20 ޖަނަވަރީ 2025 - 10:26 0
ޔުނައިޓެޑްގެ ކީޕަރު އޮނާނާ ރޭގެ މެޗުގެ ތެރެއިން.
20 ޖަނަވަރީ 2025 - 10:26 0
މެންޗެސްޓާ (ޖެނުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސްވިޗް ޓައުން އަތުން 6-0 އިން މެންޗެސްޓާ ސިޓީން ބޮޑު މޮޅެއް ހޯދިއިރު، އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް 3-1 އިން ބްރައިޓަން އަތުން ބަލިވެއްޖެ އެވެ.
މި މޮޅާ އެކު ސިޓީން ލީގުގެ ހަތަރު ވަނަ އަށް ޖެހިލީ 22 މެޗުން 38 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ރޭގެ މެޗުން ބަލިވެ، 13 ވަނައިގައި އޮތީ 22 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.
ޔުނައިޓެޑް ދަނޑުގައި ރޭ އެ ޓީމު ކޮޅަށް ބްރައިޓަން އިން ލީޑުނެގީ ޔަންކޫބާ މިންޓޭ ޖެހި ގޯލުންނެވެ. ޔުނައިޓެޑުން ވަނީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީން އެއްވަރުކޮށްފަ އެވެ. ކައޯރޫ މިޓޯމާ ވަނީ ދެ ވަނަ ހާފުގައި ގޯލު ޖަހައި، ބްރައިޓަން އަށް ލީޑުނަގައިދީފަ އެވެ. ބްރައިޓަންގެ ތިން ވަނަ ގޯލު ޖިއޮޖީނިއޯ ރޫޓެއާ ޖެހީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ހެދި ގޯހަކުންނެވެ.
މިއީ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވި ޖެހިޖެހިގެން ތިން ވަނަ ފަހަރެވެ. ރޭގެ މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމް ބުނެފައިވަނީ، މިއީ، ޔުނައިޓެޑްގެ 147 އަހަރުވީ ތާރީހުގައި ވެސް ފެނިގެންދާ އެންމެ ދަށް ޓީމަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އިޕްސްވިޗު ދަނޑުގައި ސިޓީ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، ފިލް ފޯޑެން ދެ ގޯލާއި، ޖޭމްސް މެކްއަޓީ، މަޓެއޯ ކޮވަސިޗް، ޖެރެމީ ޑޮކޯ އަދި އާލިން ބްރައުޓް ހާލަންޑް، މީގެއިން ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
މިއީ މި ސީޒަނުގައި ވަރަށް ބޮޑަށް ފޯމު ގެއްލިފައިވާ ސިޓީން ލީގުގައި ހޯދި އެންމެ ބޮޑު މޮޅެވެ.
ލީގުގެ ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި އެންމެ ފުލުގައި އޮތް ސައުތެމްޓަން އަތުން މޮޅުވީ 3-2 އިންނެވެ. ނޮޓިންހަމް ތިން ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އާސެނަލާ އެއްވަރަށް 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް 21 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.
އެވަޓަން އިން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިން މޮޅުވެފަ އެވެ.
Comment