Advertisement

ފަޒުލްގެ މައްޗަށް ފުލުހުން ކުރަނީ ލިޔެކިޔުން ނައްތާލި ކަމުގެ ތުހުމަތު، ތަހުގީގުކޮށް ބަޔާން ނަގައިފި

21 ޖަނަވަރީ 2025 - 15:19 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު: ފަޒުލްގެ މައްޗަށް ލިޔެކިޔުން ނައްތާލި ކަމުގެ ތުހުމަތު ކަމަށާއި ތަހުގީގުކޮށް ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު


ފަޒުލްގެ މައްޗަށް ފުލުހުން ކުރަނީ ލިޔެކިޔުން ނައްތާލި ކަމުގެ ތުހުމަތު، ތަހުގީގުކޮށް ބަޔާން ނަގައިފި

21 ޖަނަވަރީ 2025 - 15:19 2

މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ ވެރިޔާ ފަޒުލް ރަޝީދުގެ މައްޗަށް ކުރަނީ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ފަޒުލްއާ ސުވާލުކޮށް ބަޔާން ނެގީ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރި މަސައްލައިގައި ކަމަށެވެ.

"ފަޒުލްގެ މައްޗަށް ކުރަނީ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފަޒުލް ފުރުން މަނާކޮށް ނެރެފައި އޮތް އަމުރު އަދިވެސް އެބަ އޮތްކަން ފާހަގަކޮށް ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވަގު ގޯތިތަކުގެ މައްސަލައިގައި ފަޒުލް ސަސްޕެންޑު ކޮށްފައި ހުންނަވަނިކޮށް، ޑިސެމްބަރު 21، އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ފަޒުލް އިސްތިއުފާ ދެއްވުމުގެ ކުރިން ޑިސެމްބަރު 19، ގައި ގޯތި ވައްކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ މައްޗަށް އޭރު އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ބުންޏެވެ.

މިއީ ގޯތި ވައްކަމާ ގުޅިގެން ފަޒުލްގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރާކަން ފުލުހުން ހާމަކުރި ފުރަތަމަ ފަހަރެވެ.

އެ މައްސަލައިގައި ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވެ އެވެ. ނަމަވެސް އެކަން ތިލަވި ފަހުން ލޯންޗު ފެރީގެ ހިދުމަތް ދޭ ރިލެކްސް ފެރީ ސާވިސްއިން ވަނީ ފަޒުލްގެ ކުންފުންޏަކަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދިން ކަމަށް ބުނެފަ އެވެ.

ގޯތި ވައްކަމުގެ މައްސަލައިގައި ފަޒުލްގެ އިތުރުން، އޭނާގެ ބޭބެ، ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިގޮތަށް ދޫކުރި އެއް ގޯތީގެ ވެރިފަރާތް ކަމަށް ބުނެ ލިޔެކިޔުން ހުށަހެޅި އެކަކީ އޭނާ އެވެ.

ގޯތިތަކުގެ މައްސަލަ ޖުލައި މަހު އެނގުނު ނަމަވެސް، ޖިނާއީ ތަހުގީގެއް ކުރަން ހުށަނާޅައި ފަޒުލް އެކަންކަން ސިއްރުކުރި އެވެ. އެއަށް ފަހު މައްސަލަ ފަޅައި އެރުމާ ހަމައަށް 50 އަށް ވުރެ ގިނަ ގޯތި ވިއްކާފައިވާ ކަމަށްވެ އެވެ. އަދި ވިނަރެސް ފްލެޓާއި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ވެސް ވިއްކި ކަމަށްވެ އެވެ.

އެޗްޑީސީގެ މައްސަލަތައް އޭސީސީ އާއި ފުލުހުން ދަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކާ މާ ބޮޑު ތަފްސީލުތަކެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.