27 ޖަނަވަރީ 2025 - 22:58 4
ލީވާން އަލީ ނާސިރު
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ ވަޒީފާއިން ކަނޑާލުމުން މެންބަރު މަމްދޫހުއާ އެ ފިރިހެން މީހާގެ އަނބިމީހާ ކުރިމަތިލުން
27 ޖަނަވަރީ 2025 - 22:58 4
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ "ސިޔާސީ" ބޭނުމެއްގައި އެމްޓީސީސީގެ ވަޒީފާއިން ވަކި ކުރުމުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހުއާ، ވަޒީފާއިން ވަކި ކުރި މީހާގެ އަނބިމީހާ ކުރިމަތިލައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އޯޓިޒަމް ހުންނަ ކުއްޖަކާއި ހަތަރު މަސް ނުފުރޭ ކުއްޖަކު ގޮވައިގެން އެ އަންހެން މީހާ މަމްދޫހުއާ ކުރިމަތިލައި ބުނީ އޭނާގެ ފިރިމީހާ ވަޒީފާއިން ވަކިކުރީ ސީދާ މަމްދޫހު އަންގަވައިގެން ކޮންޓްރެކްޓު އާކުރިތާ ހަފްތާއެއް ވެސް ނުވަނީސް ކަމަށެވެ.
"ހަފްތާއެއް ނުވޭ ކޮންޓްރެކްޓް ދީފައި. ހަފްތާއެއް ނުވެ ކައެ ތި ކަނޑާލީ. އެވެސް މިކޮޅަށް އަންގައިގެން ކައޭމެން އޭނަ ހުރިގޮތް ބަލާލާފައި އެންމެ ރަނގަޅު ކައޭ ކަނޑާލީ. މީނާ ހުރި ހާލެއް ބަލާލާފައި ކަނޑާލީ. ދެން މިތަނުގައި މަސައްކަތް ކޮށްކޮށް ހުއްޓައި ކަނޑާލީ. ކޮންޓްރެކްޓު ނުދީ ކަނޑާލާނީ. އެނގިއްޖެތަ،" ދެ ދަރިން ވެސް ގޮވައިގެން ގޮސް މަމްދޫހުއާ ކުރިމަތިލައި އޭނާ ބުންޏެވެ.
އެ އަންހެން މީހާ އިތުރަށްބުނީ އޭނާގެ އާއިލާގެ ދިރިއުޅުމުގެ ކަންކަން ހަމަ ޖައްސަމުން ދިޔައީ ފިރިމީހާއަށް އެމްޓީސީސީން ހޯދަމުން ދިޔަ އާމްދަނީން ކަމަށެވެ. އެ ފިރިހެން މީހާ ވަޒީފާ އަދާ ކުރަމުންދިޔައީ މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި އެމްޓީސީސީ ސައިޓު އެޑްމިން އިންވެންޓްރީގެ އޮފިސަރަކަށެވެ.
ފިރިހެން މީހާއަށް އެމްޓީސީސީން ގުޅައި ކ. ހުރާއަށް ބަދަލު ކުރަން ނިންމާފައިވާކަން އެންގުމަށްފަހު، ފަހުން އޭނާ ވަޒީފާއިން ވަކިކުރިކަން ވަނީ އަންގާފަ އެވެ.
""އޯޓިޒަމް ކުއްޖަކު އެބަހުއްޓޭ، ހަތަރު މަސް ނުވާ ބޭބީ އެއް އެބަ އޮތޭ، ތަނަކަށް ނުދެވޭނެއޭ. ބުނީމަ ވަޒީފާ އިން ކަނޑާލީ. އަނިޔާ ކުރެވޭނީ މިހާވަރަށް. ދެން ގުޅާފަ ބުނީ ނިކުންނާށޯ ކ. ހުރަޔަށް. މީ މަލާމާތް ކުރުމެއް ނޫންތޯ،" އެ އަންހެން މީހާ ބުންޏެވެ.
ނަމަވެސް މަމްދޫހު ވަނީ އެ ފިރިހެން މީހާ ވަޒީފާއިން ވަކިކުރީ އޭނާ އަންގައިގެން ނޫން ކަމަށާއި އެކަން ކުރީ އެމްޓީސީސީން ކަމަށް ވިދާޅުވެފަ އެވެ.
ރަށްރަށުގައި ސަރުކާރު ކުންފުނިތަކަށް ނަގާފައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment