Advertisement

ބެސްޓިނެޓުގެ މައްސަލަ ބަލަން ޖެހޭ، އިހުސާންގެ މައްސަލައެއް އޮތް ނަމަ މަގާމުން ވަކިކުރަން ޖެހޭނެ: އުމަރު

20 ޖަނަވަރީ 2025 - 07:53 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން


ބެސްޓިނެޓުގެ މައްސަލަ ބަލަން ޖެހޭ، އިހުސާންގެ މައްސަލައެއް އޮތް ނަމަ މަގާމުން ވަކިކުރަން ޖެހޭނެ: އުމަރު

20 ޖަނަވަރީ 2025 - 07:53 1

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުން ހަރަދުކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، އެ މަސައްކަތް މެލޭޝިއާ އަމިއްލަ ކުންފުންޏެއް ކަމުގައިވާ ބެސްޓިނެޓާ ހަވާލުކުރި މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލްގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މެލޭޝިއާ އަށް ކުރި ރަސްމީ ދަތުރުގައި، ބެސްޓިނެޓުން ބައްދަލުކޮށް އެކްސްޕެޓު ސިސްޓަމް ވިއްކަން ހުށަހެޅި ކަމަށެވެ. ނަމަވެސް އެކަމަށް އެއްބަސް ނުވީ އެ ކުންފުނީގެ ފަހަތުގައި ހިޔާނާތުގެ ތުހުމަތު އޮތުމާއި، ފަސްބައި ސާފު ނުވުމުން ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ބެކްރައުންޑު ބެލިއިރު އެއީ ޑީލްކުރާވަރުގެ ބައެއް ނޫން،" އުމަރު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އެކްސްޕެޓު ސިސްޓަމް، ބެސްޓިނެޓާ ހަވާލުކުރަން ސޮއިކުރީ އުމަރު ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން، އޮކްޓޯބަރު 2016 ގަ އެވެ. އުމަރު މަގާމުން އިސްތިއުފާ ދެއްވީ އެ އަހަރުގެ ޖޫން މަހު އެވެ.

އެފަދަ ކުންފުންޏަކަށް އެކްސްޕެޓު ސިސްޓަމް ދޭން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ނިންމާފައި އޮތުމުން، އެކަން ބަލައި އިހުސާން ކުށްވެރި ވާނަމަ މަގާމުން ވެސް ވަކިކުރަން ޖެހޭނެ ކަމަށް އުމަރު ގަބޫލު ކުރައްވަ އެވެ.

"އިހުސާން ކުންވެރިވާނަމަ ވަކިވެސް ކުރަންޖެހޭނެ،" އުމަރު ވިދާޅުވި އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ބޭރުގެ ކުންފުންޏަކާ ހަވާލު ކުރަން ނުޖެހޭ ކަމަށާއި، އެކަން މާ އަގުހެޔޮކޮށް ކުރެވޭނެ ގާބިލް ދިވެހި ކުންފުނިތައް އެބަހުރި ކަމަށް އުމަރު ވިދާޅުވި އެވެ.

ދިވެހިރާއްޖެ އަށް އަންނަ މީހުންނާއި ފުރާ މީހުންގެ މައުލޫމާތަކީ ދިވެހި ސަރުކާރުން ރައްކާކޮށް ބަލަހައްޓަންޖެހޭ އެއްޗެއް ކަމަށާއި އެފަދަ މައުލޫމާތު ތިން ވަނަ ގައުމަކަށް އެނގޭ ކަމުގައި ވާނަމަ އެއީ މައްސަލައެއް ކަމަށް ވެސް އުމަރު ފާހަގަ ކުރެއްވި އެވެ.

"ދިވެހިރާއްޖެއަކީ މިނިވަން ގައުމެއް. ތި ސިސްޓަމް ތައްޔާރު ކުރަން ވާނީ ދިވެހިން. ދިވެހިންގެ ފުލް ކޮންޓްރޯލްގެ ދަށުގައި ތި އޮންނަން ވާނީ،" އޭނާ ވިދާޅުވި އެވެ.

ބެސްޓިނެޓަކީ ކޮރަޕްޝަނާއި އޮޅުވާލުމާއި މަކަރު ހެދުމުގެ ސީރިއަސް ތުހުމަތުތަކެއް އޮތް ކުންފުންޏެކެވެ. މެލޭޝިއާގެ އިތުރުން ބަންގްލަދޭޝާއި ނޭޕާލުގައި ވެސް އެ ކުންފުންޏަށް ތުހުމަތުތަކެއް ކުރެވި ބައެއް ކަންކަން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މިނިވަން ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ބެސްޓިނެޓަކީ އެ ގައުމުގެ ޝާހީ އާއިލާއާއި ބާރުގަދަ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާ ގުޅުން އޮތް ކުންފުންޏެކެވެ.

މިފަދަ ފަތިފުށެއް އޮތްއިރު އެކަމަށް މި ސަރުކާރުން ރިޔާއަތް ނުކުރެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވެފައި ވަނީ ބެސްޓިނެޓާއެކު އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވީ 2016 ގައި ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން ކަމަށެވެ.

ޔާމީން ސަރުކާރުގައި ސޮއިކުރި އެއްބަސްވުމަށް އެމްޑީޕީ ސަރުކާރުން އަމަލު ނުކޮށް ބާއްވާފައި އޮތްއިރު، ބެސްޓިނެޓުން އެ މައްސަލައިގައި ބަދަލެއް ހޯދަން ކޯޓަކަށް ނުދެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލުން އެ އެއްބަސްވުން ކުރިއަށް ގެންދަން ނިންމުމާއެކު، 15 އަހަރު ދުވަހުގެ މުއްދަތަށް އެ ކުންފުންޏަށް 6.9 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.

ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ. މިއީ މިހާތަނަށް އެނގިފައިވާ މިންވަރެވެ.