22 ޖަނަވަރީ 2025 - 11:11 0
މުހައްމަދު ޝަހްޒާން
ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރި ސަރާހަތު (ކ) މުހައްމަދު އަބްދުﷲ (ވ) -- ފޮޓޯ: އަދަދު
22 ޖަނަވަރީ 2025 - 11:11 0
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ކުރީގެ ކޮމިޝަނަރު އައިމިނަތު ސަރާހަތު އިއްޒަތު އާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުالله (މުހަންމާ) އައްޔަނު ކޮށްފި އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އެ ދެ ބޭފުޅުން އައްޔަނު ކޮށްފައިވާކަން އެ ކޮމިޝަނުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ. ބްރޯޑްކޮމްގެ ދެ ގޮނޑި ހުސްވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފް ދައުރުގެ ހަމަވުމުންނެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ ދެ މަގާމަށް އައްޔަނު ކުރަން ފެނޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މުހަންމާ އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު، އިބްރާހިމް މުއާޒުގެ ނަމެވެ. ސަރާހަތުގެ ނަން އޮތީ އެ ލިސްޓުގެ ހަތްވަނައިގަ އެވެ.
ނަމަވެސް ބްރޯޑްކޮމްއަށް އައްޔަނު ކުރަން މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މުއާޒުގެ ނަމަށް ވޯޓަށް ނޭހުނީ އޭނާއަށް އެ މިންވަރަށް މާކްސް ނުލިބުމުންނެވެ. މައްސަލަ ދިރާސާ ކުރި ކޮމިޓީން މާކްސް ދިން ލިސްޓުގެ އެންމެ ކުރީގައި އޮތް ސަރާހަތަށް ފުރުސަތު ލިބުނީ އެހެންވެ އެވެ.
މުހަންމާ ބްރޯޑްކޮމްއަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ ދެވަނައަށް އެންމެ ގިނައިން މާކްސް ލިބުނު ޝިފްޒާ މުސްތަފާ އައްޔަނުކުރަން ނުފެންނަ ކަމަަށް 50 މެމްބަރަކު ވޯޓު ދިނުމާ ގުޅިގެންނެވެ. މުހަންމާ އަކީ މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ރިޕޯޓުގައި ތިންވަނައަށް އެންމެ ގިނައިން މާކްސް ލިބުނު މީހާ އެވެ.
ސަރާހަތު އާއި މުހަންމާ ކޮމިޝަނަން ކުރުމާއެކު އެ ކޮމިޝަންގައި ތިބެން ޖެހޭ ހަތް މެންބަރުން މިހާރު ހަމަވީ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ދެން އެ ކޮމިޝަނުގައި ތިއްބަވަނީ އައިމިނަތު އަމީނާ އާއި މުހައްމަދު ފަޒީނު އާއި ޝިފްލާ އިބްރާހިމްގެ އިތުރުން ސަފާ ޝަފީގު އާއި އައިމިނަތު ނުޒުހާ އެވެ.
ބްރޯޑްކޮމްއަކީ ބްރޯޑްކާސްޓު ދާއިރާގެ ބެލެނިވެރި މުއައްސަސާ އެވެ. އެ ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރޭތޯ ކަށަވަރުކޮށް ފިޔަވަޅު އެޅުމުގެ އިތުރުން ފްރީކުއެންސީ ޕްލޭން އެކުލަވާލުމާއި ބްރޯޑްކާސްޓިންއާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދިނުން ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment