29 ޖަނަވަރީ 2025 - 12:27 0
29 ޖަނަވަރީ 2025 - 12:27 0
އައިންދޯވަން، ނެދަލެންޑްސް (ޖެނުއަރީ 29) - ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވެ، ފުރަތަމަ ސީޒަނުގައި މިހާތަނަށް އާނާ ސްލޮޓަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭ އެންމެ ބޮޑު ސަބަބަކީ ނުވަ ވަރަކަށް އަހަރު ލިވަޕޫލަށް ކޯޗުކޮށްދީފައި އެ ޓީމު ދޫކޮށްލި ކޯޗު ޔާގަން ކްލޮޕްގެ ފައުންޑޭޝަން ރަނގަޅުވުން ކަމަށް އެ ޓީމުގެ ނެދަލެންޑްސް ފޯވާޑް، ކޯޑީ ގަކްޕޯ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ކްލޮޕްގެ ކޯޗުކަމުގައި ވެސް ލިވަޕޫލްގައި ރަނގަޅު ކުޅުމެއް ދެއްކި ގަކްޕޯ މި ސީޒަނުގައި އަންނަނީ ސްލޮޓްގެ އިރުޝާދުގެ ދަށުން ކުޅުން ރަނގަޅުކޮށް ތަފާތު ދައްކަމުންނެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ގަކްޕޯގެ ކުރީގެ ޓީމު ޕީއެސްވީއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، އެ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ނުކުޅޭނެ އެވެ. މިރޭގެ މެޗުގައި ލިވަޕޫލުން ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދޭއިރު، ޓީމު ލީޑުކުުރުމުގައި ސީނިއާކޮށް ފެންނާނެ އެއް ކުޅުންތެރިއަކީ ގަކްޕޯ އެވެ.
ގަކްޕޯ ބުނީ ލިވަޕޫލްގެ ކޯޗު ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ވެސް އެ ޓީމަށް މާ ބޮޑު އަސަރެއް ނުކުރާ ސަބަބަކީ ދެ ކޯޗުން ވެސް ކުރި މަސައްކަތް ރަނގަޅުވުން ކަމަށެވެ.
"މި ޕްރޮސަސް ފެށުނީ ހަގީގަތުގައި ކްލޮޕް ހުއްޓައި. މިހާރު ސްލޮޓް އެ ކުރިއަށްދަނީ އެ ފައުންޑޭޝަން މަތީގައި. ސްލޮޓް އަކީ ވަރަށް އާދައިގެ މީހެއް. ވަރަށް ހަމަޖެހިގެން ކޮންމެ ހާލަތެއްގައި ވެސް ޓީމު އިސްކޮށް ކުރިއަށްދާ ކޯޗެއް. ޓެކްޓިކަލީ އޭނާ ވަރަށް މޮޅު، ކުޅުންތެރިންނާ ކޮންމެ ހާލަތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާނެ. އަހަރެމެން އޭނަގެ ސިސްޓަމަށް ހޭނެން ފަސޭހަވީ،" ގަކްޕޯ ބުންޏެވެ.
ލިވަޕޫލުން މި ސީޒަނުގައި ބަލިވީ އެންމެ ދެ މެޗުންނެވެ. އެއީ ލީގުގައި އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުންނާއި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގު ޓޮޓެންހަމް އަތުންނެވެ.
ގަކްޕޯ ބުނީ މިދިޔަ ސީޒަނުގައި ވެސް އެ ޓީމަށް ގިނަ ކަންކަން ދިޔައީ ވަކި ހިސާބަކަށް ރަނގަޅަށް ކަމަށާއި ފަހު 10 މެޗާ ހަމައިން ކަންކަން ބަދަލުވާން ފެށީ ކަމަށެވެ. އެހެންކަމުން، ހުރިހާ ގޮތަކުން ވެސް މި ސީޒަން ވަރުގަދަ އަށް ނިންމަން އަޒުމު ކަނޑައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް ގަކްޕޯ ވަނީ ބުނެފަ އެވެ.
Comment