21 ޖަނަވަރީ 2025 - 19:45 1
މުހައްމަދު ޝަހްޒާން
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ފިލުމުގެ ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު
21 ޖަނަވަރީ 2025 - 19:45 1
ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައުލޫމާތުތައް ބަލަހައްޓާ، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ފޯމު ފުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް އިއުތިރާފުވެ، ސަރުކާރު މުވައްޒަފުން ލައްވައި ފޯމުތައް ފުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓަރު، އަލީ އިހުސާން އިސްވެ ހުންނަވައިގެން ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއެންއާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކައިލުމަށް ކަމަށް ބުނެ އެ އޮފީހަށް ނޫސްވެރިން ގެންގޮސް، ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުލްމަޖީދު ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ މުވައްޒަފުން ޕީއެންސީގެ ފޯމުތައް ފުރިއިރު އިސްވެ ހުންނެވީ މިނިސްޓަރު، އިހުސާން ކަމަށެވެ.
"އަޅުގަނޑުމެންގެ މައްޗަށް، ހާއްސަކޮށް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން މިނިސްޓަރުގެ ދަށުގައި އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ނުވަތަ ހޯމް ޓީމްގެ ފަރާތުން ޕީއެންސީއަށް ހުށަހެޅިފައި މިއޮތް އަދަދުގެ ގޮތުގައި ތި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ މި ދައްކަނީ 1700 ފޯމެއްގެ ވާހަކަ،" އަބްދުލްމަޖީދު ވިދާޅުވި އެވެ.
ޑީއެންއާރުގެ ޑޭޓާބޭސްއިން އާންމުންގެ ޒާތީ މައުލޫމާތުތަކެއް ނަގައިގެން ޕީއެންސީއަށް ފޯމުތަކެއް ފުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތު ދޮގު ކުރައްވައި އަބްދުލްމަޖީދު ވިދާޅުވީ މިނިސްޓަރު، އިހުސާން އިސްވެ ހުންނަވައި "ހޯމް ޓީމް" އިން ފުރީ 1700 އެއްހައި ފޯމު ކަމަށްވާއިރު ޑީއެންއާރުގެ ޑޭޓާބޭސްއިން ވައްކަން ކުރިނަމަ، އެ އަދަދު އެހައި މަދު ނުވާނެ ކަމަށެވެ.
ޑީއެންއާރުގެ ދޮރުމަތީ ހުންނަވައިގެން ވާހަކަ ދައްކަވަމުން އަބްދުލްމަޖީދު ވަނީ ދައުރުވަމުންދާ ފޮޓޯތަކުގައި ފެންނަނީ ޑީއެންއާރުގެ މީޓީން ރޫމް ކަމަށް ވެސް އިއުތިރާފު ވެވަޑައިގެންފަ އެވެ. ނަމަވެސް، އެއީ މައްސަލައެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މީޓިން ރޫމް ހުރީ ޑީއެންއާރުގެ އޮފީސް ތެރޭގައި ނަމަވެސް އެއީ އެ އޮފީހުގެ އިދާރީ މުވައްޒަފުން މަސައްކަތް ކުރާ ބަޔާއި ވަކިން ހުރި ތަނެއް ކަމަށެވެ.
"އެ މީޓީން ރޫމަކީ މަސައްކަތުގެ މާހައުލާ ވަކިން މަސައްކަތާ އެއްވެސް ގުޅުމެއް ނެތް ގޮތެއްގައި ސެންޓްރަލްކޮށް، މުއައްސަސާގެ، މިނިސްޓްރީގެ އެހެނިހެން ޑިޕާޓުމެންޓުތަކުން ވެސް އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރުމުން ބޭނުން ކުރެވޭ ގޮތަށް ހުރި ތަނެއްގެ ވާހަކަ ތި ވިދާޅުވަނީ، އެހެންވީމާ އެތަނުގައި، އެތާ ތެރޭގައި އަޅުގަނޑުމެން ގެންގޮސްފައި އޮތް މަސައްކަތެކޭ އިޝާރާތް ތި ކުރާ މަސައްކަތަކީ ތި ދެންނެވި ބީދައިން ވަކިން ހުރި މީޓިން ރޫމެއްގެ ތެރެއިން ކުރެވިފައި އޮތް މަސައްކަތެއް،" ދައުރުވަމުންދާ ފޮޓޯތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުލްމަޖީދު ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އަބްދުލްމަޖީދުގެ އިތުރުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ޑެޕިއުޓީ މިނިސްޓަރު، އަހުމަދު އާލީ ވެސް ފަހުން ވަނީ ދެކޮޅު ހަދައި ނޫސްވެރިންނަށް ފިއްލަވައިފަ އެވެ.
ޑީއެންއާރުގެ މީޓިން ރޫމުގައި ޕީއެންސީގެ ފޯމުތައް ފުރިއިރު، އެތަނުގައި އަބްދުލްމަޖީދުގެ އިތުރުން އަހުމަދު އާލީ އާއި ހޯމް މިނިސްޓަރު، އިހުސާން ވެސް އިންނަވާ މަންޒަރު ސޯޝަލްމީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުން ފެނެ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އާލީ ދޮގު ހެދިއިރު، އަބްދުލްމަޖީދު ސީދާ ޖަވާބެއް ނުދެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment