28 ޖަނަވަރީ 2025 - 07:48 1
އަހުމަދު އާއިދު
އިދިކޮޅު ފަރާތްތަކުން ހއ. ދިއްދޫގައި ދެމި ބެނާއެއް : މި ބެނާތައް ފުލުހުން ވަނީ ނަގާފަ --- ފޮޓޯ: ދިއްދޫ އެމްޑީޕީ
28 ޖަނަވަރީ 2025 - 07:48 1
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން އެ ރަށުގައި ރޭ ދެމި ބެނާތައް ނެގި ކަމަށް ފުލުހުން އެއްބަސްވެއްޖެ އެވެ.
ރައީސް މުއިއްޒު ވަޑައިގަތުމުގެ ކުރިން އެމަނިކުފާނާ ދެކޮޅަށް ޝުއޫރު ފާޅު ކުރަން ރޭ ބެނާ ދެމީ އިދިކޮޅު އެމްޑީޕީން އާއި ޑިމޮކްރެޓްސްގެ މެންބަރުންނެވެ. އެ ދެ ޕާޓީގެ މެންބަރުން ހިތްހަމަނުޖެހުން ފާޅު ކުރަން ބެނާ ދަމަން ނިންމީ ރަށަށް ރަށަށް ކޮށްދޭން ވައުދުވި ކަންކަމުގެ އެއްވެސް ވައުދެއް ނުފުއްދޭތީ އެވެ.
މި ބެނާތަށް ނެގީ ރޭ ފަތިހު އެވެ. ބެނޭތައް އަނބުރާ ހޯދުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާގެ އިސްވެރިން ވަނީ މިއަދު އެ ރަށުގައި ހުންނަ ފުލުހުންގެ މަރުކަޒަށް ގޮސްފަ އެވެ.
މިކަމާ ގުޅިގެން މި ނޫހާ ވާހަކަދައްކަމުން ދިއްދޫ އެމްޑީޕީގެ ހިންގާ ކޮމިޓީގެ މެންބަރު މަހްމޫދު ޝަފީގު (މަންޑޭ) ބުނީ ބެނާތަށް ހޯދުމަށް ދިޔައީ ދާއިރާގެ ރައީސް ނައިބު ރައީސް އަދި އިސްވެރިން ކަމަށެވެ.
"ފުލުހުން ބުނީ އޭގަ ބޭއަދަބީ ބަހުން ލިޔެފަ ހުރީމައޭ [ނެގީ]. އަޅުގަނޑުމެން އެހިން ކޮބައިހޭ ބޭއަދަބީ ބަހަކީ. އެމީހުން ބުނީ ކައްޒާބު. ދެން ބަހްލޫލު. އެވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ބަހެއް ކަމަށް ފުލުހުން ބުނީ،" މަންޑޭ ބުންޏެވެ.
ކައްޒާބުގެ މާނައަކި ދޮގުހަދާ މީހާ އެވެ. ބަހްލޫލުގެ މާނައަކީ މަކަރުވެރިޔާ، ހީލަތްތެރިޔާ އެވެ.
މި ދެ ބެނާގެ އިތުރުން "ޓާޝަރީ ހޮސްޕިޓަލު ދިމްޔާތު ފުރަގަހަށް" މިހެން ލިޔެފައި ދެމި ބެނާއެއްވެސް ފުލުހުން ވަނީ ނަގާފަ އެވެ. އެ ބެނާވެސް ނެގީ ބޭއަދަބީ ބަހެއް އެކުލެވޭތީ ތޯ އެހުމުން ފުލުހުން ޖަވާބެއް ނުދޭ ކަމަށްވެ އެވެ.
ދިއްދޫގައި ބެނާތަށް ދެމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުމާ ދިމާކޮށެވެ.
އިދިކޮޅު މެންބަރުން ރޭ ބެނާތައް ތައްޔާރު ކުރަމުން ދަނިކޮށް ފުލުހުންގެ ޓީމެއް ވަނީ އެ މަސައްކަތް ކުރަމުންދިޔަ ގެޔަށް ވަދެ އިންޒާރެއް ދީފަ އެވެ. އޭގެ ކުރިން ދުވަހު އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އާއި ނައިބު ރައީސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ރައީސް އެ ރަށަށް ވަޑައިގަންނަވާއިރު "ދަތުރަށް ހުރަސް އެޅޭ ގޮތަށް" ޝުއޫރު ފާޅު ނުކުރަން އިންޒާރުދީ ދިއްދޫ ކައުންސިލުން ވަނީ އެމްޑީޕީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
ރައީސް ހއ. އަތޮޅަށް ކުރައްވާ ދަތުރުގައި ދިއްދޫ ހިމެނޭ ގޮތަށް ޖުމުލަ 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ. ދިއްދޫގެ އިތުރުން ދެން ވަޑައިގަންނަވާނީ ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment