9 ފެބުރުވަރީ 2025 - 12:59 0
އަތޫފް އާތިފް
9 ފެބުރުވަރީ 2025 - 12:59 0
ކްލަބް ވެލެންސިއާ އަށް ކުޅެމުން އައި ޒުވާން ފޯވާޑް އަބްދުالله ޔާމީން (ޔާނު) ގެ ސޮއި ބުރު ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ވެލެންސިއާއާއެކު ޔާނު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ބުރުން ޔާނުގެ ސޮއި ހޯދީ ފްރީ ޓްރާންސްފާ އެއްގަ އެވެ.
ކްލަބް ގްރީން ސްޓްރީޓްސް އިން ކެރިއަރު ފެށި ޔާނު ވަނީ އެ ކްލަބާއެކު، 18 އަހަރުން ދަށަށް ހާއްސަކޮށް ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ފަހުން ފުރަތަމަ ޑިވިޝަނުގައި ވެސް މޮޅު ކުޅުމެއް ޔާނު ވަނީ ދައްކައިފަ އެވެ. އެއާއެކު ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ޔާނު އަށް ވަނީ ލިބިފަ އެވެ.
ބުރުން އަންނަ ސީޒަނަށް އެ ކްލަބްގެ ސްކޮޑު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުގެ އެންމެ ބޮޑު ޓާގެޓެއްގެ ގޮތުގައި މަސައްކަތް ކުރީ ޔާނުގެ ސޮއި ހޯދަން އެވެ. ޔާނުގެ އިތުރުން ބުރު ސްކޮޑް ވަރުގަދަ ކުރުމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އަންނަ އަރީން އަބްދުﷲގެ ސޮއި ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ.
"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ޔާނު ބުނީ ވެލެންސިއާ ދޫކޮށްލަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު, ބުރާ އެކު ކާމިޔާބު ސީޒަންތަކެއް ހޭދަކޮށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޔާނު ވަނީ ބުނެފަ އެވެ.
ވެލެންސިއާއާ އެކު ހޭދަކުރި ސީޒަންތަކުގައި ޔާނު ވަނީ އެ ޓީމަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެެވެ. އޭގެ ތެރޭގައި، އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ވާދަކުރި ފަހަރު ވެސް ހިމެނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment