Advertisement

ޖެނުއަރީ 31، ގައި ސަރުކާރާ ދެކޮޅަށް ސިވިލް ސާވަންޓުން ވެސް ނުކުންނަންޖެހޭ: އާޒިމް

23 ޖަނަވަރީ 2025 - 22:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީން މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި އާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ


ޖެނުއަރީ 31، ގައި ސަރުކާރާ ދެކޮޅަށް ސިވިލް ސާވަންޓުން ވެސް ނުކުންނަންޖެހޭ: އާޒިމް

23 ޖަނަވަރީ 2025 - 22:47 0

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން މި މަހު 31، ގައި ބާއްވާ އެއްވުމަށް ސިވިލް ސާވަންޓުން ވެސް ގުޅެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޮނޑިބަތް ޕާކުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން މާލޭގެ މަގުތަކަށް ނުކުންނަންޖެހޭ ކަމަށެވެ. އަދި، ވުޒާރާތަކަށް ބަލާއިރު އެ ތަންތަނުގައި ތިބޭ ސިޔާސީ މުވައްޒަފުންނަށް ލިބޭ މުސާރަ ސިވިލް ސާވަންޓުންނަށްވުރެ އެތައް ގުނައެއް އިތުރުކަން އޭނާ ފާހަގަކުރައްވި އެވެ.

"ސިވިލް ސާވިސް މުވައްޒަފުން އަޅުގަނޑުމެންނާއެކު މި މަހުގެ 31 ވަނަ ދުވަހު ނުކުންނަންވީ، ނުކުމެ ބުނެދޭންވީ ތިމަންނަމެންގެ މުސާރަ ބޮޑުކޮށްފަ ސިޔާސީ މީހުންގެ މުސާރަ ކުޑަކޮށްދޭށޭ. އަޅުގަނޑުމެންނާއެކު ނުކުންނަންވީ،" ޑިމޮކްރެޓްސް ދޫކޮށް މި ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އާޒިމް ވިދާޅުވި އެވެ.

އެ ދުވަހުގެ އެއްވުމުގައި އެމްޑީޕީގެ އިސްވެރިންނާއި މެންބަރުންގެ ގައިގައި މުގުރު ޖައްސާ ޕެޕާ ސްޕްރޭ ނުޖަހާ ފުލުހުންނަށް ސިވިލް ސާވަންޓުންނާ ހަމައަށް ނުދެވޭނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން، މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާހެދި ގެއްލުން ލިބެމުންދާ ހުރިހާ މީހުން ވެސް 31، ގައި މަގުމަށްޗަށް ނުކުތުމަށް އާޒިމް ވަނީ ގޮވާލައްވާފަ އެވެ. އެގޮތުން ރިސޯޓުތަކުގެ މުވައްޒަފުންނާއި ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް އޭނާ ފާހަގަކުރެއްވި އެވެ.

"މިކަންތައްތަކަށް ހައްލެއް އަންނަންދެން ޖެނުއަރީ 31، ގެ ފަހުން ކޮންމެ ރެޔަކު ކޮންމެ ރެޔަކު މާލޭގެ މަގުތަކަށް އަޅުގަނޑުމެންގެ ޕާޓީން އެއްވާނެ ކަމަށް ދެކެނީ،"

އާޒިމް ވިދާޅުވީ ސިލްސިލާކޮށް އެކަން ކޮށްފިނަމަ އާދައިގެ މަތިން ރޯދައިގެ ކުރިން ސަރުކާރުން ސިޔާސަތުތަައް ބަދަލުކުރާނެ ކަމަށެވެ.

އާޒިމް އަކީ އެ ޕާޓީގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އުފެއްދުމުގެ ތެރެއިން އެމްޑީޕީން ކަނޑާލި މެންބަރެކެވެ. އޭނާ އަލުން ޕާޓީއަށް ގުޅުމާއެކު އޭރު އެޅި ފިޔަވަޅުތައް ވަނީ މައާފުކޮށްފަ އެވެ.