Advertisement

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަތް މީހުންނަށް ޓްރަމްޕް މައާފު ދީފި

21 ޖަނަވަރީ 2025 - 07:22 0

ޖެނުއަރީ 6، 2021 ގައި އެމެރިކާގެ ކެޕިޓޯލް އަށް ޓްރަމްޕް ސަޕޯޓަރުން ވަދެގަތުމަށްޓަކައި ފުލުހުންނާއި ސަލާމަތީ ބާރުތަކާ ކުރިމަތިލަނީ -- ގެޓީ އިމޭޖްސް


އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަތް މީހުންނަށް ޓްރަމްޕް މައާފު ދީފި

21 ޖަނަވަރީ 2025 - 07:22 0

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ، ކެޕިޓޯލް އަށް ޖެނުއަރީ 6، 2021 ގައި ވަދެގަނެ ހަމަނުޖެހުން ހިންގި ޕްރައުޑް ބޯއީސް އާއި އޯތު ކީޕާސް ގޭންގު މެންބަރުންގެ އަދަބު ލުއިކޮށް، އެ ހަމަނުޖެހުމުގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކަށް މައާފު ދީފި އެވެ.

"އެއީ ރަހީނުކޮށްފައި ތިބި މީހުން،" އެމެރިކާގެ 47 ވަނަ ރައީސްގެ ހުވާ ކުރެއްވުމަށް ފަހު ޑޮނަލްޑް ޓަރަމްޕް ހޯމަ ދުވަހު ވިދާޅުވި އެވެ. އޭގެ ގާތްގަނޑަކަށް 1500 މީހުންނަށް ފުރިހަމަ އަފޫއާންމެއް ދިނެވެ. އޭގެ ތެރޭގައި ފުލުހުންނަށް ހަމަލާ ދިން މީހުންނާއި ކެޕިޓޯލްގެ މުދަލަށް ގެއްްލުން ދިން އެތައް ސަތޭކަ ބަޔަކު ވެސް ހިމެނެ އެވެ.

ގޭންގުތަކާއި ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަތީ، އެ މަނިކުފާނު ގެއްލުނު 2020 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ތަސްދީގު ކުރަން ބޭއްވި ޖަލްސާއަށް ހުރަސް އެޅުމަށެވެ.

އެ ޖަލްސާ ހިނގަމުން ދަނިކޮށް 2000 އަށް ވުރެ ގިނަ މީހުން ކެޕިޓޯލް އަށް ވަދެގަތެވެ. އެކަން ހިނގީ، ކެޕިޓޯލްއާ މާ ދުރު ނޫން ހިސާބެއްގައި ޓްރަމްޕް ބޭއްވި އެއްވުމެއްގައި ކެޕިޓޯލް ވަންނަން ދިޔުމަށް އެމަނިކުފާނު ގޮވައިލެއްވުމުންނެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން 1،580 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކޮށް، ގާތްގަނޑަކަށް 1،270 މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ. ކުށް ސާބިތުވި ބައެއް މީހުންނަށް އިއްވި ހުކުމުން ފުރިހަމަކޮށް މިނިވަން ވެސް ވެފައިވެ އެވެ.

މިހާރު ޖަލުގައި ތިބި މީހުންގެ އަދަދު ލުއިކޮށް ދިނުމާއެކު އެ މީހުން ޖަލުން މިނިވަން ވާނެ އެވެ.

ޖެނުއަރީ 6، 2021 ގެ ހަމަ ނުޖެހުން ޓްރަމްޕް ސިފަ ކުރައްވާފައި އޮތީ ސުލުހަވެރި ހަރަކާތެއްގެ ގޮތުގަ އެވެ. ނަމަވެސް، އެ ދުވަހު ގިނަ އަދަދެއްގެ ފުލުހުންނަށް އަމަލާދީ، ކެޕިޓޯލް އިމާރާތަށް ގެއްލުން ދިނެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އަނިޔާ ލިބުނު ޕޮލިސް އޮފިސަރަކު އޭގެ އެއް ދުވަސް ފަހުން މަރުވެފައިވެ އެވެ.

އެ ޕޮލިސް އޮފިސަރުގެ ބޭބެ ވަނީ ޓްރަމްޕުގެ އަފޫއާންމު ކުށްވެރިކޮށްފަ އެވެ.

ގާނޫނު އަދާ މަޖިލީހުގެ އެ ދުވަހުގެ ޖަލްސާ އަށް ހުރަސް އެޅުމަށް ކެޕިޓޯލް އަށް ވަޑައިގަތުމަށް ޓްރަމްޕް ވެސް ބޭނުންވި އެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ އެ މަނިކުފާނުގެ ބޮޑީގާޑުންނެވެ.