21 ޖަނަވަރީ 2025 - 07:07 2
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ވާދޫ އިޔާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލު ކުރަން ބޭނުން ކަމަށާއި އެކަމަކު އެއީ ވައުދެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
21 ޖަނަވަރީ 2025 - 07:07 2
ރ. ވާދޫއަކީ ހަމައެކަނި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ރަށަކަށް މި ދައުރު ތެރޭގައި ހަދަން ބޭނުންވާ ކަމަށާއި އެކަމަކު އެއީ ވެވަޑައިގަންނަވާ ވައުދެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރާއި ރައްޔިތުން ގުޅިގެން ވާދޫގެ ރައްޔިތުން ބޭނުންވާނަމަ ހަމައެކަނި އިޔާދަކުރަނިވި ހަކަތައިން ހިންްގާ ރަށަކަށް އެ ރަށް ބަދަލު ކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގައި ތިއެބެވި ކަމަށްވަންޏާ އަޅުގަނޑުމެންނަށް ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މި ރަށުގެ ގެތަކާއި ހިދުމަތް ދޭ މަރުކަޒުތަކާއި ހުރިހާ ތަނަކީ އިޔާދަކުރަނިވި ހަކަތައިން ރަން ކުރާ ރަށަކަށް ހެދިދާނެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އެކަން ކުރަން ގަސްތުކުރާ ވާހަކަ. އެހެންނަމަވެސް ވައުދެއް ނޫން. ރައްޔިތުން ބޭނުންފުޅު ވެލައްވަންޏާ އަޅުގަނޑު ދެކެން ބޭނުންވަނީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ނިމިގެންދާއިރުގައި މި ރަށް މިއީ މޮޑެލް ރަށަކަށް ހެދުން. މުޅި ރަށް އެއްކޮށް އިޔާދަކުރަނިވި ހަކަތައިން ބޭނުން ކުރާ ރަށަކަށް ހެދުން."
އެމަނިކުފާނު ވަނީ ވާދޫގެ ރައްޔިތުން އަމިއްލައަށް އިސް ނަގައިގެން އެ ރަށުގައި އިޔާދަކުރަނިވި ހަކަތައިގެ ދަށުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާކަން ފާހަގަކުރައްވައި އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ދައުރު ނިމޭއިރަށް ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ތިން ބައިކުޅަ އެއްބަޔަށް ހިދުމަތް ދިނުމަކީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ގައުމީ ފެންވަރެއްގައި ކަނޑައަޅާފައި އޮތް އަމާޒު. އެއީ 2028 ވަނަ އަހަރު އަންނަ އިރަށް މުޅި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން މަދުވެގެން ތިންބައިކުޅަ އެއްބައި ހިދުމަތް ދޭން. ނޫނިއްޔާ އިޔާދަކުރަނިވި ހަކަތައިން ރަން ކުރާ ވަރަށް 33 ޕަސަންޓް ގާއިމު ކުރަން. އެއީ މުޅި ރާއްޖެ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ވާދޫއަކީ ހަމައެކަނި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ރަށަކަށް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި މުއައްސަސާތަކުގެ އިތުރުން ރަށުގެ ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ދިވެހީން
about 2 months ago
ބީ އެމް އެލް އިން ރަހުނު ނުކޮށް ސޯލާ އަށް ލޯނު ދޭތޯ ؟
އލފޟލ އަލީ
about 2 months ago
ޚިޔާލި ފޮލާ ކައްކާނީ ގޭގަ. ނުވާ ކަންކަން ކިޔައިދީ ރައްޔިތުންނަށް މަލާމަތްކުރާނެ ކަމެއްނެތް. ނުކުރެވެންޏާ ނުކިޔަބަލަ
Comment