ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ ތުހުމަތު ކުރެވޭ އެންމެނަށް ހަމަހަމަކަމާއެކު އަމަލު ކުރެވިގެން: ރައީސް

19 ޖަނަވަރީ 2025 - 19:09 1

މުހައްމަދު ޝަހްޒާން

މ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ ތުހުމަތު ކުރެވޭ އެންމެނަށް ހަމަހަމަކަމާއެކު އަމަލު ކުރެވިގެން: ރައީސް

19 ޖަނަވަރީ 2025 - 19:09 1

ރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ އެންމެންނާ މެދުގައި ވެސް ހަމަހަމަކަމާއެކު އަމަލު ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އެ މައްސަލާގައި ދައުވާ އުފުލި ހަތަރު މީހުންނާއެކު ވެފައިވާ އިމިއުނިޓީ އެއްބަސްވުންތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު އުވައިލުމުން އެކަމަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ޒަމާނުއްސުރެ މި ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މި ގައުމުން ނައްތައިލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ ހުރިހާ ފަރާތަކާމެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު އަމަލު ކުރެވިގެން،" ރައީސް ލިޔުއްވާފައިވެ އެވެ.

ޕީޖީ އޮފީހުން މިއަދު އުވާލައިފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެ މައްސަލާގައި ދައުވާ އުފުލި މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އާއި ގ. އޮއިވާލި، މުހައްމަދު ހުސައިނާއި މ. ލޭންޑް އޮފް ގާޑެން، އަހްމަދު އިޝްފާހު އަލީ އާއެކު ހަދާފައިވާ އިމިއުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެވެ.

އެ މީހުންނާއެކު ޕީޖީން މީގެ ކުރިން އެއްބަސްވުންތަކެއް އެކުލަވައިލީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށާއި ކޮރަޕްޝަނުގެ ތެރެއިން ގެއްލުވާލި ފައިސާ އަނބުރާ ހޯދުމުގެ ބޭނުމުގަ އެވެ.

އެހެންނަމަވެސް އެ މީހުންނާއެކު ވެފައި އޮތް އެއްބަސްވުންތައް ނިމުމަކަށް މިއަދު ގެނައީ މައްސަލައިގެ ތަހުގީގަށާއި ދައުލަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައި ވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް، އައްބާސް ޝަރީފް މިއަދު ވިދާޅުވި އެވެ.

ކޮރަޕްޝަން ނައްތައިލެވޭނީ އެކަމުގެ ތުހުމަތު ކުރެވޭ ހުރިހާ އެންމެންނާމެދު އެއްހަމައަކުން އަމަލު ކޮށްގެން ކަމަށް ރައީސް މިއަދު ވިދާޅުވިއިރު، ރައީސް މުއިއްޒުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ 10 އަކަށްވުރެ ގިނަ މައްސަލަ އޭސީސީގައި މިހާރުވެސް އެބަ އޮތެވެ.

އޭސީސީގައި އޮތް ރައީސްގެ މައްސަލަތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެމަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުގެ މައްސަލަތަކެވެ.

އޭގެތެރޭގައި ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏާ ހަވާލުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި، ފުލެޓު ލިސްޓުގައި އޮޅުވާލުން ހިންގެވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލަތަކެއް ވެސް ހިމެނެ އެވެ.

އޭގެއިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ އެތައް ބޭފުޅުންނެއް މިއަދުގެ ސަރުކާރުގަ އާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ޕީއެންސީ ތަމްސީލު ކުރައްވަ އެވެ.

އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް، ޔާމީން ޖަލަށް ލުމުން އެކަމާ ދެކޮޅަށް ވެސް ރައީސް މުއިއްޒު އޭރު އަޑު އުފުއްލެވި އެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު ރައީސް މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން ދަނީ ޔާމީނަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސައިޚް

3 months ago

ފުރަތަމ ހަމަ ހަމަ ކުރަން ހުރިމީހާ މީނަމީ، ނޫމަޑިކަންތަކުގަ، ހިޔާ ފުލެޓްކަންތަކުގަ، އޭގެފަހުން އެހްނ މީހުންގެ ކަންތަކާއުޅެންވާނީ،