19 ޖަނަވަރީ 2025 - 07:03 1
މުހައްމަދު ޝަހްޒާން
އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް
19 ޖަނަވަރީ 2025 - 07:03 1
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް ނޮވެމްބަރު 16، ގައި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ ވަގުތުން ހިދުމަތް ދޭން ފަށާ ގޮތަކަށް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ބޭންކުގެ ހިދުމަތް ދޭން ފަށަން ރާވާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. މިހާރު ކުރަމުން ދަނީ އެތަނުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޑީބީއެމްގެ ވިޔަފާރި މޮޑެލްގައި އިސްކަން ދެނީ އިންސްޓިއުޝަނަލް އިންވެސްޓަރުންނާއި ބޮޑެތި އުމްރާނި މަޝްރޫއުތަކަށް، އަދި ފަހުގެ މަރުހަލާއެއްގައި ރީޓެއިލް ހިދުމަތްތައް ތައާރަފު ކުރުމަށް ވަނީ ރޭވިފައި، މަރުހަލާތަކަކަށް ބަހާލައިގެން މިކަން ކުރުމުގެ އުސޫލެއް ގެންގުޅެނީ އިގުތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާ ވިސްނުމުގެ ތެރެއިން،" ސައީދު ވިދާޅުވި އެވެ.
ސައީދު މިއަދު އެހެން ވިދާޅުވި ނަމަވެސް، މިދިޔަ ނޮވެމްބަރު 16، ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑީބީއެމް ހުޅުއްވައިދެއްވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީއެއްގެ ގޮތުގަ އެވެ.
ސަރުކާރުން އޭރު ބުނީ އެ ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގައި މިހާރަށްވުރެ މާލުއި ގޮތްތަކެއް ފަހިވެގެން ދާނެ ކަމަށެވެ. އެތަނުގެ ހިދުމަތްތައް ފަށާނީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްލޭނެއްގެ ދަށުން ކަމަށް ސަރުކާރުން އޭރަކު ނުބުނެ އެވެ.
މިހާރު ކުރަމުން ދަނީ ޑީބީއެމްގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކަމަށް، ސައީދު ވިދާޅުވިއިރު، އާންމުކޮށް ބޭންކު ނުވަތަ އެފަދަ ހިދުމަތް ދޭ ތަންތަން ހުޅުވަނީ އިދާރީ އޮނިގަނޑު އެކުލަވައިލުމަށްފަހު، އެތަނުން ދޭ ބައެއް ހިދުމަތްތަކާ ވެސް އެކު އެވެ.
ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޮކްޓޯބަރު 13، 2024 ގައި ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ވެސް ކުރުމަށް ފަހު އެވެ.
ސައީދު މިއަދު ވިދާޅުވީ ޕަބްލިކް ފައިނޭންސް މެނޭޖު ކުރުމުގެ ގާބިލުކަމެއް ނެތް ޒިންމާދާރުކަން ކުޑަ ސަރުކާރަކުން ހޭވި ހަޑި މި ސަރުކާރުން ސާފުކުރަމުން ގޮސް އިގުތިސާދަށް ހަމަޖެހުން މިހާރު ގެނެވިފައިވާ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment