Advertisement

ޑުޕްލެކްސް އެއްބަސްވުން ބާތިލުނުކޮށް އިހަވަންދޫ ހޮސްޕިޓަލް އަޅަން އާރްޑީސީއާ ހަވާލުކޮށްފި

29 ޖަނަވަރީ 2025 - 22:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިހަވަންދޫ ހޮސްޕިޓަލް އަޅަން އާރްޑީސީއާ ހަވާލުކުރުން: އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ޑުޕްލެކްސްއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ނުކޮށް -- ފޮޓޯ: ރައީސް އޮފީސް


ޑުޕްލެކްސް އެއްބަސްވުން ބާތިލުނުކޮށް އިހަވަންދޫ ހޮސްޕިޓަލް އަޅަން އާރްޑީސީއާ ހަވާލުކޮށްފި

29 ޖަނަވަރީ 2025 - 22:31 1

ހއ. އިހަވަންދޫގައި ހޮސްޕިޓަލް އެޅުމަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެކު ޖެނުއަރީ 17، 2023 ގައި ހެދި އެއްބަސްވުން ދެމި އޮއްވައި، އެ ރަށުގައި ހޮސްޕިޓަލެއް އެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެކު ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ޑުޕްލެކްސްއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ހޮސްޕިޓަލުގެ ގްރައުންޑް ވޯކްސް ފަށައި ފައުންޑޭޝަންގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް ވެރިކަން ބަދަލުވެ، މި ސަރުކާރު އައި ފަހުން ޑުޕްލެކްސް އިން ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ މަސައްކަތަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހުމުންނެވެ.

މިގޮތުން އެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވީ ފަހުން އެ ކުންފުންޏާ އެކު ހަދާފައި އޮތް އެއްބަސްވުން ބާތިލު ނުކޮށް، އާރްޑީސީއާ އެކު ހެލްތު މިނިސްޓްރީން ސޮއިކުރި ހޮސްޕިޓަލުގެ މަސައްކަތުގެ ތަފްސީލެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޑުޕްލެކްސްގެ އެމްޑީ ސައީދު "އަދަދު" އަށް ވިދާޅުވީ ބީއެމްއެލްއިން ފައިނޭންސް ކުރާ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއަށް އެ ބޭންކުން ފައިސާ ދޫނުކޮށްގެން މަސައްކަތް މަޑު ޖެހުމުން ހެލްތު މިނިސްޓްރީއަށް އެކަން އެންގި ކަމަށެވެ.

އެ މަޝްރޫއު އާރްޑީސީއާ މިއަދު ހަވާލުކުރިއިރު، ޑުޕްލެކްސްއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރަން އަންގާފައިނުވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ސަރުކާރުން ހަރަދު ކުރާ ގޮތަށް މަޝްރޫއު އަލުން ފަށަން މަޝްވަރާތަކެއް ކުރިއަށް ގޮސް މިދިޔަ މަހު އަނގަބަހުން އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ.

"ސަރުކާރުން ބާތިލު ކުރިކަން އަންގާފައެއް ނެތް. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިޔައީ. ބީއެމްއެލްއިން ލެޓާ ހަމަޖެހުމުން މަސައްކަތް ފެށީ. އެހެންވެ މަސައްކަތް ކުރިއަށް ގެންދިޔައީ," އޭނާ ވިދާޅުވި އެވެ.

"މިއަދު ކުއްލިއަކަށް އާރްޑީސީއާ އެކު ސޮއިކުރިތަން ފެނިގެންދިޔައީ، އެކަމަކު އަނގަބަހުން ހެލްތު މިނިސްޓްރީއާ އެކު މިދިޔަ މަހު ކުރިއަށްދިޔަ ބައްދަލުވުމުގައި އެއްބަސްވެވުނު ސަރުކާރުން ހަރަދު ކުރާ ގޮތަށް މަޝްރޫއުގެ މަސައްކަތް އަލުން ފަށަން"

އިހަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާރްޑީސީއާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށެވެ.

އެކަމަކު ހޮސްޕިޓަލާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެއްވައި، އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއަކީ އެ ރަށަށް ވެވަޑައިގެންނެވި މުހިންމު ވައުދެއް ކަމަށެވެ.

"ހޮސްޕިޓަލް މަޝްރޫއު ވެސް އިރާދަކުރެއްވީތީ ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާ ސިއްހީ ދާއިރާއަށް މި ރަށުގައި އަޅުގަނޑު ކުރިއަށް ގެންދަން ވައުދުވި އެންމެ މުހިންމު މަޝްރޫއު," ރައީސް ވިދާޅުވި އެވެ.

އެހެންވީމަ އެކަމުގައި މިއަދު މި ސޮއިކުރެވިގެން އާރްޑީސީއާ އެކު މި މަޝްރޫއު އިރާދަކުރެއްވިއްޔާ ހަމަ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމަދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިބޭފުޅުންނަށް އަޅުގަނޑު އަރުވަން،"

އިހަވަންދޫގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ޑުޕްލެކްސްއާ ހަވާލުކުރީ 123.30 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު ނިމޭނެ ކަމަށް އޭރު ލަފާކޮށްފައި އޮތީ 18 މަސް ދުވަހުގެ ތެރޭގަ އެވެ.