28 ޖަނަވަރީ 2025 - 13:19 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވަމުން ދަނީ ޕްލޭންކުރެވި ބަޖެޓު ވެސް ކުރެވިފައިވާ ކަންކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
28 ޖަނަވަރީ 2025 - 13:19 0
ޕްލޭނެއް ނެތި އެއްވެސް ރަށެއްގައި މަޝްރޫއެއް ނުހިންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި އެ އަތޮޅު މުރައިދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށަށް ކުރާ ދަތުރުތަކުގައި ރައްޔިތުންގެ ހާލަތު ގާތުން ބަލައި މަޝްވަރާކޮށް، ވައުދުވެފައި ހުރި ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދަން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިގޮތުން ބަޖެޓު ނުކޮށް ކަންކަން ކުރަން ދަންނަވާ ކަމަށް ބުނެ އިދިކޮޅަށް ބައެއް މީހުން ވާހަކަ ދައްކަމުންދާތީ އެކަމަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާ ހިއްސާ ކުރާ ހުރިހާ ވާހަކައަކީ ޕްލޭން ކުރެވި، ބަޖެޓް ކުރެވިފައިވާ ކަންކަން ކަމަށެވެ.
"އަޅުގަނޑު މިގޮތަށް ރަށްރަށަށް މިކުރާ ދަތުރުގައި މި ވާހަކަތައް ރައްޔިތުން ގާތަށް އައިސް، ރައްޔިތުންގެ ހާލަތު ގާތުން ބަލައިގެން އިތުރަށް މަޝްވަރާ ކުރެވިގެން، އޮޅުންފިލުވައި މި ވައުދުތައް ފުއްދުމުގެ ކަންކަމުގައި ބާރު ސްޕީޑެއްގައި ކުރިއަށް ދިޔުމުގެ މަޝްވަރާތަކެއް މިކުރަނީ. އަދި އެކަންކަން ކުރެވޭނެ ގޮތް މި ހާމަކުރަނީ،" ރައީސް ވިދާޅުވި އެވެ.
"މިހެން މިދަންނަވާލި ސަބަބަކީ އަޅުގަނޑު މިގޮތަށް ރަށްރަށަށް ރައްޔިތުންގެ ގާތަށް ދިޔުމުން، ރައްޔިތުން ވިދާޅުވެލައްވާ ކަންކަން ސަރުކާރުން ކޮށްދޭނެ ކަމަށް އަދި ކޮށްދޭނެ ގޮތް އަޅުގަނޑު މިގޮތަށް ދަންނަވަމުން ގެންދާތީ ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކައި އެއްވެސް ޕްލޭނެއް ނެތި، ނޫނިއްޔާ ބަޖެޓް ނެތި ކަންކަން ކުރާނެ ވާހަކަ ދައްކަނީއޭ. ނޫން. އެހެނެއް ނޫން."
ކުއްލިއަކަށް ރައްޔިތުންނާ އެކި ވާހަކަތައް ދައްކަމުން ނުދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ބަޖެޓްކޮށް ޕްލޭން ކުރެވިފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދާނެ ގޮތް ރައްޔިތުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ބައެއް ކުޑަކުދިން ދޭ ނޯޓު ކޮޅުގައި ލިޔެފައި އޮންނަ ކަންކަން ވެސް ކޮށްދެއްވާނެ ކަމަށް އަންނަނީ ވިދާޅުވަމުންނެވެ. އެއްވެސް ޕްލޭނެއް ނެތި އަދި ބަޖެޓް ވެސް ނުކުރާ ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުންނެވެ.
މިގޮތުން ރައީސް މުއިއްޒުގެ އެ އަމަލުތަކަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އޮންނަ އުސޫލުތަކުން ބޭރުން ވެސް އެމަނިކުފާނު ކަންކަން ކުރައްވާ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.
ވެރިކަމުގެ ފަސް އަހަރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ދަތުރު ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެ މަނިކުފާނު ވަނީ ގިނަ ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ދެވަނަ ފަހަރަށް ދަތުރުކުރަން 2027 ގަައި ފަށާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment