28 ޖަނަވަރީ 2025 - 22:03 0
އަހުމަދު އާއިދު
ރިޔާސީ ކެމްޕޭނުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން : އެމްޑީޕީން ޖެނުއަރީ 31، ގެ ރޭ މުޒާހަރާ ކުރާނެ --- ފޮޓޯ: އަދަދު
28 ޖަނަވަރީ 2025 - 22:03 0
އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއު" ގައި ޖެނުއަރީ 31، ގައި ބާއްވާ ހިނގާލުން ރޭގަނޑަށް ބަދަލުކޮށްފި އެވެ.
އެ ޕާޓީން އެންމެ ފުރަތަމަ ނިންމީ އެ ދުވަހު ހަވީރު އެ އެއްވުން ފެށުމަށެވެ. ނަމަވެސް އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ގަޑި ބަދަލުވީ އެ ރޭ 8:00 އަށް ކަމަށެވެ. އެއްވުން ފެށޭނެ ތަނަކީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، އެމްޑީޕީން ދުރާލާ ރާވައިގެން މަގުމަތީގައި އިހުތިޖާޖުކުރަން ބާއްވާ ފުރަތަމަ ހަރަކާތެވެ.
ގާނޫނުއަސާސީގެ ދިފާއުގައި ޑިސެމްބަރު 10، 2024 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޮޑު ޖަލްސާއެއް ވެސް ބޭއްވި އެވެ.
އެ ޖަލްސާ ފެށުމުގެ ކުރިން، އެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުމަށް ފާސްކުރި އެވެ. އެ ހަރަކާތްތަކަށް، ސިޔާސީ ހަރަކާތްތަކުގައި އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތުގެ އިތުރުން އާންމު ފަރުދުން ވެސް ބައިވެރި ކުރަން ދައުވަތު ދޭން ވެސް ނިންމި އެވެ.
ގާނޫނުއަސާސީގެ ނަމުގައި އެމްޑީޕީން މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅިގެންނެވެ. އިތުރު ބަދަލުތައް ވެސް ގާނޫނުއަސާސީއަށް ގެނެސްފައިވެ އެވެ.
ރައީސް މުއިއްޒު ބޭނުންވެގެން ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ ބަދަލުތަކަކީ ގާނޫނުއަސާސީގެ ބާރު ކެނޑޭ ގޮތަށް ގެނައި ބަދަލުތަކެއް ކަމާއި ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގެނައި އެ ބަދަލުގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ވެގެންދާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ރައްޔިތުންގެ ހައްގުގައި، އަދި ސަރުކާރު ޒިންމާދާރުކުރުވުމަށް، މީގެ ކުރީގެ ވެރިކަންތަކުގައި ވެސް އެމްޑީޕީން މުޒާހަރާތަކާއި ބޮޑެތި އެއްވުންތައް ބާއްވާފައިވެ އެވެ.
Comment