26 ޖަނަވަރީ 2025 - 15:19 1
އަހުމަދު އާއިދު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު : އޭނާ ވިދާޅުވީ ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ސަރުކާރުން ނޫޅޭ ކަމަށް --- ފޮޓޯ: ރައީސް މުއިއްޒު
26 ޖަނަވަރީ 2025 - 15:19 1
މީޑިއާތަކާއި އިންޓަނެޓު ރެގިއުލާޓު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާކަން ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައިވަނިކޮށް، އެއީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
"ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ވަރަށް ފަހުގެ މަރުހަލާއެއްގައި ކަމަށެވެ. މަސައްކަތް ކުރަމުންދަނީ މީޑިއާތަކަށް ވެސް އެއްބަސްވެވޭ ފަދަ ބިލެއް ގެނައުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ނާޒިމަށް ގޮންޖައްސަވާ ހީނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފު ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
އަދި އެފަދަ ބިލެއް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި ނުވާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފު ކުރުމުގެ ވިސްނުމެއްނެތް ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުގެ އެކްޓިވިސްޓުން މި ޕޯސްޓު ހިއްސާކޮށް ބުނަމުންދަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ކަމަށެވެ.
"ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން،" ހީނާ ލިޔުއްވާފައިވެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުގައި ނާޒިމް ފާހަގަ ކުރެއްވީ މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ވަކިން މަސައްކަތް ކުރާތީ ދައުލަތުން ބޮޑު ހަރަދެއް ވެސް ހިނގާ ކަމަށެވެ. އަދި، އެ ދެ މުއައްސަސާއިން ވެސް ކުރަނީ އެއް މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"މީޑިއާ ވެސް އެބަޖެހޭ ޒިންމާދާރުވާން. މީޑިއާއިން ބުނަނީ މީޑިއާއިން އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެއޭ. އެކަމު އެކަން ވެފައެއް ނެތް. ވާތަނެއް ފެންނާކަށްވެސް ނެތް. ހަމަ އެ މީހަކު ދައްކަން ބޭނުންވާ އެއްޗެއް ހަމަ ޓީވީތަކުންވެސް ދައްކަނީ. ލިޔަން ބޭނުންވާ އެއްޗެއް ލިޔަންވެސް ލިޔަނީ،" ނާޒިމް ވިދާޅުވި އެވެ.
މި ބިލާއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ކަމަށްވާ ޓުވިޓާ (އެކްސް)، އިންސްޓަގްރާމް، ޓެލެގްރާމް އަދި ޓިކްޓޮކްވެސް ރާއްޖޭގައި ރެގިއުލޭޓް ކުރެވިގެންދާނެ ކަން ދޭހަވާ ފަދަ މޭރުމަކުން ނާޒިމް ވަނީ ވާހަކަދައްކަވާފަ އެވެ.
"ޓުވިޓަރާއި، އިންސްޓަގްރާމާއި، ޓިކްޓޮކާއި މިހެން ގޮސް މި އެއްޗެހިތައްވެސް ރެގިއުލޭޓުކުރެވެންޖެހޭ. މިހާރު ޓިކްޓޮކް އެމެރިކާގަ ބަންދުކުރާ ހިސާބަށްވެސް އެދަނީ ހަމަ ސަބަބެއް އޮވެގެން ދެއްތޯ،" ނާޒިމް ވިދާޅުވި އެވެ.
Comment