25 ޖަނަވަރީ 2025 - 19:35 0
25 ޖަނަވަރީ 2025 - 19:35 0
ލިވަޕޫލް (ޖެނުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެ، ލީގު ހޯދުމުގެ ރޭހުގައި މަގާމު ދެމެހެއްޓިއިރު، ފަހަތުން އަރައި ޗެލްސީ އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި އިޕްސްވިޗް ޓައުން އަތުން 4-1 އިން މޮޅުވެފަ އެވެ. އާސެނަލުން ރަށުންބޭރުގައި އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު ނަމަވެސް 1-0 އިން ވުލްވްސް ބަލިކުރި އެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 22 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 23 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ބޯންމައުތު އަތުން 5-0 އިން ބަލިވެ، 23 މެޗުން 44 ޕޮއިންޓް ލިބިފައިވާ ނޮޓިންހަމް ފޮރެސްޓް އެވެ.
ހަތަރު ވަނައިގައި އޮތް ސިޓީ އާއި ފަސް ވަަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 23 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ނިއުކާސަލުން ވަނީ ފަހަތުން އަރައި 3-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ.
ލިވަޕޫލުން ލީޑުނެގީ ޑޮމިނިކް ސޮބޯސްލާއި ޖެހި ގޯލުންނެވެ. މުހައްމަދު ސަލާހު ލިވަޕޫލްގެ ލީޑުފުޅާކޮށްދިންއިރު، އޭގެ ފަހުން އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ ކޯޑީ ގަކްޕޯ އެވެ.
މެޗުގެ ފަހުކޮޅުގައި އިޕްސްވިޗުގެ ގޯލު ޖެހީ ޖޭކޮބް ގްރީވްސް އެވެ.
އާސެނަލްގެ މައިލްސް ލެވިސް-ސްކެލީ އަށް ފުރަތަމަ ހާފުގައި ރަތް ކާޑެއް ދެއްކިއިރު، އޭގެ ފަހުން ވުލްވްސް އިން ގިނަ އެޓޭކްތަކެއް ކޮށް ލަނޑެއް ނުޖެހި ދިޔައިރު، މެޗުގެ ދެ ވަނަ ހާފުގައި ވުލްވްސްގެ ޖޮއާއޯ ގޯމޭސް އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ. އޭގެ ފަހުން، އާސެނަލް މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ، ރިކާޑޯ ކަލަފިއޯރީ އެވެ.
ސިޓީ ދަނޑުގައި ޗެލްސީން ވަނީ ލީޑުނަގައިފަ އެވެ. ދާދި ފަހުން ސިޓީއާ ގުޅުނު އުޒްބެކިސްތާން ޑިފެންޑަރު، އަބްދުކޮދީރު ހުސާނޯފް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ޗެލްސީ އަށް ލީޑުނަގައިދިނީ ނޯނީ މަޑުއޭކޭ އެވެ. ސިޓީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ޖޮސްކޯ ގްވާޑިއޯލް އެވެ. އަދި އެ ޓީމަށް ލީޑުނަގައިދީން ގޯލު ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ހެދި ގޯހެއްގެ ފައިދާނަގައި، ސިޓީ އަށް ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. އަދި ހާލަންޑް ދިން ބޯޅައަކުން ސިޓީގެ ފަހު ގޯލު ޖެހީ ފިލް ފޯޑެން އެވެ.
ބްރައިޓަން ދަނޑުގައި އެވަޓަން ވަނީ 1-0 އިން މޮޅުވެ، ކުރިއަށް ފިޔަވަޅެއް އަޅައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment