24 ޖަނަވަރީ 2025 - 09:25 0
ޝައުނާ: ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކުރީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް -- ފޮޓޯ: އަދަދު ފައިލް
24 ޖަނަވަރީ 2025 - 09:25 0
ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ވަގު ފޯމު ފުރައިގެން އާންމުން ވައްދާ މައްސަލަ ފެންމަތިވެފައި އޮއްވައި، ޕީއެންސީއަށް ގިނަ އަދަދެއްގެ މީހުން ރަޖިސްޓްރީކޮށްދިނުމުން މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ ޕީއެންސީއަށް އޮތީ 39،985 މީހުން ވައްދައިފަ އެވެ. މި ހިސާބުތައް އިލެކްޝަންސް ކޮމިޝަނުން އާންމު ކުރީ ފޯޖަރީގެ މައްސަލަތައް ފެންމަތިވެ، އެކަމާ އާންމު ރުޅިގަދަވެފައި ތިއްބަ އެވެ.
"ވެރިކަން ކުރާ ޕާޓީއިން ފޯޖު ކުރި ކަމުގެ ހެކި އޮވެ، އެކަމަށް ތަހުގީގެއް ކުރިއަށް ދަނިކޮށް 39،000 އަށް ވުރެ ގިނަ މީހުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ރަޖިސްޓްރީކޮށްދިނުމުން ނިޒާމަށް އާންމުންގެ ފަރާތުން އޮތް އިތުބާރު ގެއްލިއްޖެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝައުނާ ވިދާޅުވި އެވެ. "މިކަން ބަލައެއްނުގަނެވޭނެ."
އިލެކްޝަންސްގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު ސެޕްޓެމްބަރު 19، 2024، ގެ ނިޔަލަށް ޕީއެންސީގައި ތިބީ 28،983 މީހުންނެވެ. އެހެންކަމުން ސެޕްޓެމްބަރު 19، އިން ފެށިގެން ޑިސެމްބަރު 31، ގެ ނިޔަލަށް ހިނގައިދިޔަ ތިން މަހާއި 12 ދުވަހުގެ ތެރޭގައި އެ ޕާޓީއަށް 39،985 މީހުން އޮތީ ވައްދަައިފަ އެވެ.
ޕީއެންސީއަށް ވަގަށް މީހުން ވެއްދުމުގެ މަސައްކަތުގެ ބޮޑު ބައެއް ކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަން ހިންގާ އޮފީހުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނެވެ. ވަގު ފޯމު ފުރުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދިޔައިރު، އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއެންއާރުގެ ވެރިންގެ، އަބްދުލްމަޖީދު އަދި އަހުމަދު އާލީ ވަނީ އެ ހުރިހާ ކަމަކަށް އެއްބަސްވެފަ އެވެ.
ފޯމު ފުރުމުގެ މަސައްކަތް ކުރިއިރު ޕާޓީއަށް ވަންނަން އެދޭ އެއްވެސް މީހަކު އެތަނަކު ނުހުރެ އެވެ. ނަމަވެސް ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާ މީހުން އެތަނުގައި ތިބެ އެވެ. ޕީއެންސީއަށް މީހުން ވައްދާ ފޯމުގެ އިގުރާރުގައި ބުނަނީ، ހެކިވެރިޔާ ސޮއި ކުރަނީ ޕާޓީއަށް ވަންނަން އެދޭ މީހާގެ ހާޒިރުގައި ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment