Advertisement

ޓްރަމްޕުގެ ފިޔަވަޅުތައް: ޑްރަގު ކާޓެލްތައް ޓެރަރިސްޓުންނަށް, ހިޖުރަކުރުން މައިތިރިކުރަން ސިފައިން ބޯޑަރަށް

20 ޖަނަވަރީ 2025 - 23:18 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ޓްރަމްޕު ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ: އެމަނިކުފާނުގެ ރިޔާސީ ދައުރު ވެގެން ދާނީ އެމެރިކާގެ ރަން ޒަމާނަށް ކަމަށް ވިދާޅުވި -- ފޮޓޯ: އޭޕީ


ޓްރަމްޕުގެ ފިޔަވަޅުތައް: ޑްރަގު ކާޓެލްތައް ޓެރަރިސްޓުންނަށް, ހިޖުރަކުރުން މައިތިރިކުރަން ސިފައިން ބޯޑަރަށް

20 ޖަނަވަރީ 2025 - 23:18 0

މެކްސިކޯގައި ހަރަކާތްތެރިވާ ޑްރަގު ކާޓެލްތައް ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކަނޑަައަޅައި, ގަވާއިދާ ހިލާފަށް އެމެރިކާއަށް އެތެރެވާން މަސައްކަތްކުރާ ހިޖުރަވެރިން ހުއްޓުވަން ސިފައިން ބޯޑަރަށް ފޮނުވާނެ ކަމަށް އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި ހުވާކުރެއްވުމަށް ފަހު, ރައީސްއަށް ލިބިލައްވާ ބާރުގެ ދަށުން އެމަނިކުފާނު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް ހާމަކުރައްވަމުން ޓްރަމްޕު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެސް ކުރައްވާނެ ކަމަށް ވިދާޅުވި ކަންކަމެވެ.

ކެމްޕެއިންގައި ޓްރަމްޕް ހައްލުކުރައްވާނެ ކަމަށް ވައުދުވެޑައިގެންނެވި އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް އެމެރިކާގައި ދިރިއުޅޭ ހިޖުރަވެރިންނާއި އެ ގައުމަށް އެތެރެވާން މަސައްކަތްކުރާ ހިޖުރަވެރިންގެ މައްސަލަ އެވެ.

މި ވައުދު ފުއްދަވައި ދެއްވުމުގެ ގޮތުން ކުއްލި ހާލަތު އިއުލާންކޮށް އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރު ދޮށަށް ސިފައިން ފޮނުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ކުރިން ރައީސްއަކަށް ހުންނެވިއިރު, ތައާރަފުކުރެއްވީ "ރިމެއިން އިން މެކްސިކޯ" ސިޔާސަތު އިޔާދަކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

"ރިމެއިން އިން މެކްސިކޯ" ސިޔާސަތުގެ ދަށުން, އެމެރިކާގައި ވަޒަންވެރިވާން ބޭނުންވާ ހިޖުރަވެރިންނަށް, އިމިގްރޭޝަން މައްސަލަތަކުގެ އަޑުއެހުންތައް ނިމެންދެން މެކްސިކޯގައި ތިބެން މަޖުބޫރުވާނެ އެވެ.

މެކްސިކޯއާ ގުޅުވައި ޓްރަމްޕް އަޅުއްވާ އަނެއް ފިޔަވަޅަކީ އެމެރިކާއަށް އެންމެ ގިނަ އަދަދަކަށް ޑްރަގު ޓްރެފިކްކުރާ މެކްސިކޯގެ ބާރުގަދަ ޑްރަގު ކާޓެލްތައް ބޭރުގެ ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކަނޑައެޅުމެވެ. މިއާއެކީގައި އެ ކާޓެލްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި ކާޓެލްތަކުގައި ހަރަކާތްތެރިވާ މީހުންނަށް މާލީ އަދި ދަތުރުކުރުމުގެ ހުރަސްތައް އަޅަން މަގުފަހިވެގެން ދާނެ އެވެ.

އޭގެ އިތުރުން ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ހަރަކާތްތެރިވާ ބޭރުގެ ގޭންގުތަކާއި ޖިނާއީ ކުށްތަކަށް އަރިގަންނަ "ކްރިމިނަލް ނެޓުވޯކުތައް" އެ ގައުމުން އެއްކޮށް ނައްތާލާނެ ކަމަށެވެ. މިއީ ވެސް ކެމްޕެއިންގެ ތެރޭގައި ޓްރަމްޕް ވަރަށް ގިނައިން ދެއްކެވި ވާހަކައެކެވެ. އަދި މިފަދަ ގޭންގުތަކުގައި ގިނައިން ހަރަކާތްތެރިވަނީ ގަވާއިދާ ހިލާފަށް އެމެރިކާގައި ދިރިއުޅޭ ހިޖުރަވެރިން ކަމަށް މިރޭ ވެސް ވިދާޅުވި އެވެ.

ކުށްތަކާއި ޑްރަގުތައް ހުއްޓުވަން އަޅާ ފިޔަވަޅުތަކުގެ އިތުރުން, އިންފްލޭޝަން ދަށްކުރުމަށާއި ތެޔޮ އުފެއްދުން އިތުރުކުރަން ވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެ ގޮތުން އަގުތައް ކުޑަކުރުމަށް މުޅި ކެބިނެޓަށް އިރުޝާދު ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ގައުމީ ހަކަތައިގެ ކުއްލި ހާލަތު އިއުލާންކޮށް, ތިމާވެއްޓަށް ގެއްލުން ވެދާނެތީ ތެޔޮ ނަގަން ހުރި އިދާރީ ހުރަސްތައް ނައްތަވާލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޓްރަމްޕުގެ ވާހަކައިގައި އެމަނިކުފާނު ވިދާޅުވީ މި ހަތަރު އަހަރުގެ ދައުރުގެ ވެގެންދާނީ އެމެރިކާގެ ރަން ޒަމާނަށް ކަމަށާއި ހިފަހައްޓާނީ އެމެރިކާ ފުރަތަމަ ސިޔާސަތެއް ކަމަށެވެ. އަދި ޕެނެމާ ކެނަލް އަނބުރާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް, އެމެރިކާއަށް ރަނގަޅު ގޮތް އަބަދު ވެސް އިސްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.