28 ޖަނަވަރީ 2025 - 13:44 1
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް. އޭނާގެ ދަރިކަލުން ހުންނެވި ކެބިނެޓު މަގާމުން ވެސް ވަނީ މިއަދު ވަކިކޮށްފައި --- ފޮޓޯ: އަދަދު ފައިލް
28 ޖަނަވަރީ 2025 - 13:44 1
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އޮތް ގުޅުން ހީނަރުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް އަބްދުﷲ ދުރުކުރުމުގެ މަޝްވަރާތަކެއް ވެރިކަން ހިންގާ ޕީއެންސީ ތެރޭގައި ފަށާފައި ވަނިކޮށް މެލޭޝިއާއަށް ކުރެއްވި ދަތުރު ކުރުކޮށްލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަތުމަށް އަބްދުއްރަހީމް ދަތުރު ފަށްޓަވައިފި އެވެ.
އަބްދުއްރަހީމް މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފަ އެވެ.
ފައިސަލް ވަކިކުރާ ކަމުގެ އަޑުތަކާއި އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް މި ފަހުން ވަނީ އެކިފަހަރުމަތިން ގަދަވެފަ އެވެ. އެންމެފަހުން ގޮސް ސަބަބެއް ބަޔާން ކުރުމެއް ނެތި ފައިސަލް މަގާމުން ވަކިކުރީ އެވެ. އެ ކަން ހިނގިއިރު އަބްދުއްރަހީމް ހުންނެވީ އަމިއްލަ ދަތުރެއްގައި މެލޭޝިއާގަ އެވެ.
މަޖިލިސް ރިޔާސަތު ވެސް ބަލަހައްޓަވާ އަބްދުއްރަހީމް މިރޭ މާލެ ވަޑައިގަންނަވާނެ ކަމަށް އަރިސް ބައެއް ބޭފުޅުން ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.
ވެރިކަން ހިންގާ ޕީއެންސީގެ ޗެއާމަނަކަށް ވެސް ހުންނެވި އަބްދުއްރަހީމް ވަނީ އެ ޕާޓީގެ ހުރިހާ މަސައްކަތަކުން ވެސް އެކަހެރިކޮށްފަ އެވެ.
ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ މި ނޫހާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.
އެކަމަކު، މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަބްދުއްރަހީމްއަކީ އެމަނިކުފާނު އެންމެ ފަހުރުވެރިވާ ސިޔާސީ ޝަހުސިއްޔަތު ކަމަށެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، އަޅުގަނޑު އެންމެ ބޮޑަށް އެ ބޭފުޅަކަށްޓަކައި ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް،" އޭޕްރީލް 6، 2024، ގައި ރައީސް ވިދާޅުވި އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އެބެސެޑަރު ވެރީ ލާޖު
5 days ago
ހާދަ ދަތުރެކޭ ދޯ އަދުރޭވެސް މި ކޮށްލަނީ
Comment