29 ޖަނަވަރީ 2025 - 10:52 0
މުހައްމަދު ޝަހްޒާން
ޕެރެލައިޒްވެފައި އޮތް މީހާ ޕީއެންސީއަށް ވައްދަން ހެއްކެއްގެ ގޮތުގައި ސޮއިކުރި ރަފާ (ވ) -- ފޮޓޯ: ސޯޝަލްމީޑިއާ
29 ޖަނަވަރީ 2025 - 10:52 0
މީގެ ތިން އަހަރު ކުރިން ސްޓްރޯކެއް ޖެހި ޕެރެލައިޒްވެފައި އޮތް މީހެއްގެ ނަމުގައި ވަގު ފޯމެއް ފުރަައިގެން ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މަޖީދު ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ މައިދައިތައަކީ މީގެ ތިން އަހަރު ކުރިން ސްޓްރޯކެއް ޖެހި ހަށިގަނޑުގެ ކަނާތްފަޅި އެއްކޮށް ޕެރެލައިޒްވެ އެނދުމަތިވެފައި އޮތް މީހެއް ކަމަށެވެ. އަދި އޭނާއަކީ އަތުން ގަލަމެއް ހިފެހެއްޓުމުގެ ގާބިލުކަން ވެސް މިހާރު ނެތް މީހެއް ކަމަށް މަޖީދު ބުންޏެވެ.
"އޭނައަކީ [މައިދައިތައަކީ] ކަނާތުން ގަލަމެއް ހިފެހެއްޓޭ ވެސް މީހެއް ނޫން، އެކަމަކު އޭނާގެ ސޮއި އެބައޮތް ފޯމުގައި،" އޭނާގެ މައިދައިތަ ޕީއެންސީއަށް ވައްދަން ފުރާފައިވާ ފޯމާއެކު މަޖީދު ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
އެ ފޯމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައި އޮތީ އައިޝަތު ޖެނިފާ، ރޯޒީ ވިލާ، ހއ. އިހަވަންދޫ އާއި ފާތިމަތު ރަފާ، ބުޗާގެ، ގދ. ފަރެސްމާތޮޑާ، ގެ ނަމުގަ ވެ. އޭގެ ތެރެއިން ފާތިމަތު ރަފާއަކީ ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުރި މުވައްޒަފެކެވެ. ޑީއެންއާރުގެ އޮފީސް ތެރޭގައި ޕީއެންސީޢަށް ފޯމު ފުރި މަންޒަރު ފެންނަ ފޮޓޯތަކުން ވެސް ރަފާ ފެނެ އެވެ.
ނަމަވެސް މަޖީދު ބުނީ އެ ދެމީހުންގެ ނަންބަރުކަމަށް ބުނެ ޕީއެންސީ ފޯމުގައި ޖަހާފައިވާ ނަންބަރަށް ގުޅުމުން، އެ ދެ މީހުން ވެސް ޕީއެންސީ ފޯމުގައި ސޮއި ކުރި ކަމަށް އިންކާރު ކުރި ކަމަށެވެ.
ޕެރެލައިޒްވެފައި އޮތް މީހެއްގެ ނަމުގައި ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ވެއްދި މައްސަލައެއް ފެންމަތިވެފައިވާއިރު، ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ޕީއެންސީއަށް ވަގަށް ވައްދާފައިވާ މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ.
އެގޮތުން 10 ފުލުހަކާއި ސިފައިންގެ ހަތް މީހަކަށް އެނގުމެއް ނެތި އެ މީހުން ޕީއެންސީއަށް ވައްދާފައިވާކަން "އަދަދު" ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.
އޭގެ އިތުރުން ރައީސް މުއިއްޒުގެ އާއިލާގެ ބޭފުޅުންތަކަކާއި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އިސް ބައެއް ބޭފުޅުން ހިމެނޭހެން އެ ޕާޓީގެ ވެސް އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ޕީއެންއެފްގެ މެންބަރުންތަކެއް ޕީއެންސީއަށް ވެއްދުމާއެކު ޕީއެންއެފްގެ އާންމު މެންބަރުންގެ އަދަދު ވަނީ 3000 އަށް ވުރެ ދަށްވެފަ އެވެ.
ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް އެތައް ބަޔަކު ވައްދާފައިވާ މައްސަލަ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިމުމުން، އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ދީފަ އެވެ.
0.00%
40.00%
60.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment