Advertisement

ނުކުޅެދުންތެރިކަން ހުރި ކުއްޖަކަށް އަނިޔާކުރި ޓީޗަރު ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން ދޫކޮށްލައިފި

19 ޖަނަވަރީ 2025 - 17:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ ކްރިމިނަލް ކޯޓުގެ އިމާރާތް -- ފޮޓޯ: އަދަދު


ނުކުޅެދުންތެރިކަން ހުރި ކުއްޖަކަށް އަނިޔާކުރި ޓީޗަރު ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން ދޫކޮށްލައިފި

19 ޖަނަވަރީ 2025 - 17:42 0

މާލޭގެ ސްކޫލެއްގައި ތައުލީމު ހާސިލު ކުރަމުންދިޔަ ނުކުޅެދުންތެރިކަން ހުރި ދަރިވަރަކަށް އަނިޔާކުރި ޓީޗަރު ހައްޔަރުކޮށްގެން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ކުއްޖާއަށް އަނިޔާކުރި ޓީޗަރު ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޖެނުއަރީ 17، 2025 ވަނަ ދުވަހު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ، އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ޝަރުތުކޮށް ވަނީ ދޫކޮށްލާފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކޯޓުން އެ މީހާ ދޫކޮށްލި ނަމަވެސް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ދަރިވަރަކަށް ޓީޗަރަކު އަނިޔާކުރި މައްސަލަ ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލަ އެޑިއުކޭޝަނުން ބެލުމުގެ ބަދަލުގައި ފުލުހަށް ހުށަހެޅީ މައްސަލައިގެ ބާވަތުން ކަމަށެވެ.

"މައްސަލަ ހުށަހަޅާފައި އޮންނާނީ މިނިސްޓްރީގެ ސީދާ ނިޒާމުގެ ތެރެއިން، ދެން އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަ ވެސް ޖެހޭ، އެއީ ސްކޫލުގެ ފަރާތުން ޕްރޮމްޓްކޮށް އަޅުގަނޑުމެންނާ ހަމައަށް އައުން [ސިއްރު ނުކޮށް]، އައީމާ އަޅުގަނޑު އޭގެ މައުލޫމާތަށް ބަލާފައި އަޅުގަނޑަށް ގަބޫލު ކުރެވުނީ ކުއްޖަކަށް ޖިސްމާނީ އަނިޔާއެއްކޮށް ގައިގައި ޖަހާފައި ވާތީވެ އެ ކަންތައްތަކަށް ބެލީމާ މިއީ ހަމަ ޕޮލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހޭނެ ކަމެއް ވީމާ ޕޮލިހަށް ހުށަހެޅީ،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

އެ މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ ސީދާ އެއީ ކޮން ސްކޫލެއްގެ ދަރިވަރެއްކަން މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އަނިޔާ ލިބުނު ދަރިވަރަކީ ޕްރައިމަރީ ގްރޭޑުގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށް ޝަފީއު ވިދާޅުވި އެވެ.