ޗެލްސީން މޮޅެއް ހޯދައި ހާސްކަން ފިލުވާލައިފި

21 ޖަނަވަރީ 2025 - 05:31 0


ޗެލްސީން މޮޅެއް ހޯދައި ހާސްކަން ފިލުވާލައިފި

21 ޖަނަވަރީ 2025 - 05:31 0

ލަންޑަން (ޖެނުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 3-1 އިން މޮޅުވެ، ޗެލްސީން ހާސްކަން ފިލުވާލައިފި އެވެ.

މި މެޗުގެ ކުރިން ޗެލްސީން އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް މޮޅެއް ލިބިފައިނުވެ އެވެ. އެހެންވެ، އެ ޓީމަށް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އޮތީ ކުރިމަތިވެފަ އެވެ. އެކަމަކު، ރޭ ވުލްވްސް އަތުން ލިބުނު މޮޅާ އެކު، ލީގުގެ ހަތަރު ވަނަ އަށް ޖެހިލައި، ޗެލްސީން ވަނީ ހިތްހަމަޖެހުމެއް ހޯދައިފަ އެވެ.

ޗެލްސީ ހަތަރު ވަނަ އަށް އެރީ 22 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 22 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ. އަދި އެއް ވަނައިގައި އޮތް ލިވަޕޫލަށް 21 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ވަނީ 22 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ރޭގެ މެޗުގައި ލީޑުނެގީ، ޓޮސިން އަޑަރަބިއޯޔޯ ޖެހި ގޯލުންނެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ވުލްވްސްގެ މެޓް ޑޮހަޓީ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ.

ޗެލްސީން ދެ ވަނަ ފަހަރަށް ލީޑުނެގީ 60 ވަަނަ މިނިޓްގައި ޕްރިމިއާ ލީގުގައި 100 ވަނަ މެޗުގައި ރޭ ކުޅުނު ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭލާ އެވެ. އޭގެ ހަ މިނިޓް ފަހުން، ނޯނީ މަޑުއޭކޭ ވަނީ ޗެލްސީގެ ތިން ވަަނަ ގޯލު ޖަހައިފަ އެެވެ.