މަގާމު ބަދަލު ކުރި ހަތަރު ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި

20 ޖަނަވަރީ 2025 - 05:58 0

އަހުމަދު އާއިދު

އ

މަޖިލީހުގެ ރުހުން ހޯދަން ފޮނުވި ހަތަރު މިނިސްޓަރުން -- ފޮޓޯ: ރައީސް އޮފީސް


މަގާމު ބަދަލު ކުރި ހަތަރު ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި

20 ޖަނަވަރީ 2025 - 05:58 0

ބައެއް މިނިސްޓްރީތަކެއް އެއްކޮށްލައި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލާ ގުޅިގެން މަގާމު ބަދަލުވި ހަތަރު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ބައްދަލުވުމުގައި ރުހުން ދޭން ފާސްކުރީ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އެގްރިކަލްޗާ އެންޑް ވެލްފެއާ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާގެ އިތުރުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު އަށެވެ.

އޭގެ ތެރެއިން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު އަށް ރުހުން ދޭން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ދެން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު ރުހުން ދިން ވަޒީރުންނަކީ މީގެ ކުރިން ވެސް ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް މަޖިލީހުގެ ރުހުން އަލުން ހޯދަނީ މިނިސްޓްރީތަކެއް އެއްކޮށްލައި ގެނައި ބަދަލާ ގުޅިގެންނެވެ.

މިދިޔަ ޑިސެމްބަރު 26، ގައި ރައީސް މުއިއްޒު ގެންނެވި ބަދަލުގެ ދަށުން ހައުސިން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ޕްލޭނިންގެ މަސައްކަތްތައް ފިނޭންސަށް އަދި ހައުސިންގެ މަސައްކަތްތައް ކޮންސްޓްރަކަޝަން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލު ގެންނެވުމަށްފަހު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ބަދަލު ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރަށެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ ބަދަލު ކުރެއްވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއަށެވެ.