އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު 1435 ޓުއަރިސްޓަކު ރާއްޖެ އެތެރެވި

25 ޖަނަވަރީ 2025 - 05:27 1

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލައި ރާއްޖޭގައި މުޒާހަރާ ކުރަނީ: ގެސްޓްހައުސް ޖަމިއްޔާއިން ބުނެފައި ވަނީ ނަސްލުހޭދު ކުރުމުގައި ބައިވެރިވާ އިޒްރޭލުގެ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު 1435 ޓުއަރިސްޓަކު ރާއްޖެ އެތެރެވި

25 ޖަނަވަރީ 2025 - 05:27 1

އިޒްރޭލުގެ ޕާސްޕޯޓު ބޭނުންކޮށްގެން މިދިޔަ އަހަރު 1435 ފަތުރުވެރިޔަކު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވި 1435 މީހުންގެ ތެރެއިން 130 މީހުން ރާއްޖެ އައީ ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެހެންކަމުން، އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފެށި ނަސްލުހޭދު ކުރުމަށްފަހު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި އިޒްރޭލުގެ ފަތުރުވެރިންގެ އަދަދަކީ 2040 އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި 34 މީހުން ހިމަނައިގެންނެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އިޒްރޭލުގެ ވެރިން. އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭންކުރުން. އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން. އޭގެ ތެރޭގަ ސިފައިން ވެސް ނުހިމެނޭ ގޮތަށް. މުޅި އިޒްރޭލަކީ ސިފައިން ދެއްތޯ ގާތްގަނޑަކަށް. އެހެންވީމަ އެ ހިމެނިއްޖިއްޔާ އިޒްރޭލުގެ ހުރިހާ ރައްޔިތުން ހިމެނިގެންދާނެ،" ނޮވެމްބަރު، 2024، ގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


އަހްމަދް

19 days ago

ޕާސްޕޯޓު މަނާ ކުރުން ލަސްކުރަމުން ކުރަމުން އައިސް އެންމެ ފަހުން ޔަގީން ތާރީހޭ ކިޔާފަ ބުނި ފެބްރުއަރީ ވެސް އަންނަނީ. ފެބްރުއަރީވެސް އައިއްސަ ދާނެ. އަލީ ރަމީޒު ބިނާހެން އިބިލީހުގެ ކައިވެންޏަށް ނޫނީ ނުވާނެ.