25 ޖަނަވަރީ 2025 - 09:45 0
25 ޖަނަވަރީ 2025 - 09:45 0
ބްރުސެލްސް، ބެލްޖިއަމް (ޖެނުއަރީ 25) - ހުސްވެފައިވާ ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު، ރުޑީ ގާސިއާ ހަމަޖައްސައިފި އެވެ.
ބެލްޖިއަމްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ހަފްތާގައި އެ މަގާމުގައި ހުރި ޑޮމެނިކޯ ޓެޑެސްކޯ ވަކިކުރުމާ ގުޅިގެންނެވެ.
މަގާމުގައި ދެ އަހަރަށް ވުރެ މަދު ދުވަހު ހުރި ޓެޑެސްކޯ ވަކިކުރީ ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ރެކޯޑް ދަށްވުމުންނެވެ. ޓެޑެސްކޯގެ ކޯޗުކަމުގައި އެންމެ ފަހުން ބެލްޖިއަމުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.
ގާސިއާ، އެންމެ ފަހުން ހުރީ އިޓަލީގެ ނަޕޯލީގެ ކޯޗަކަށެވެ. އޭނާ އެ ޓީމުގެ ކޯޗުކަމުން 2023 ވަނަ އަހަރު ތެރޭ ވަކިކުރިއިރު، އެ މަގާމުގައި ހުރީ އެންމެ 16 މެޗުގަ އެވެ. ގާސިއާއާ އެކު ކޯޗިން ޓީމުގައި، ބެލްޖިއަމްގެ ކުރީގެ ކެޕްޓަން، އެޑެން ހަަޒާޑް މަސައްކަތްކުރާނެ އެވެ.
ބެލްޖިއަމާ އެކު ގާސިއާ ސޮއިކުރި ކޮންޓްރެކްޓް އޮތީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ބެލްޖިއަމް ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ، އަންނަ މާޗް މަހު ނޭޝަންސް ލީގު ޕްލޭއޮފްގައި، ޔޫކްރެއިނާ ކުޅޭ މެޗެވެ.
ހަޒާޑް ވަނީ 2011 ވަނަ އަހަރު ގާސިއާގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. އެއީ ފްރާންސްގެ ލިލް އިން އެ ފަހަރު ފްރެންޗް ލީގާއި ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހަރު އެވެ.
ގާސިއާ ވަނީ ހަޒާޑާ އެކު، ބެލްޖިއަމްގައި މަސައްކަތްކުރާއިރު، އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަން ހޯދާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން، ކެވިން ޑި ބްރޭނާ އާއި ރޮމެއޫ ލުލާކޫ އަދި ތިބޯ ކޯޓުއާއާ ވެސް ގާސިއާ ބައްދަލުކުރާނެ އެވެ. މީގެ ތެރެއިން ކޯޓުއާ ވަނީ ޓެޑެސްކޯ ކޯޗަކަށް ހުއްޓައި، ބެލްޖިއަމް ޓީމަށް ނުކުޅެން ނިންމައިފަ އެެވެ.
ކޯޗިން ކެރިއަރު 1994 ވަނަ އަހަރު ފެށި ގާސިއާ ވަނީ ފްރާންސްގެ ގިނަ ޓީމުތަކުގެ އިތުރުން އިޓަލީގެ ރޯމާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ވެސް ކޯޗުކޮށްދީފަ އެވެ. ގާސިއާ ކޯޗުކޮށްދިން ފްރާންސް ޓީމުތަކަށް ބަލާއިރު، ލިލްގެ އިތުރުން، މާސޭ، ލިޔޯން، ސެއިން އެޓިއެން، ޑިޖޯން އަދި ލެ މޯންސް ހިމެނެ އެވެ.
Comment