Advertisement

ހިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިއަކު މަގާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

28 ޖަނަވަރީ 2025 - 12:05 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިއަކު މަގާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

28 ޖަނަވަރީ 2025 - 12:05 1

ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައި އޮތް އަސާސީ ހައްގެއް ކަމަށާއި އެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިއަކު މަގާމުގައި ދެމި ހުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިއަދު ފެށްޓެވި ދަތުރާ ދިމާކޮށް ހއ. ދިއްދޫގައި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ދެމި ބެނާތައް ބަޔަކު ކަނޑައިލި ހަބަރު ރީޕޯސްޓު ކުރައްވައި ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީ އާއި އަސާސީ ހައްގުތަކުގެ ދިފާއުގައި ބަސްބުނުމަށް ދިއްދޫ ރައްޔިތުން ކުރެއްވި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށެވެ.

"ހިޔާލު ފާޅު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީގައި އޮތް އަސާސީ ހައްގެއް، އެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިއަކު މަގާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް، ގާނޫނުއަސާސީ އާއި އަސާސީ ހައްގުތަކުގެ ދިފާއުގައި ބަސްބުނުމަށް ދިއްދޫ ރައްޔިތުން ކުރެއްވި ހިތްވަރަށް ސާބަސް ދަންނަވަން،" ފައްޔާޒްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ދިއްދޫގައި އިދިކޮޅު ދެ ޕާޓީން ބެނާތަކެއް ދެމީ އެ ރަށަށް ކޮށްދޭން މި ސަރުކާރުން ވައުދުވި ކަންކަމުގެ އެއްވެސް ވައުދެއް ނުފުއްދޭތީ އެވެ. ނަމަވެސް ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ވަނީ އެ ބެނާތައް ކަނޑައިލާފަ އެވެ.

"ރޭ އަޅުގަނޑުމެން ބެނާތައް ދެމީ. ގާތްގަނޑަކަށް އަށް ބެނާ ދެމިން. އެކަމަކު ބަޔަކު ނުކުމެ ރޭ ދަންވަރު ބެނާތައް ކަނޑާލާފަ ހުރީ. ނޭނގެ ކޮން ބައެއް ކަމެއް އެކަން ކުރީ،" ދިއްދޫއިން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދިއްދޫގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އަޅައި، ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ހިންގައި އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެކަންކަން މިއަހަރު ކުރަން ސަރުކާރުން ޕްލޭން ކޮށްފައިނުވާކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ.

އިދިކޮޅު މެންބަރުން ރޭ ބެނާތައް ތައްޔާރު ކުރަމުން ދަނިކޮށް ފުލުހުންގެ ޓީމެއް ވަނީ އެ މަސައްކަތް ކުރަމުންދިޔަ ގެއަށް ވަދެ އިންޒާރެއް ވެސް ދީފަ އެވެ. އޭގެ ކުރީދުވަހު އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އާއި ނައިބު ރައީސް ފުލުސް އޮފީހަށް ހާޒިރު ވެސް ކުރި އެވެ.