28 ޖަނަވަރީ 2025 - 11:18 0
28 ޖަނަވަރީ 2025 - 11:18 0
އަންޓްވާޕް، ބެލްޖިއަމް (ޖެނުއަރީ 28) - ޑްރަގް މައްސަލައެއްގައި ބެލްޖިއަމްގެ މިޑްފީލްޑަރު، ރަޖާ ނައިންގޯލާން ހައްޔަރުކޮށްފައިވާ ކަމަށް ބެލްޖިއަމްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބެލްޖިއަމްގެ ޕޮލިހުން ހިންގި ރެއިޑްތަކުގެ ތެރެއިން، ނައިންގޯލާން، 36، ވެސް ހައްޔަރުކޮށްފައިވަނީ، ދެކުނު އެމެރިކާ އިން މަސްތުވާތަކެތީގެ ގިނަ ބާވަތްތަކެއް ބެލްޖިއަމްގެ އަންޓްޕާޕްގެ ބަދަރު މެދުވެރިކޮށް، އެ ގައުމަށް އެތެރެ ކުރި މައްސަލައެއްގަ އެވެ.
މި މައްސަލައިގައި ނައިންގޯލާން ހައްޔަރުކޮށްފައިވަނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް، ބެލްޖިއަމް ފުލުހުން ބުނެފައިނުވެ އެވެ.
ނައިންގޯލާން ހައްޔަރުކޮށްފައި މި ވަނީ، އޭނާ ފުޓްބޯޅައިން ރިޓަޔާކޮށްގެން ހުރި ހުރުން ބަދަލުކުރުމަށް ފަހު، އަލުން ކުޅެން ނުކުތްތާ ހަ ވަރަކަށް ދުވަސް ފަހުންނެވެ. ރިޓަޔާމަންޓް އުވާލައި، ނައިންގޯލާން ކުޅެން ފަށާފައިވަނީ ބެލްޖިއަމް ދެ ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލޮކެރެން އެވެ.
އެ ގޮތުން، ނައިންގޯލާން ވަނީ އަލުން ކުޅެން ފެށި ފުރަތަމަ މެޗުގައި ވެސް ލޮކެރެން އަށް ގޯލު ޖަހައިދީފަ އެވެ.
އަންޓްވާޕަށް އުފަން ނައިންގޯލާން ކެރިއަރުގެ ބޮޑުބައި ހޭދަކުރީ އިޓަލީގަ އެވެ. އެ ގޮތުން، އޭނާ ވަނީ ރޯމާ އާއި އިންޓަ މިލާނަށް ކުޅެފަ އެވެ. ބެލްޖިއަމް ގައުމީ ޓީމުގައި 2009 އިން 2018 އަށް ހިމެނުނު ނައިންގޯލާން ވަނީ އެ ޓީމަށް 30 މެޗު ކުޅެދީފަ އެވެ.
Comment