެ ގަވަރުނަރު އެންމެ ފަހުން އަޅުގަނޑަށް ދިން މައުލޫމާތު އެއީ މިދިޔަ ހޯމަ ދުވަހު. ހޯމަ ދުވަހު ދިން އަޕްޑޭޓުގައި ވެސް 25 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައި. އެއީ އެއް މަހުގެ ތެރޭގައި. މިގޮތަށް މީ ރަނގަޅަށް މިކަން ކުރިއަށްދާނަމަ އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން ގާނޫނު ފުރިހަމައަށް ތަންފީޒު ކުރާނަން."

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އެ ގާނޫނުގެ ދަށުން ޑޮލަރު މާރު ކުރަން ޖެހޭ އެއްވެސް ވިޔަފާރިވެރިޔަކު އިސްތިސްނާއެއް ނުދޭނެ ކަމަށާއި ޑޮލަރު މާރު ކުރަން ޖެހޭ ހުރިހާ ވިޔަފާރިއަކުން ގާނޫނާ އެއްގޮތަށް އެކަން ކުރަން ޖެހޭނެ ކަމަށެވެ.

މި ގޮތުން ޑޮލަރު މާރު ކުރަން ފެށުމާ އެކު ރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ފަސޭހަވެ، ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާތަަައް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން ތަންފީޒު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނާ މެދު ބައެއް ރިސޯޓުތަކުން ހިތްހަމަ ނުޖެހި، ޑޮލަރު މާރެއް ނުކުރެ އެވެ. އަދި ބައެއް ރިސޯޓުތަކުން ވަނީ ޑޮލަރުން ދެމުންދިޔަ ސާވިސް ޗާޖު ރުފިޔާއިން ދޭން ފަށައިފަ އެވެ.

މި ހިނގާ ޖެނުއަރީ 1، އިން ފެށިގެން އަމަލުކުރާ ބޭރު ފައިސާއާ ބެހޭ ގާނޫނު އޮތް ގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.

އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހެ އެވެ.

ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ ޖަމާކުރުމާއި މާރުކުރުން މަޖުބޫރު ވަނީ 2022 ގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އެކަންޏެވެ. މި ވިޔަފާރިތަކަށް ވެސް މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.

އެމްއެމްއޭއިން ލަފާ ކުރާ ގޮތުގައި މި މަހު ރިސޯޓުތަކުން 40 އާއި 30 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރު ކުރާނެ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ފިނރުޓޭ

3 months ago

ކިތަންމެ ވަރަކަށް މި ސަރުކާރުން ކަން ކުރާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހުނު ކަމަށް ވިޔަސް، މީ މި ސަރުކާރުން ކުރި ވަރަށް ރަގަޅު ކަމެކޭ ބުނެވޭނީ އިނގޭ! އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ގައުމުގެ މުދަލާ ހިދްމަތްތައް އެކްސްޕޯޓު ކޮށްގެން ލިބޭ އާމްދަނީ ހަމަ އެއްކޮށް ގައުމަށް ގެނެސް ބޭންކުތަކަށް މާރު ކުރަންޖެހޭ! ލަންކާ އިންޑިޔާ އަދި ބަންގްލަދޭޝް އަށް ބެލި ކަމަށް ވިޔަސް މި ކަން އޮންނަނީ ހަމަ މި ގޮތަށް!