Advertisement

ޕޮލިސް ކޮމިޝަނަރުގެ ނަސޭހަތް: ޑިއުޓީގައި ފޯނާ ނުކުޅޭތި، ބާރު ބޭނުން ކުރާނީ ހިތުހުރި ގޮތަކަށް ނޫން

26 ޖަނަވަރީ 2025 - 06:14 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދ. ވާނީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވާހަކަ ދައްކަނީ. -- ފޮޓޯ: ފުލުހުން


ޕޮލިސް ކޮމިޝަނަރުގެ ނަސޭހަތް: ޑިއުޓީގައި ފޯނާ ނުކުޅޭތި، ބާރު ބޭނުން ކުރާނީ ހިތުހުރި ގޮތަކަށް ނޫން

26 ޖަނަވަރީ 2025 - 06:14 4

ގާނޫނީ ގޮތުން ފުލުހުންނަށް ލިބިދޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުން ކުރަންޖެހޭ ބާރެއް ނޫން ކަމަށް ހަނދާންކޮށް ދެއްވައި، އިތުރު ދެ ކަމެއް ކޮށްދިނުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި އޮފިސަރުންގެ ދަސްވެނިވުމުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނުކުންނަ އޮފިސަރުންގެ ކިބައިން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ފުރަތަމަ ކަމަކީ ޑިއުޓީ އަދާކުރާއިރު ޑިއުޓީގެ ބޭނުމަށް މެނުވީ މޯބައިލް ފޯނު ބޭނުން ނުކުރުން،" ދ. ވާނީގައި ޕޮލިސް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވި އެވެ.

މަގުމަތިން ފުލުހުން ފެންނައިރު ވެސް ތިބެނީ ފޯނަށް ގެއްލިފައި ކަމާއި މަގުމަތީގައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހެއްޓޭ ކަމުގެ ކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިކަން ރަނގަޅު ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންނާ އަލަށް ގުޅި އަސާސީ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި އޮފިސަރުން. -- ފޮޓޯ: ފުލުހުން


ރައްޔިތުންނާ އަބަދުވެސް ރިވެތިކޮށް މުއާމަލާތް ކުރުމަށް ވެސް ޝުޖާއު ނަސޭހަތްތެރިވި އެވެ. ރައްޔިތުންނާ ރިވެތި ބަހުން ވާހަކަ ނުދެއްކޭނެ އެއްވެސް ހާލަތެއް އައިސްގެން ނުވާނެ ކަމަށާއި ރައްޔިތުންނަށް ވުރެ ވަކިން މާތްކޮށް ވާހަކަ ދައްކަންޖެހޭ އިތުރު ބަޔަކު ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުއްމީދު ކުރަން ފުލުހުންނަށް އަމާޒުވާ މި ނޭދެވޭ ސިފަ ތިޔަ އޮފިސަރުންގެ މަސައްކަތުން ހައްލުކޮށްދޭނެ ކަމަށް،" ޝުޖާއު ވިދާޅުވި އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ޝުޖާއު ފާހަގަ ކުރެއްވީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުތައް ޒިންމާދާރުކަމާއެކު ބޭނުން ކުރުމެވެ

ފުލުހުންނަށް ގާނޫނީ ގޮތުން ލިބިދޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަންޖެހޭ ބާރެއް ނޫންކަން ހަނދާންކޮށް ދެއްވަމުން ޝުޖާއު ވިދާޅުވީ "އަބަދުވެސް ބަލަން ވާނީ ބާރުގެ ބޭނުން ނުކޮށް ދިމާވާ ކަންކަން ހައްލުކުރުމަށް" ކަމަށެވެ.

"މަގު ދައްކައިދޭ ބަޔަކަށް ވުމަށް. އިސްލާހުވުމަށް ފުރުސަތު ދޭ ބަޔަކަށް ވުމަށް. އަޅުގަނޑު އުއްމީދު ކުރަން ތިޔަ އޮފިސަރުންގެ މަސައްކަތުން ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިގެންދާނެ ހިދުމަތަކަށް ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.